ޚަބަރު

ޑރ. ޝަހީދު، އަލީ އާޒިމަށް: އަނިޔާ ލިބުނު މީހުންނަށް ބަދަލު ލިބެންޖެހޭ

1

ދައުލަތް މެދުވެރިކޮށް ނުހައްގު ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު ވިދާޅުވުމުން، އަނިޔާ ލިބުނު މީހުންނަށް ބަދަލު ލިބެންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްތަރު އަދި އދ.ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

އަލީ އާޒިމްގެ ވާހަކައާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ.ޝަހީދު ވިދާޅުވީ، އަނިޔާ ލިބުނު މީހުންނަށް ބަދަލު ލިބެންޖެހޭ ކަމަށާއި، ނަމަވެސް އެކަން ކުރަން ޖެހޭނީ އެކަމަށް އުސޫލެއް، ނިޒާމެއް، ކަނޑައެޅިގެން ކަމަށެވެ.

މިހާރު ބަދަލު ލިބެނީ، ދިވެހި ސަގާފީ ގާނޫނީ އުސޫލުން ކަމަށާއި، އޭގެ ތެރެއިން މޮޅަށްތިބި މީހުންނަށް ބަދަލު ލިބޭއިރު، ދެރަތިބީންނަށް އޮންނަނީ ބީރު ކަންފަތެއް ދިނުން ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

"މިހާރު ބަދަލު ލިބެނީ، ދިވެހި ސަގާފީ ގާނޫނީ އުސޫލުން އޭގެ ތެރެއިން މޮޅަށްތިބި މީހުންނަށް ބަދަލު ދީ ދެރަތިބި މީހުންނަށް ބީރު ކަންފަތެއް ދިނުން،" ޑރ. ޝަހީދު ވިދާޅުވިއެވެ.

އަލީ އާޒިމް އިއްޔެ ވިދާޅުވީ، ދައުލަތް މެދުވެރިކޮށް ނުހައްގު ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށެވެ. އަދި އެ ވައްކަމަކީ، މިއަދު ހުރިހާ ކުންފުންޏަކުންވެސް ވަރަށް ކެރިގެން ކުރަމުން އަންނަ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ދައުލަތަށް އެތައް ގެއްލުންތަކެއް ވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް މިހެން ވިދާޅުވެފައިވާ އިރު، ދައުލަތުން އަމިއްލަ ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލު ކުރުމުން ދައުލަތަށް ވަނީ، އެފަދަ ފަރާތްތަކަށް އެތައް މިލިޔަން ރުފިޔާގެ ބަދަލުދޭން ޖެހިފައެވެ.

އެގޮތުން އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު އެމްޑީޕީގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް ބާތިލުކުރި މައްސަލައިގައި 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނެވެ. އަދި ބިޒްނަސް އިމޭޖު ގްރޫޕް (ބިގް) އަށް ޕީއެސްއެމުން 78 މިލިޔަން ރުފިޔާ ދޭން ކޯޓުން ހުކުމް ކުރިއިރު އޭގެތެރެއިން އެއްބައި ކަމުގައިވާ 30 މިލިޔަން ރުފިޔާ ސަރުކާރުން ވަނީ ބިގަށް ދީފައެވެ.

އަދި ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއު އެލްޓީ) އަށް 15 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ދައްކާފައެވެ. ޑަބްލިއުއެލްޓީއަށް ދެއްކި 130 މިލިއަން ރުފިޔާ އަކީ، ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ފައިސާގެ ތެރެއިން 15 މިލިއަން ޑޮލަރު ( 231 މިލިއަން ) ރުފިޔާ އަށް ވާ ފައިސާ އިން ޓެކްސްއާ އެހެނިހެން އެއްޗެެއްސަށް ކެނޑުމަށް ފަހު ޖެހޭ އަދަދު ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފައިވެއެވެ.