ފެނަކަ ކޯޕަރޭޝަން

ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރަން ފަސް ރަށަކަށް ޖަނަރޭޓަރު ފޮނުވަނީ

ރަށްރަށަށް ދިމާވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ފަސް ރަށަކަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

ފެނަކައިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޖަނަރޭޓަރު ފޮނުވަނީ ގއ. ވިލިގިއްޔާއި، ގދ.ތިނަދުއާއި، ލ.ފޮނަދުއާއި، ލ.ގަމާއި، ތ.ގުރައިދުއަށް ކަމަށެވެ. މީގެތެރެއިން ވިލިނގިއްޔާއި، ތިނަދޫ އަދި ފޮނަދުއަށް ފޮނުވަނީ ކޮންމެ ރަށަކަށް 1 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެވެ. އަދި ގަމާއި ގުރައިދުއަށް ފޮނުވަނީ ކޮންމެ ރަށަކަށް 800 ކިލޯވޮޓްގެ ޖަަނަރޭޓަރު ސެޓެކެވެ.

ފެނަކައިން ބުނެފައިވަނީ މި ފަސް ރަށަށް ފޮނުވާ، ޖަނަރޭޓަރުތައްލޯޑު ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ގުރައިދޫގައި ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ކެޕޭސިޓީ އިތުރުކުރުމަށް އެރަށަށް ފޮނުވާ ޖަނަރޭޓަރު، ރޭ މެންދަމު އަޕްލޯޑްކޮށް ފުރުމަށް މިހާރު ތައްޔާރުވެފައިވާކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.

އަދި މޫސުން ގޯސްވުމާއި ގުޅިގެން އިންޖީނުތައް ފޮނުވުން މަޑުޖައްސާލި ނަމަވެސް، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިންޖީނުތައް ރަށްރަށަށް ފޮނުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެނަކައިން ބުނީ މި ފަސް ރަށަށް ޖަނަރޭޓަރުތައް ގެންދެވުމާއެކު ވީހާވެސް އަވަހަށް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާނެކަމަށެވެ.