ގައުމީ ވޮލީބޯޅަ ޓީމު

ސެންޓްރަލް ޒޯން ވޮލީ މުބާރާތަށްފަހު ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ

އަލީ ރިފްޝާން

މިމަހު ނޭޕާލުގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށްފަހު ތަޖުރިބާކާރު ކުޅުންތެރިޔާ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

ގައުމީ ވޮލީ ޓީމަށް 15 އަހަރު ދުވަހު ކުޅުމަށްފަހު ލޯންގޭ، ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން އިއުލާންކުރީ ސޯޝަލް ސެންޓަރުގައި ރޭ ސްރީލަންކާއާއި ރާއްޖެ ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިންނެވެ.

ލޯންގޭ ގައުމީ ޓީމަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް ވަނީ ހިދުމަތުގެ އަގުވަޒަންކުރުމުގެ ހަނދާނީ ފިލައެއް އަރުވައިފައެވެ. ރޭގެ މެޗުގެ ތެރެއިން ލޯންގޭއާ އެ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މެދުކެނޑުމެއްނެތި 2004 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ ލޯންގޭ ވަނީ ސަރަހައްދީ ފެންވަރުގައި ގައުމީ ޓީމާއެކު ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ސެންޓްރަލް ޒޯން މުބާރާތުގައި ގައުމީ ޓީމާއެކު ލޯންގޭ ވަނީ ރިހި މެޑެއްޔަކާއި ލޯ މެޑެއްޔެއް ހޯދައިފައެވެ. އޭގެ އިތުރުން ގައުމީ ފެންވަރުގައި ލޯންގޭ ވަނީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއެކު ގިނަ ކާމިޔާބީތަކެއް ހޯދައި، އިންޑިވިޖުއަލް ގިނަ އެވޯޑުތަކެއް ހޯދައިފައެވެ.

ލޯންގޭ ވަނީ މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނުކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ހާސިލްކޮށްފައެވެ.