ޚަބަރު

ފަތުރުވެރިކަން އިސްތިހާރު ކުރަން އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފި

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.

މިއީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަހަރު ކުރިއަށް ގެންދާ ފެމިލިއަރައިޒޭޝަން ޓްރިޕް ސިލްސާގެ ތެރެއިން ރާއްޖެ ގެނައި ފަސް ވަނަ ޓީމެވެ. މީގެ ކުރިން އިންޑިއާ، އިނގިރޭސިވިލާތް އަދި ދެކުނު ކޮރެއާ އަދި ޗައިނާގެ ނޫސްވެރިންގެ ޓީމެއް ވަނީ ރާއްޖެ ގެނެސްފައެވެ.

އެމްއެމްޕީއާރުސީން ބުނީ، އިއްޔެ ރާއްޖެ އައި އެމެރިކާގެ ޓީމުގައި ހިމެނެނީ އެމެރިކާގެ މަޝްހޫރު ޓްރެވަލް މަޖައްލާތައް ކަމަށްވާ ޓްރެވަލް + ލެޝާ، ޓްރިޕް ސެވީ، ނޭޝަނަލް ޖިއޮގްރެފިކް ޓްރެވަލް، ޔޫއެސްއޭ ޓުޑޭ އަދި ނިއުޔޯކް ޓައިމްސްގައި ލިޔުންތައް ޝާއިއުކުރާ ނޫސްވެރިން ކަމަށެވެ.

އެ ޓީމުން ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުގައި ހެރިޓެންސް އާރަށް ރިސޯޓް އަދި މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓަށް ޒިޔާރަތް ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ރާއްޖޭގެ ނޫސްވެރިކަން އިސްތިހާރު ކުރުމަށް އެމެރިކާގެ ނޫސްވެރިން ރާއްޖެއަށް ކުރާ ދަތުރުގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތި ކަމާއި ސަގާފަތުގެ އިތުރުން ހަށިގަނޑުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖޭގެ ރިސޯޓްތަކުން ފޯރުކޮށްދޭ ހިދުމަތްތައް އަމިއްލައަށް ތަޖުރިބާކޮށް، އެ ތަޖުރިބާގެ އަލީގައި އެކަމާ ގުޅޭ ލިޔުންތަކާއި ފޮޓޯތައް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިއު ކުރާނެއެވެ.

އެމެރިކާއަކީ ރާއްޖެއަށް އަށް ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެގައުމުން 68،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 34.5 ޕަސެންޓް އިތުރު އަދަދެކެވެ.