އަލީ އަޝްފާގު

އަޅުގަނޑު ނަގާ ފުރަތަމަ 11ގައި ދަގަނޑޭ ހިމެނޭނެ، އޭނާ ޓީމަށް ނަގަން ޖެހޭ: މަހުލޫފު

1

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އަކީ ގައުމީ ޓީމުގައި ހިމެނެން ޖެހޭ ކުޅުންތެރިއެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، އަންނަ މަހު ކުޅޭ ވޯލްޑް ކަޕް ކޮލިފައިންގެ ދެ މެޗަށް ނެގި ރާއްޖޭގެ ގައުމީ ސްކޮޑުގައި ދަގަނޑޭ ނުހިމެނުމުން އޭނާ ގައުމީ ޓީމަށް ނެގުމަށް ގޮވާލައި، ގިނަ ބަޔަކު އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.

މަހުލޫފު ވިދާޅުވީ ދިވެހި ސަޕޯޓަރުންގެ އެދުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ރަސްމީކޮށް ހިއްސާކޮށްދެއްވާނެ ކަމަށާއި މިނިސްޓަރު ނަންގަވާ ގައުމީ ޓީމުގެ ފުރަތަމަ 11ގައި ދަގަނޑޭ ހިމެނޭނެ ކަމަށެވެ.

"އަޅުގަނޑު ނަގާ ފުރަތަމަ 11ގައި އަލީ އަޝްފާގު ހިމެނޭނެ. ދަގަނޑޭއަކީ ގައުމީ ޓީމުގައި ހިމެނެން ޖެހޭ ކުޅުންތެރިއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. ދިވެހި ސަޕޯޓަރުންގެ އެދުން އެފްއޭއެމްއާ ރަސްމީކޮށް ހިއްސާކޮށްދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ސްކޮޑުގައި ދަގަނޑޭ ހިމަނާފައިނުވަނީ، ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި ވެސް އުފަލާއެކު ހިފާނެ ކަމަށް އޭނާ ބުނެފައިވަނިކޮށެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ގައުމީ ކޯޗު ޕީޓާ ސެގަޓް، ގައުމީ ޓީމުން ދަގަނޑޭއަށް ފުރުސަތު ނުދެނީ ޒާތީ ކަމެއްގެ ސަބަބުންނެވެ. އަދި ކޯޗުކަމުގެ މަގާމުން ސެގަޓް ދުރުކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގެ ކެޕްޓަނެއްގެ ދައުރު އަދާކުރި ދަގަނޑޭއަށް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސްކޮޑުން ވަކި ކުރި ފަހުން ދަގަނޑޭއަށް ގައުމީ ކޯޗު ޕީޓާ ސެގަޓް، ގައުމީ ޓީމުން ފުރުސަތެއް ދީފައެއް ނުވެއެވެ. އެފަހަރު ދަގަނޑޭ ސްކޮޑުން ވަކި ކޮށްފައިވަނީ އޭއެފްސީ ކަޕްގައި މިދިޔަ އަހަރުގެ މާޗް މަހު ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރު ނުވި މައްސަލައާ ގުޅިގެންނެވެ.

ސާބަސް

ކޯޗް އިސްތިއުފާ