ޚަބަރު

ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީ ވިލާ ރާއްޖޭގައި ހުޅުވައިފި

އަހުމަދު ޖައިޝަން

ހޮޓެލް އެންޑް ރިޒޯޓް ފްރެންޗައިޒް އެއް ކަމަށްވާ ކޮންރެޑް މޯލްޑިވްސް އިން ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީ ވިލާ ރާއްޖޭގައި ހުޅުވައިފި އެވެ.

ކޮންރެޑް މޯލްޑިވްސް އިން ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ވިލާ ހުޅުވާފައި ވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގައެވެ.

ކަނޑުއަޑީގައި މަސްތައް ވަށައިގެން ފެންނަ ކޮޓަރިއެއްގެ ތެރޭގައި ނިދާލުމުގެ ފުރުސަތު ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެ ވިލާގައި ރެއެއް ހޭދަކުރުމަށް 50،000 އެމެރިކާ ޑޮލަރު ހޭދަވާނެ އެވެ. އެއީ ރާއްޖޭގެ 773،000 ރުފިޔާއެވެ.

ދާދި ފަހުން ހުޅުވާފައިވާ ކަނޑުއަޑީ ވިލާ ފަރުމާކޮށްފައި ވަނީ ދެ ޑެކް ހިމެނޭގޮތަށެވެ. ވިލާގެ ތިރީ ޑެކް އަކީ ބެޑްރޫމް އެވެ. ބެޑްރޫމް އަށް ވާ ޑެކް ހުންނާނީ މޫދުގެ އެންމެ މަތީ ހިސާބުން ފަސްް މީޓަރު އަޑީގައެވެ.

މުޅި ވިލާގެ ބޮޑުބައި ބިއްލޫރިން ފަރުމާކޮށްފައިވާއިރު އެ ވިލާގައި ބެޑްރޫމްގެ އިތުރުން ބޮޑު ފާހާނާއަކާއި ސިޓިންރޫމެއް ހިމެނެއެވެ.

އިންޑިއާ ކަނޑުގެ އަޑީގެ ރީތި މަންޒަރުތައް ކައިރިން ދައްކާލުމަށް ތައްޔާރުކުރި އެ ލަގްޒަރީ ވިލާގެ މަސައްކަތަށް 15 މިލިއަން އެމެރިކާ ޑޮލަރު ހޭދަވިއެވެ.

"މުރަކަ"ގެ ނަމުގައި ހުޅުވި އެ ވިލާ ޑިޒައިންކޮށްފައި ވަނީ "ކްރައުން ކޮމްޕެނީ"ގެ އާކިޓެކްޓުންނެވެ. އަދި އެ ވިލާ އިމާރާތްކޮށްފައި ވަނީ ނިއުޒީލެންޑްގެ އެމްޖޭ މާފީ ކިޔާ ކުންފުންޏަކުންނެވެ. އެކުންފުންޏަކީ އެކުއޭރިއަމް ޓެކްނޮލޮޖީގެ މާހިރުންނެވެ.

ވިލާގެ މަތީ ޑެކު ހުންނާނީ މޫދުން މަތީގައެވެ. އެ ޑެކުގައި ޓްވިން ސައިޒް ބެޑްރޫމް އަކާއި ފާހާނައާއި ޕައުޑަރ ރޫމް އާއި ޖިމް އާއި ބަޓްލަރ ކުއަރޓަ އާއި ސެކިއުރިޓީ އާއި ސިޓިންރޫމް އާއި ކިޗެން ބާ އެއްގެ އިތުރުން ޑައިނިން ރޫމް އެއްވެސް ހުންނާނެއެވެ.

މުރަކަ ވިލާގެ މަތީ ޑެކްގައި އިންފިނިޓީ ފޫލް އެއް އިންނައިރު އެ ވިލާގައި ޖުމްލަ ނުވަ ގެސްޓަކަށް އެކީގައި ތިބެވޭނެއެވެ.