(10 އޯގަސްޓުގެ އަަދާ ގުޅޭ)
މިހާރު މަލިކު އެއަތޮޅެއްގައި ހިމަނާފައިވާ ލަކުޑިދީބަކީ މުސްލިމުންގެ އަތޮޅެކެވެ. ނަމަވެސް ލަކުޑިދީބުގެ އެހެނިހެން ރަށްރަށުގެ މީހުންނާވެސް ދިގުކަރައިގެ މީހުންނާވެސް މަލިކުމީހުންގެ ދީނީ ޘަޤާފަތް ވަރަށް ތަފާތެވެ. ދީނީ އެކިއެކި ކަންތައްތަކާއި އާދަކާދަޔާ ގުޅޭ ކަންތައްތަކުގައިވެސް މަލިކުމީހުން އެކަންތައްތަކުގައި ގެންގުޅޭ ވައްޓަފާޅިއާއި ފާޑުވެރިކަމާ އެންމެ އެއްގޮތީ ދިވެހިރާއްޖޭގައި ދިވެހީން ކަށުކަމާކެމީގެ ކަންތައް ކޮށްއުޅޭ ގޮތެވެ.
މަލިކުގެ ކޮންމެ ގެއެއްގައިވެސް "ކަފުންފޮށި" މިނަންކިޔާ ފޮށްޓެއް ހުރެއެވެ. މިފޮށީގައި ހުންނަނީ ކަފުނާއި، ކަފައާއި، ކާފޫރާއި، ބޮކަރުއަތަރާއި، (މަލިކުބަހުރުވައިގައި މަރުއަތަރު) ކުމުންޒާންޏާއި، ކެލައާއި، ބޮކަރާއި، ސަންދޯކުގައި ފުރާނެ ރޯނާއި، އަޅާނެ ކުނަލާ މިތަކެއްޗެވެ. ކޮންމެ ގެއެއްގެވެސް ފަންގިފިލާމަތީގައި (މަލިކު ބަހުރުވައިގައި ކިޔާގޮތުން "ވަކަރު" ގައި) ސަންދޯއްފިލާ ހުރެއެވެ. ސަންދޯއްފިލަޔަށް "ސަންދޮކުފިލާ" އާއި "ކަފުންފިލާ" ވެސް ކިޔައި އުޅެއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހިގޭގޭގައި (މިހާރަކަށްއައިސް ރާއްޖެތެރޭގެ ގޭގޭގައި) މިހާރުވެސް ސަންދޯއްފިލާ ކީހައި ރައްކާކޮށްފައި ހުރެއެވެ. ގިނަ ގޭގޭގައި ކަފުންފޮއްޗާއި، ކަފައާއި، ކާފޫރާއި، މިބާވަތުގެ ތަކެތިވެސް ރައްކާކޮށްފައި ހުރެއެވެ. ޚާއްޞަކޮށް ހއ.ދިއްދޫގައި ކޮންމެ ގެއެއްގައިވެސް މަލިކުމީހުންނެކޭ އެއްގޮތަށް ކަށުކަމާކެމީގެ ތަކެތި އަޅައިފައި ހުންނަ ފޮއްޓެއް އިހުގައި ހުރެއެވެ. މިފޮއްޓާއި ފޮށީގައި ހުންނަ ތަކެއްޗަކީ މައިންބަފައިންގެ ތަރިކަބަހާއިރު ބަހާވެސް އެއްޗެއް ނޫނެވެ. އެފޮށި ލިބެނީ ވާރިޘުންގެ ތެރެއިން ގެ ލިބޭ މީހަކަށެވެ.
މަލިކުގައިވެސް މީހަކު މަރަށް ޙާޟިރުވުމުން އިސްލާމްދީނުގައިވާ ގޮތަށް ޝަހާދަތް ލައިދެއެވެ. މަރުވެއްޖެނަމަ އެންމެފުރަތަމަ ކުރާކަމަކީ ޤިބުލަޔަށް މޫނުވާގޮތަށް ބާއްވައި ޙަރަމަށް ދެއަތްއަރުވައި ދެފައިވެސް ރީތިކޮށް ސީދަލަށް އޮންނަގޮތަށް އައްސައިލަނީއެވެ. ހަމައެފަދައިން އަނގަހުޅުވިފައި ނުއޮންނާނެގޮތަށް ދަތްދޮޅިޔާއެކު އައްސައިލަނީއެވެ. މައްޔިތާ ތާހިރުކުރުމަށްފަހު ބާއްވަނީ ކެޔޮފަތްމަތީގައެވެ.
ހޮސްޕިޓަލުގައި މީހަކު މަރުވެއްޖެނަމަ ގެއަށްގެނެސް ކަންތައްކުރަނީ މިގޮތަށެވެ. ޢާންމުގޮތެއްގައި މައްޔިތާ ހިނެވުމަށްޓަކައި ބާއްވަނީ އެތެރެގޭގައި ހުންނަ "މައިއެނދު" ކިޔާ އެނދެއްގައެވެ. އެއީ ރޯނުފުރައިފައިހުންނަ އެނދެކެވެ. އިހުގެ ދިވެހިގޭގޭގެ އެނދު ހުންނަގޮތަށް ހުންނަ އެނދެކެވެ. މަލިކުމީހުން މައިއެނދެވެ ކިޔާ އެނދަށް ހއ.ދިއްދޫމީހުން އިހުގައި ކިޔައި އުޅުނީ "ގެވެރި އެނދު" މިހެންނެވެ. އިހުގައި ދިއްދޫގައިވެސް މީހުން ހިނަވައި އުޅުނީ "ގެވެރި އެނދު" ގައި ބާއްވައިގެންނެވެ.
އިސްވެދެންނެވި ގޮތަށް މައްޔިތާ ބޭއްވުމަށްފަހު މައްޔިތާ ބާއްވައިފައި އޮންނަ އެނދުގެ ހަތަރުކަނުގައި ހަތަރުމީހުން ކީރިތި ޤުރުއާން ކިޔަވަން ތިބެއެވެ. ގިނައިން ޤުރުއާން ކިޔަވަނީ އަންހެނުންނެވެ. ރޭގަނޑު ބާރައިގެ ފަހުން މީހަކު މަރުވެއްޖެނަމަ ވަޅުލަނީ ފަތިސްނަމާދުގެ ފަހަށެވެ. އެހެންކަމުން ރޭގަނޑު ހަތަރުދަމު ޤުރުއާން ކިޔަވައެވެ. މިކަން މިހާރުވަނީ ހުއްޓިފައެވެ. މިއީ އިހުގައި ރާއްޖޭގައިވެސް މިކަން ކޮށްއުޅުނު ގޮތެކެވެ. މީހަކު މަރުވުމުން މައްޔިތާގެ ގާތްތިމާގެ ބަޔަކު ކަތީބަށް އެކަން އަންގަންދެއެވެ. އަންގަނީ މާމިސްކިތުގެ ކަތީބަށް ނުވަތަ ބާޑަ މިސްކިތުގެ ކަތީބަށެވެ. ކަތީބުގެ ފަރާތުން ޖަނާޒާގެ ކަންތަކާ ޢަމަލީގޮތުން ޙަރަކާތްތެރިވާނީ މުދިމުންނާއި، ދޭވާނީންނާއި، ބަނޑޭރީންނެވެ. ކަތީބަށް އެންގުމާއެކު އޭނާ މިދެންނެވި މީހުން ފޮނުވާނެއެވެ.
ޢާއިލާގެ އެއްބަޔަކު ކަތީބަށް އަންގަންދާއިރު އަނެއްބަޔަކު މައްޔިތާގެ ގާތްތިމާގެ މީހުންނާއި އޭނާގެ އަވަށުގެ މީހުންނަށް އެޚަބަރު އަންގާން ދެއެވެ. ތިމާގެ މީހުންނަށާއި އަވަށުގެ މީހުންނަށް ޚަބަރުދޭން ދާނީ އަންހެނުންނެވެ. އެމީހުން އަވަށުގެ ކޮންމެގެއަކަށް ގޮސް އެވެނިމީހާ ނުވަތަ މިވެނިމީހެއްގެ ދަރިފުޅު މަރުވެގެން "ބުނަން އައްޔޭ" ބުނާނެއެވެ.
ޚަބަރު ލިބުމާއެކު ގާތްމީހުންނާއި ރަޙުމަތްތެރީންނާއި އަވަށުމީހުން އައިސް މައްޔިތާގެ ގޭގެ އަހުލުވެރީންގެ ހިތާމައިގައި ބައިވެރިވެ ތަޢުޒިޔާ ކިޔަމުން ގެންދާނެއެވެ. އެމީހުން އަންނައިރު ބައެއްމީހުން މަރުވާމީހާގެ ގައިގައި ލައްވާނެ ކަފުނާއި، ކަފައާއި، މިބާވަތުގެ ތަކެއްޗާއި، ޞަދަޤާތް ކުރުމަށް އެހީވުމުގެ ގޮތުން ފައިސާވެސް ގެނެއެވެ. މިކަން ހިނގަމުންދާއިރު ސަންދޯއްޖެހުމާއި، ވަޅުކޮނުމާއި، ހިނެވުމާއި، މިހުރިހާ ކަމެއް ހިނގަމުންދާނެއެވެ.
މަރުވާމީހާ ހިނަވާން ފެން ގެންނަނީ އެހިސާބުގަނޑެއްގައި ހުންނަ ފެންރަނގަޅު ވަޅުވަޅުންނެވެ. ފެންގެނެސް އެންމެފުރަތަމަ ފުރާނަނީއެވެ. އެއަށްފަހު ފެން ހޫނުކުރަނީއެވެ. ފެންކައްކަނީ ކުންނާރުފަތް އަޅައިގެންނެވެ. ހޫނުކޮށް ނިންމައިފައިވެސް ފުރާނައެވެ. ފެން ގެންނާނީ މައްޔިތާގެ ގާތްތިމާގެ އަންހެނުންނެވެ.
މައްޔިތާ ހިނެވުމަށްޓަކައި ބޮޑު ބޯތައްޓަކަށް ސައިބޯނި ގިރުވާފައި ހުރެއެވެ. އެކަމަށް ކިޔައިއުޅެނީ، ކަހުވަ ގިރުވުމެވެ. އަޅުގަނޑުމެން މަލިކަށް ދިޔައިރު މަލިކުގައި ޢާންމުކޮށް މީހުން ހިނަވައި އުޅޭ މީހުން ތިރީގައި މިދަންނަވަނީއެވެ.
އަންހެނުން ހިނަވާމީހުން:
1. ދޭވާނީގޯތި އައިސާމާންތަ
2. ފެންގެންނަގޯތި ހައްވަދާތަ
3. ފައިބެންނަމަގުގޯތި ހައްވަމާންތަ
ފިރިހެނުން ހިނަވާމީހުން:
1. ގެބުރިގޭ ޙާޖީ އައްޕަތްކާކަ
2. ކުންނުގޭ ކުޑަބާކަ
3. ކައްޓި ބަފޯ
ސަންދޯއްޖަހަނީ ރާއްޖޭގައިވެސް ސަންދޯއް ޖަހާ ގޮތަށެވެ. ދިގުދެފިލައާއި ދެކޮޅުގެ ދެފިލާ އެއްކުރުމަށްފަހު މައްޔިތާ ބޭއްވުމަށްޓަކައި ސަންދޯއް ރޯނަށް ރޯނު ފުރަނީއެވެ. ފިލާތައް އެއްކުރަނީވެސް ރޯނުން ބަނދެގެންނެވެ. މަތީގައި އަޅާފިލާ އަޅާއިރު ފިލާ ހަރުލައި އޮންނާނެހެން އިލި ޖަހައެވެ.
ހިނެވުމާއި ކަފުންކުރުމާބެހޭ ހުރިހާ ކަމެއް ކުރަނީ ރާއްޖޭގައިވެސް އެކަންކުރާ ގޮތަށެވެ. މުސްލިމުން ކަފުން ކުރުމަށް ފިޤުހު ފޮތްތަކުގައި ބަޔާން ކުރެވިފައި ހުންނަ ގޮތަށެވެ. އެހެންކަމުން އެކަމުގެ ތަފްޞީލު ބަޔާންކުރުމަކީ ބޭނުންކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.
ހިނަވައިނިމި ކަފުން ކުރުމަށްފަހު މޫނު ދެކެން އައިސްތިބޭ މީހުންނަށް މޫނު ދައްކައެވެ. ފުރަތަމަ މޫނުބަލަނީ ފިރިހެންދަރީންނާއި، ދަނބިދަރީންނާއި، އަނބިމީހާއެވެ. މޫނުދެކެން އެންމެފުރަތަމަ ވަންނަނީ ފިރިހެނުންނެވެ. ދެން އަންހެނުންނެވެ. ހާޒިރުވެ ތިބޭ މީހުން މޫނުބަލައި ނިމުމުން މޫނުއަޅައި ސަންދޯކު އަޅައިގެން ގޯތިތެރެއަށް ނެރެ ދެގޮނޑި ދެކޮޅަށް ލައްވައިފައި ސަންދޯއް ބަހައްޓަނީއެވެ. ސަންދޯއް ބަހައްޓާފައި ތިރީގައި މިލިޔާ އާޔަތް މުދިންމީހާ ބާރަށް ކިޔަވައެވެ.
"إِنَّكَ مَيِّتَ وَإِنَّهُم مَيِّتُونَ. ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ عِنْدَ رَبَّكُمْ تَخْتَصِمُوْن" (الزّمر: 30، 31)
އޭގެފަހުގައި މައްޔިތާ ގެންދާނީ އޭނާގެ ފިރިމީހާ ނުވަތަ އަނބިމީހާގެ ގެއަށެވެ. ފިރިމީހާގެ ގޭގައި އަނބިމީހާ މަރުވިނަމަ އަނބިމީހާގެ ގެޔަށެވެ. އަނބިމީހާގެ ގޭގައި އޭނާ މަރުވިނަމަ ފިރިމީހާގެ ގެޔަށެވެ. ފިރިހެނުންނާ މެދުވެސް ހަމަމިގޮތަށް ކަންތައް ކުރެއެވެ. އެއަށްފަހު ގެންދާނީ ކަށުނަމާދު ކުރުމަށްޓަކައި މިސްކިތަށެވެ. ހާޒިރުވެތިބޭ ގިނަމީހުން ކަށުނަމާދުގައި ބައިވެރިވެއެވެ. އިމާމުވެ ކަށުނަމާދު ކުރާނީ ކަތީބެވެ.
ކަށުނަމާދަށްފަހު ވަޅުލާތަނަށް މައްޔިތާ ގެންދަނީ "ޖަނާދަ" އަށް ލައިގެންނެވެ. ކޮންމެ މިސްކިތެއްގައި ޖަނާދައެއް ހުރެއެވެ. ހަތަރުމީހުން ކޮނޑު އަޅައިގެން އެކަކު ވަރުބަލިވީމާ އަނެކަކަށް ބަދަލުކުރަމުން ވަޅުލާތަނާ ހަމަޔަށް ގެންދަނީއެވެ.
މަލިކުގައިވެސް ދާދިފަހަކާ ޖެހެންދެން މީހުން ވަޅުލައި އުޅުނީ މިސްކިތް މިސްކިތުގެ ވަށައިގެން ހުރި ޤަބުރުސްތާނުތަކުގައެވެ. އިހުގައި ވަރަށްރީތިކޮށް ހިރިގަލުން މަހާނަގައު ހަދައި މަހާނާގައި ގައުޖަހައި އުޅުނެވެ. ރާއްޖޭގައި ހަދައިފައި ހުންނަ މަހާނަގަލާއި މަލިކުގައި ހަދައިއުޅުނު މަހާނަގަލާ އެއްވެސް ތަފާތެއް ނުހުރެއެވެ. އެއްކާފައެއްގެ ގާތުން ދަރިވަރުވެފައިވާ ދެދަރީންގެ މަސައްކަތުގައި ހުންނަންޖެހޭ އެއްގޮތްކަން މަހާނަގާތަކުން ފެންނާން ހުއްޓެވެ. ނަމަވެސް މިހާރު އެގާތައްވަނީ ނައްތާލެވިފައެވެ. "ބިދުޢަ" އަކަށްވާތީ ކާބަފައިންގެ މަސައްކަތްތެރިކަމާއި ފާޑުވެރިކަމުގެ ނަމޫނާ ނައްތާލެވުނީއެވެ.
މިހާރު މީހުން ވަޅުލަނީ، ރަށުގެ ދެކޮޅުގައި ހަދައިފައި އޮންނަ ދެޤަބުރުސްތާނުގައެވެ. މަލިކުގެ ބަންޑާރަކޮޅުގައި އެއްޤަބުރުސްތާނު، ފައިބެންނަމަގު ކޮޅުގައި އަނެއްޤަބުރުސްތާނު ހަދައިފައި ވެއެވެ. އެދެތަން ޚާއްޞަކޮށްފައިވަނީ ރަށުގެ ދެކޮޅުގައި ދިރިއުޅޭ މީހުންނަށެވެ. ރަށްމެދުއަވަށު "ހަތަރެއްމަގު" ގެ އުތުރުކޮޅުގެ މީހަކު މަރުވެއްޖެނަމަ ގެންދަނީ "ފައިބެންނަމަގު" ގެ ޤަބުރުސްތާނަށެވެ. "ހަތަރެއްމަގުން" ދެކުނުކޮޅުގެ މީހަކު މަރުވެއްޖެނަމަ، ދެކުނުކޮޅު ބަންޑާރަގަނޑުގައި އޮންނަ ޤަބުރުސްތާނަށެވެ.
ވަޅުކޮންނަނީ 7 ފޫޓު ދިގު، 2 ފޫޓު ފުޅާ، 5 ފޫޓު ފުންމިން ޢާންމު މިނެއްކަމުގައި ބަލައިގެންނެވެ. ނަމަވެސް އެމިން ޚާއްޞަވެފައި އޮންނަނީ މައްޔިތާގެ އިސްކޮޅުގެ މައްޗަށެވެ. ރާއްޖޭގައިވެސް އޮންނަ ގޮތަށެވެ. މީހުން ވަޅުލަނީ ބޯކޮޅު އުތުރަށްވާ ގޮތަށް، މޫނު ޤިބްލައަށް ކުރިމަތިވާ ގޮތަށެވެ.
ވަޅުލުމާބެހޭ ހުރިހާކަމެއް ހިނގަމުންދަނީ ދީނީގޮތުން ކަނޑައެޅިފައިވާ ގޮތަށެވެ. ދިވެހި ފާޑުވެރިކަމާ އެއްގޮތަށެވެ. މަލިކުގައިވެސް މިހާރަކު ތަލްޤީން ކިޔައެއް ނުއުޅެއެވެ. ރާއްޖޭގައިވެސް އެކަން މަޑުމަޑުން ދަނީ ހުއްޓެމުންނެވެ. މަހާނަހެދުމާއި، މަހާނާގައި ރޯގަހެއްގެ ދެއެތިކޮޅު ޖެހުމާ މިބާވަތުގެ ހުރިހާ ކަމެއް ކުރެއެވެ.
ވަޅުލުމުގައި ޙަރަކާތްތެރިވާ މީހުން (ކަތީބުގެ އެހީތެރީން) ނަށް މައްޔިތާގެ ޢާއިލާގެ ފަރާތުން ކާންދެއެވެ. ސާދަވަނަޔަށްވާދުވަހު ޞަދަޤާތްކުރެއެވެ. ކުރީ ޒަމާނުގައި ރާއްޖޭގައި ބޯފޮޅި ފިހެފައި މިސްކިތްދޮށަށް ފޮނުވައި ފާތިޙާ ކިޔުއްވައި އުޅުނު ފަދައިން މަލިކުގައިވެސް އިހުގައި އެކަން ކޮށްއުޅުނެވެ. މިދެންނެވި ފޮޅި ފިހުމަށް މަލިކުމީހުން ކިޔައިއުޅުނީ މަރުފޮޅި ފިހުމެވެ. ނަމަވެސް މިހާރަކު އެކަމެއް ނޯވެއެވެ.
އިހުގައި މަލިކުގައި މީހަކު މަރުވުމުން އެއްހަފްތާ ވަންދެން ގާތްތިމާގެމީހުން ކާއެއްޗެހި ތައްޔާރުކޮށްގެން އެގެއަށް ގެންގޮސް ގޭގެ މީހުންނަށް ކާންދީ ހަދައެވެ. އެދުވަސްވަރު ގޭގެ ދެފަރާތަށް ހުންނަ ދެދޮރުގައި ހުންނަނީ ފޮތި ދަމާފައެވެ. ނަމަވެސް މިހާރަކު މިކަމެއް ނޯވެއެވެ.
މީހަކު މަރުވުމުން އެމީހެއްގެ ގޭގެ އަހުލުވެރީންނާއި، ގާތްތިމާގެ މީހުންގެ ފަރާތުން ޞަދަޤާތްކުރުމަށް ޖަމާކުރެވޭ ފައިސާގެ ބޮޑުބައެއް، ރަށުގެ މިސްކިތްމިސްކިތުގައި ހުންނަ ޚައިރާތުފޮށްޓަށް ލަނީއެވެ. ފަޤީރުކުދީންނަށްވެސް ބަހައެވެ. ހިނަވާމީހުންނާއި ވަޅުކޮންނަ މީހުންނަށްވެސް ކޮންމެވެސް ވަރަކަށް ފައިސާދެއެވެ.
ހިނަވާމީހުންނާއި ވަޅުކޮންނަ މީހުންނަށް ފައިސާ ނުވަތަ ތަކެތި ދީއުޅުމަކީ ރާއްޖޭގައިވެސް ކުރާ ކަމެކެވެ. އާދަކާދައިގެ ގޮތުން މަލިކާ އެންމެ އެއްގޮތް އެއްރަށެއްކަމުގައިވާ ހއ.ދިއްދޫގައި ވަރަށް ފަހަކާ ޖެހެންދެން ދީ އުޅުނީ ހިނަވާމީހަކަށް ހެދުމެއް، ވަޅުކޮންނަ ކޮންމެމީހަކަށް (ތިންމީހުން) މުންޑެއް، ސަންދޯއްގެންދާ ތަންޑިޔަލުގައި ހިފާ ކޮންމެ މީހަކަށް މުންޑެކެވެ. ދިއްދޫ މީހުންގެ ތަންޑިޔަލަކީ މަލިކުމީހުންގެ "ޖަނާދަ" އިގެ ބަދަލެވެ. ނަމަވެސް ރާއްޖޭގެ ގިނަރަށްރަށުގައި ސަންދޯއް އުފުލައިއުޅެނީ ކޮނޑުމަތީގައި ބަހައްޓައިގެންނެވެ. އެއީ އެންމެ ފަސޭހަ ގޮތްކަމުގައި ނުވިޔަސް އެންމެ އިޙްތިރާމްކުރެވޭ ގޮތްކަމުގައި ވާތީއެވެ.
(ނުނިމޭ)