ކުޅިވަރު

ރާއްޖެ އާއި ލަންކާގެ ގައުމީ ވޮލީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗު ރައީސް ސޯލިހު ބައްލަވާލައްވައިފި

މަރިޔަމް ޝަހުދާ

ދިވެހިރާއްޖެ އާއި ސްރީލަންކާގެ ފިރިހެން ގައުމީ ވޮލީ ޓީމުގެ މެދުގައި މިރޭ ކުޅުނު އެކުވެރިކަމުގެ ވޮލީ މެޗު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފި އެވެ.

މިމެޗު ބައްލަވާ ލެއްވުމަށް ރައީސް ވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފްގެ ދައުވަތަކަށެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށް ދިޔަ ފޯރިގަދަ މެޗު އެއް ސެޓު ތިން ސެޓުން ކާމިޔާބުކުރީ ސްރީލަންކާ ޓީމެވެ.

މެޗު ފެށީ ރާއްޖެ ކުރީގައި އޮވެގެންނެވެ. އެގޮތުން ފުރަތަމަ ސެޓު 25-20 އިން ކާމިޔާބު ކުރީ ރާއްޖޭގެ ޓީމެވެ. ނަމަވެސް ދެވަނަ ސެޓުގައި 15-25 އިން ލަންކާގެ ޓީމު ކުރި ހޯދިއެވެ. އަދި ތިން ވަނަ ސެޓުވެސް 16-25 އިން ކާމިޔާބުކޮށް ލަންކާއިން ވަނީ އެ ލީޑު ދަމަހައްޓައިފައެވެ.

ފޯރިގަދަ ކުޅުމަކާއެކީ ކުރިއަށްދިޔަ މި މެޗުގެ ފަހު ސެޓުވީ ނޭވާ ހިފަހައްޓާލައިގެން ތިބޭވަރުގެ ކުޅުމެއް ދެޓީމުގެ ފަރާތުން ފެނުނު ސެޓަކަށެވެ.

ލަންކާއިން މެޗު ކާމިޔާބު ކުރީ މި ސެޓުގައި 22-25 އިން ރާއްޖޭގެ ޓީމު ބަލިކޮށްގެނެވެ.

މިރޭގެ މެޗަކީ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް، ލޯންގޭ ގައުމީ ޓީމުން ރިޓަޔާ ވުމަށް ނިންމިކަން އިއުލާނުކުރި މެޗެކެވެ.

މިރޭގެ މެޗަށްފަހު ޤައުމީ ޓީމުގެ ކުޅުންތެރިޔާ އަހުމަދު އަބްދުލްކަރީމް ކުޅުން ހުއްޓަވާލައްވަން ނިންމެވުމާ ގުޅިގެން އޭނާގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ވޮލީބޯޅަ އެސޯސިއޭޝަނުން ދެއްވާ ޝީލްޑް މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޭނާއާ ހަވާލުކޮށްދެއްވިއެވެ. އަދި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭނާ ބޭނުން ކުރެއްވި ޖާޒީގައި ވެސް ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށްދެއްވިއެވެ.

ލަންކާގެ ޤައުމީ ވޮލީބޯޅަ ޓީމު ރާއްޖެއަށް ކުރާ މިޒިޔާރަތަކީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަޢުވަތަކަށް ކުރާ ދަތުރެކެވެ.

މިރޭގެ މެޗް ބަލާލުމަށް ގިނަ އަދަދެއްގެ އާންމުން ސޯޝަލް ސެންޓަރަށް ޖަމާވެ ދިވެހިޓީމަށް ތަރުހީބު ދިނެވެ.

ލަންކާގެ ޤައުމީ ވޮލީޓީމާއެކު ރާއްޖޭގެ ޤައުމީ ވޮލީޓީމު ކުޅުނު އެކުވެރިކަމުގެ މި މެޗަކީ އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަން ( އޭވީސީ) ގެ ފަރާތުން ނޭޕާލްގައި ބާއްވާ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ.