މިނިސްޓަރު އަހުމަދު މަޙުލޫފް

ވޮލީ ޓީމު ފުރުމުގެ ކުރިން ޓީމަށް ހިތްވަރު ދިނުމަށް ޔޫތު މިނިސްޓަރު އެދިވަޑައިގެންފި

ފަތޯނާ ފާއިޒު

ސެންޓްރަލް ޒޯން މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ވޮލީ ޓީމު މިރޭ ކުޅޭ އެންމެ ފަހު އެކުވެރިކަމުގެ މެޗުގައި ޓީމަށް ހިތްވަރުދޭން ހުރިހާ ސަޕޯޓަރުން ދަނޑަށް ދިއުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެދިވަޑައިގެންފިއެވެ.

ނޭޕާލްގައި އޮންނަ ސެންޓްރަލް ޒޯން މުބާރާތަށް ގައުމީ ވޮލީ ޓީމް އެގައުމަށް ދާން ފުރާނީ މާދަމާ ރޭގެ ވަގުތެއްގައެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޔޫތު މިނިސްޓަރުގެ ހާއްސަ ދައުވަތަކަށް ލަންކާގެ ގައުމީ ޓީމު ރާއްޖެ އައިސް ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، ރޭ ވަނީ ދެ މެޗު ކުޅެފައެވެ. 3-1 ސެޓުން އެ މެޗުން ރާއްޖެ ބަލިވިނަމަވެސް ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ޓީމަށް ހިތްވަރު ދީފައެވެ. ލަންކާއާ ދެކޮޅަށް ހޯމަ ދުވަހު ކުޅުނު މެޗުންވެސް ރާއްޖެ ބަލިވީއެެެވެ. އެމެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

ޔޫތު މިނިސްޓަރު މަހުލޫފު ވަނީ ރޭ ވޮލީ ޓީމަށް ދިން ފަދަ ހޫނު ތަރުހީބެއް މިރޭ ލަންކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ފަހު މެޗުގައިވެސް ދިނުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު ވިދާޅުވީ މިރޭ ސޯޝަލް ސެންޓަރުގައި ކުޅޭ އެކުވެރިކަމުގެ މެޗު ޝަރަފުވެރިކޮށްދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމު ކަަމަށެެވެ. އަދި ވޮލީ ޓީމު ލަންކާއަށް ފުރުމުގެ ކުރިން، ޓީމަށް ހިތްވަރު ދިނުމުގައި ބައިިވެރިވުމަށް ސޯޝަލް ސެންޓަރަށް ދިއުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.