ޚަބަރު

ވިއްސާރައާ ގުޅިގެން އާންމު ސިއްހަތަށް ފަރުވާތެރިވުމަށް އެޗްޕީއޭ އިން އެދެފި

މަރިޔަމް ޝަހުދާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އާންމު ސިއްހަތަށް ފަރުވާތެރިވެ، ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ތިން ކަމަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

އެއީ އާންމު ސާފުތާހިރުކަމާއި، ކާބޯތަކެއްޗާއި ބޭހުގެ އިތުރުން ފެން ހިންދުމާއި ސާފުކުރުމެވެ.

ވިއްސާރައިގެ ސަބަބުން ފެންބޮޑުވެއްޖެ ހާލަތެއްގައި އެ ސަރަހައްދަކުން ފެން ހިންދާ ސާފުކޮށް ނިމެންދެން ފެނުގެ އަސަރުކޮށްފައިވާ ހިސާބަށް ކުޑަކުދިން ގާތްވިޔަ ނުދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން ނަރުދަމާ، ޖަންކްޝަން ނުވަތަ ސެޕްޓިކް ޓޭންކް ފުރިގެން ބޭރުވެފައިވާނަމަ އެތަން ސަފުކުރުމަށް ޕަބްލިކް ހެލްތު ޔުނިޓުގެ އެހީތެރިކަން ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. އަދި ފެންގަނޑު ހިނދުމުގެ މަސައްކަތް ކުރާ އިރު ހަމުގައި ފާރުގަނޑެއް ހުރި ނަމަ އެތަނެއްގައި ފެން ނުޖެހޭނެހެން މަލަންއަޅައި ފޮރުވުމުގެ އިތުރުން ފެން ހިންދައި، އެތަން ސާފުކުރުމުގެ މަސައްކަތް ކުރާ އިރު ރައްކާތެރިވުމުގެ ގޮތުން އަންގި އާއި މާސްކް ފަދަ ތަކެއްތި ބޭނުން ކުރުމަށް އެޗްޕީއޭ އިން އެދިފައިވެއެވެ. އަދި މަސައްކަތް ނިމުމުން އެ ފަދަ ތަކެތި ރައްކާތެރިކަމާއެކު އުކާލުމަށް އެޗްޕީއޭ އިން އެދިފައިވެއެވެ.

އެކިކަންކަމަށް ބޭސް ބޭނުންކުރާ ފަރާތްތަކުން ފެނުގެ އަސަރު ނުކުރާނެ ރައްކާތެރިތަނެއްގައި ބޭސް ރައްކާކުރުމަށް އެޗްޕީއޭ އިން ނަސޭހަތްތެރިވެއެވެ. އަދި ފިނި ހޫނުމިން ވަކި މިނެއްގައި ބަހައްޓަންޖެހޭ އިންސިއުލިން ފަދަ ބޭސް، ފްރިޖްގައި ބަހައްޓާއިރު ފެނުގެ އަސަރުކޮށްގެން ކަރަންޓު ކެނޑޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ ބޭސް އެހެން ތަނެއްގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި ކަރަންޓު ކެނޑުމަށްފަހު ހަތަރު ގަޑި އިރަށްވުރެ ގިނަ އިރު ވެއްޖެ ނަމަ ފުރިޖުގައި ބަހައްޓާފައި ހުންނަ ކުނިވާ ޒާތުގެ ކާބޯތަކެތި ބޭނުން ނުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް ގަނޑުކުރާ ބައިގައި ރަނގަޅަށް ގަނޑުވެފައި ހުންނަ ކާބޯތަކެތި ކަރަންޓު ކެނޑޭތާ 24 ގަޑިއިރުވަންދެން ރައްކާތެރިކަމާއެކު ހުންނާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ގޭގައި ހުންނަ ކާބޯތަކެއްޗަށް ފެންބޮޑުވުމުގެ ސަބަބުން އަސަރުކޮށްފިނަމަ، އެފަދަ ކާބޯތަކެތި ބޭނުންނުކޮށް ރައްކާތެރިކަމާއެކު އުކާލުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

އާންމު ސާފުތާހިރުކަމަށް ބެލުމުގެ ގޮތުން ވީހާވެސް ގިނަގިނައިން ސައިބޯނި ލައިގެން ރީތިކޮށް އަތްދޮވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އެދެއެވެ.

ހާއްސަކޮށް ކައްކާއިރު، ކެއުމުގެ ކުރިންނާއި، ފާހަނާ ކުރުމަށް ފަހު ރީތިކޮށް އަތް ދޮވުމަށް ހަނދާން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ ހަނދާކޮށްދީފައެވެ. އަދި ފެންބޮޑުވުމުން އެ ފެންގަނޑަށް ކުޑަކުދިން އެރުނަ ނުދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ކެއްކުން، ފެން ބުއިން، އަދި ތަށި ދޮވުމަށް ވާރޭފެނުގެ އިތުރުން ފުޅީގައި ބަންދުކުރާ ފެން ނުވަތަ ކައްކާފައި ހުންނަ ފެން ބޭނުންކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހަފްތާގައިބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެކި ރަށްރަށުގައި ފެންބޮޑުވުމުގެ އިތުރުން އެކި ގެއްލުންތައް ވަނީ ލިބިފައެވެ.