ދުނިޔެ

ވިއެޓްނާމްގެ ރައީސް އަވަހާރަވެއްޖެ

ވިއެޓްނާމްގެ ރައީސް ޓްރެއިން ޑައި ކްއޭން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.

ވިއެޓްނާމްގެ ކުރީގެ އިންޓަރނަލް ސެކިއުރިޓީގެ ޗީޕް ކަންވެސް ކުރައްވާފައިވާ ކްއޭންއަކީ ކޮމިއުނިސްޓް ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ނުފޫޒު ގަދަ ލީޑަރުންގެ ތެރެއިން އެއްބޭފުޅެވެ.

އުމުރުން 61 އަހަރުގެ ކްއޭން އަވަހާރަ ވެފައިވަނީ ވިއެޓްނާމްގެ ހަނޯއިގައި ހުންނަ މިލިޓަރީ ހޮސްޕިޓަލެއްގައެވެ. ވިއެޓްނާމްގެ މީޑިއާތައް ބުނާ ގޮތުގައި ކުއޭން އަވަހާރަވި އިރު ވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ ކަމަށާއި އެޤައުމާއި ޤައުމުން ބޭރުގެ އެތައް ޑޮކްޓަރުންނެއްގެ ފަރާތުން ފަރުވާ ހޯދާފައިވާ ކަމަށެވެ.

ވިއެޓްނާމްގެ ކުރީގެ ހެލްތު މިނިސްޓަރ، ރޮއިޓަރސް އަށް ދިން އިންޓަވިއު އެއްގައި ވިދާޅުވެފައިވާ ގޮތުގައި ކުއޭން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އޭނާގެ ބަލިއަށް ފަރުވާ ހޯދަމުންނެވެ. އަދި މިކަމާ އެތައް ފަހަރަކު ޖަޕާނުގެ ޑޮކްޓަރުންނަށްވެސް ވަނީ ދައްކަވާފައެވެ. ކުއޭން އަށް ޖެހިފައި ވަނީ އާންމުކޮށް މީހުނަށް ދިމާ ނުވާ ވައްތަރެއްގެ ވައިރެސް އަކާއެވެ. އަދި އެއީ އެހާ ފަސޭހައިން ފަރުވާ ހޯދޭނެ ބައްޔެއްވެސް ނޫން ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ކުއޭން އަވަހާރަވުމާ ގުޅިގެން ވިއެޓްނާމްގެ ވެރިކަން މިވަގުތަށް ހަވާލުވެފައި ވަނީ އެޤައުމުގެ ނައިބް ރައީސަށެވެ. އަދި މި އަހަރުގެ އޮކްޓޯބަރ ފަހުކޮޅު އާ ރައީސެއް ހޮވުމުގެ މަސައްކަތް ކުރާނެ ކަމަށް ވިއެޓްނާމްގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ އިއުލާން ކޮށްފައެވެ.