ފުރާނަދަންދެން

ފުރާނަދަންދެން - 29

4

ކޮޓަރީގެ ތަޅުގައި ހިފާ އަނބުރާލުމާއެކު އެތެރެއަށް ދޮރު ހުޅުވިގެން ދިޔައެވެ. ހުދު އައްޔަކުން ކޮޓަރިތެރެ އަލިވެފައި ވާއިރު ދިމާލަށް ހުރި ބޮޑު އެނދުގައި އަރާމުކޮށް ނައިޝީ ނިދާފައި އޮތެވެ. އަތް ކެނޑި ތުނި ޕެޓީކޮޅަކާއި ކުރު ސޯޓްކޮޅެއްގައި އޮތް ނައިޝީއަށް ކޮޓަރިއަށް ވަތް މީހާ ބަލައިލިއެވެ. އެމީހާ އެތެރެއަށް ވަދެ ދޮރު ތަޅުލުމަށްފަހު މޫނު މަތީގައި އަޅާފައިވާ ފޮތިކޮޅު ދަމައިލިއެވެ. މާހިލްގެ ތުންފަތް މައްޗަށް ވެރިވެފައިވާ ވިހަ ހިނިތުންވުން އޭނާއަށް ލިބުނު ކާމިޔާބީގެ ހެއްކަކަށް ފުދެއެވެ.

ޑްރެސިިންގް ޓޭބަލް ކުރިމަތީ ހުއްޓުމަށްފަހު އޭނާ އަތުގައި އޮތް އަތް ދަބަސް ބެހެއްޓިއެވެ. އެއަށްފަހު ލައިގެން ހުރި ބޮޑު ކަޅު ހެދުން ބާލާފައި އެ ދަބަހަށް ކޮށްޕާލިއެވެ. ލައިގެން ހުރި އަޅި ކުލައިގެ ޓީޝާޓްވެސް ބޮލުން ދަމައިގަތުމަށްފަހު ދަބަހަށް ކޮށްޕާލިއެވެ. ނުލަފާ ޒާތަކަށް ހެވިފައި ހުރެ ކޮޓަރީގެ ލައިޓް ފަނޑުކޮށްލިއެވެ. ނައިޝީ ކައިރީގައި އޮށޯތުމަށްފަހު ކުއިލްޓް ތެރެއަށް ވަދެ ނައިޝީގެ ހަށިގަނޑުގައި ބައްދައިލިއެވެ.

"ނާހިދް....!!! ޑިއުުޓީ ނިމުނީތަ...؟" ނިދީ ތެރޭގައި އޮތް ނައިޝީ ނިދި އަޑަކުން ބުނެލިއެވެ.

"ބޭނުންވީތަ ތިހާ ވަރަށް ތި ފިރުމަނީ..." ހުއްޓާނުލާ ނައިޝީގެ ހަށިގަނޑުގައި ބީހެމުން ދިޔަ މާހިލްގެ އަތްތިލައިގައި ހިފަހައްޓާލަމުން ނައިޝީ ބުނެލިއެވެ. އޭރުވެސް އޭނާގެ ދެލޯ ވަނީ މެރިފައެވެ.

"އާނ... ވަރަށް ބޭނުން... އަހަރެން ތި ހަށިގަނޑަށް ބޭނުންނުވާނެ އެއްވެސް ވަގުތެއް ނާންނާނެ" ނައިޝީގެ އިސްތަށިތައް އެއްފަރާތް ކޮށްލުމަށްފަހު ކަންފަތާއި އަނގަ ކައިރިކޮށްލަމުން މާހިލް ބުނެލިއެވެ. ނައިޝީއަށް ވީގޮތެއްވެސް ނޭނގުނެވެ. ދެލޮލުން ނިދި ފިލައިގެން ގޮސް އޭނާއަށް އެނދުގައި އިށީނދެވުނެވެ. ޤަބޫލުނުކުރެވި މާހިލްއަށް ބަލަން އިނުމަށްފަހު ބެޑް ލައިޓް ޖައްސާލިއެވެ.

"މް...މް...މާހިލް...." ކުރިމަތީގައި ހެވިފައި ހުސްގަޔާ އިން މާހިލް ފެނުމުން ނައިޝީއަށް ބުނެވުނެވެ.

"ޔެސް... އަހަރެން... ހެހެހެ... އިންތިޒާރުނުކުރާ މީހެއް ފެނުނީމަ ސަޕްރައިޒްވެއްޖެ ދޯ...." ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން މާހިލް ބުނެލިއެވެ. ގަނެފައިވާ ބިރެއްގެ ސަބަބުން ނައިޝީއަށް އެނދުންވެސް ފޭބުނެވެ.

"ކިހިނެއް މިތަނަށް ވަނީ....ޕްލީޒް... ލީވް....." ނައިޝީ ބުނެލިއެވެ.

"ކީއްވެ ދުރަށް ތިދަނީ... އާދެބަލަ... ނައިޝީއަށް އިނގެއެއްނު އަހަރެން ލޯބިވާވަރު..." ނައިޝީ ގާތަށް ޖެހިލާ އަތުގައި ހިފާ ކައިރިއަށް ދަމައިލަމުން މާހިލް ބުނެލިއެވެ.

"ނޫން... އައިމް ސޮރީ. އެރޭ... އެރޭ... އަހަރެންނަށް ކުރެވުނީ ކޮށްގެންވާނެ ކަމެއް ނޫން. އެއީ އަހަރެން މާބޮޑަށް ހާރޓްވެފަ ހުރީމަ ކުރެވުނު ކަމެއް. އެކަން ހަނދާން ނައްތާލާ... މިހާރު އަހަރެންނަށް އިތުރު މީހަކަށް ބޭނުމެއްނުވޭ... ނާހިދް ވަރަށް ރަނގަޅު" ރޮވިފައިވާ އަޑަކުން ނައިޝީ ވާހަކަދެއްކިއެވެ.

"ހާދަ ސެލްފިޝްއޭ... އަހަރެންނާއި އެހާ ގާތަށް އައުމަށްފަހު އެއްވެސް އަންހެން ކުއްޖަކަށް އެހާ ފަސޭހައިން ދުރަކަށް ނުދެވޭނެ..." މާހިލް ވާހަކަދެއްކިއެވެ. އޭނާގެ އަތުގެ ތެރޭގައި ހުރި ނައިޝީ ސަލާމަތްވުމަށް ގަދަހަދަމުން ދިޔައެވެ.

ނުވިސްނާ ހުރި މާހިލްއަށް ސިހުމެއް ނައިޝީގެ އަތުގެ ހޫނު އެތިފަހަރެއް އޭނާގެ މޫނު މައްޗަށް އަރައިގެން ދިޔުމުންނެވެ. މޫނު މަތިން ނަގައިގަތް ދިލައެއްގެ ސަބަބުން ބޮލަށް އެނބުރުން އަރައިގެން ދިޔުމުން މާހިލަށް ނޭނގި ނައިޝީގެ ހަށިގަނޑަށް ލުޔެއް ދެވުނެވެ. އޭނާ ނައިޝީއަށް ބަލަމުން ދިޔައީ ރުޅިވެރިކަމުން ފުރިގެންވީ ބެލުމަކުންނެވެ.

"ކީއްވެގެންތަ ނުވިސްނެނީ. އަހަރެން މިއީ މީހެއްގެ އަންބެކޭ. އަހަރެން އިތުރު ފިރިހެނަކާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫން" ނައިޝީއަށް ހަމަ ރަނގަޅަށްވެސް ރޮވުނެވެ. ފުންމައިގެން އައި މާހިލް އޭނާގެ އަތުތެރޭގައި ނައިޝީގެ ދެ ކޯތާފަތް ފިއްތާލިއެވެ. އޭނާގެ އަތްތިލައިގެ ތެރޭގައި ފިތެމުން ދިޔަ ނައިޝީގެ ކޯތާފަތްމަތިން ތިރިއަށް ފައިބަމުން ދިޔަ ކަރުނަތަކުން އެއްވެސް އަސަރެއް އޭނާއަށް ނުކުރެއެވެ.

"ކަލޭވެސް ރަނގަޅަށް އަޑުއަހާ. އަހަރެން ކަލޭދެކެ އެއްވެސް ލޯތްބެއްނުވޭ. ބޭނުންވީ ތި މަލުގެ ފޮނިކޮޅު ބޯލަން. އެކަން އަހަރެން ކާމިޔާބު ކުރިން. އަދިވެސް ކުރާނަން. ދުނިޔެ ހުރިހާ ދުވަހަކު އަހަރެން މިކަން ހުއްޓާނުލާނަން. ކަލެއަށް ޖެހޭނީ އަހަރެން ބޭނުންވި ކޮންމެ ގަޑިއެއްގަ އަހަރެންގެ އެދުންތައް ފުއްދައިދޭން" ނައިޝީގެ ކޮލުން ދޫކޮށްލަމުން ފަހަތަށް އޭނާ ކޮށްޕާލިއެވެ. ނައިޝީ ހުރީ ޤަބޫލުނުކުރެވިފައެވެ.

"ތިއީ އަނިޔާވެރިއެއް... އަންހެނުންނަށް އަނިޔާ ނުކުރާނެ ޙަޤީޤީ ފިރިހެނެއް. ތިއީ އަންހެން ދުޅާއެއް" ނައިޝީ ކިޔަމުން ދިޔައެވެ.

"ހެހެހެ... ޖޯކް އޮފް ދަ ޑޭ... އަހަރެން މިއީ ޙަޤީޤީ ފިރިހެނެއްކަން އޮންނާނީ ސާބިތުކޮށްދީފަ..... ކަލޭ ޖެހޭނީ އަހަރެންގެ އަޅަކަށްވާން" މާހިލް ބުނެލިއެވެ.

"ނުޖެހޭނެ ވާކަށް. އަހަރެން މިހާރު މިގުޅަނީ ފުލުހުންނަށް. އަހަރެންނާއި ކައިރިއަށް އެންމެ ފިޔަވަޅެއް އެޅިޔަސް މި ވާރސްއިން ޖަހާނަން. ހަނދާންކުރާތި" ނައިޝީ ފޯނު ނަގައިގެން ނަންބަރު ޖަހަން ފެށުމުން މާހިލް ނެގީ އޭނާ ލައިގެން ހުރި ސޯޓްބުރީގެ ޖީބުގައި އޮތް ފޯނެވެ.

ދެވަނަ ސިކުންތުގައި ނައިޝީއަށް ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަންވެސް ދަތިވިއެވެ. މާހިލްއާއި އެކުގައި އެއްވެސް ފޭރާމެއްނެތި އެ އުޅެނީ އޭނާ ނޫން ދެވަނަ މީހެއް ނޫނެވެ. ޕްލޭ ވަމުން ދިޔަ ވީޑިޔޯގައި އަޑުވެސް ހުއްޓެވެ. އޭނާ އިރުކޮޅަކާއި މާހިލްއަށް ގޮވާލާ އަޑު އިވެމުން ދިޔައެވެ. ނައިޝީގެ މުޅި ހަށިގަނޑުން ވަރުދޫވި ކަހަލައެވެ. އޭނާއަށް ހުރި ދިމާލުން ތިރީގައި އިށީނދެވުނެވެ. ބަސް ހުއްޓި އޭނާ ޝޮކަކަށް ދިޔައެވެ.

"ހީކުރީތަ އަހަރެންނަށް ފިލައިގެން އުޅެވިދާނެ ކަމަށް. ނައިޝީ ގެއަށް އައުމުގެ މާކުރިން އަހަރެން ކެމެރާ ހަރުކޮށްފިން. އަހަރެންނަށް އިނގޭ ކޮންމެސް ދުވަހަކުން ތި ޕަރީ އަހަރެންނަށް ފިލާނެކަން. އެހެންވެ މިގޮތަށް ކަންތައްކުރަން ޖެހުނީ" ނައިޝީ ކައިރީގައި ކުރުފައި މައްޗަށް އިށީންނަމުން މާހިލް ބުނެލިއެވެ.

"މާހިލް...! އަހަރެން މިއީ އަންހެންކުއްޖެއް. މާހިލްގެ އަތުގައި ތިވަނީ އަހަރެންގެ މުޅި ހަޔާތް. އަހަރެންނަށް ތިހެން ނަހަދާ.. ތި ވީޑިޔޯތައް ޑިލީޓްކޮށްލާ" އެއްދިމާލަކަށް ބަލަން އިނދެ ނައިޝީ ވާހަކަދެއްކިއެވެ.

"ހެހެހެ.. އެބައޮތް ގޮތެއް. އަގު އަދާކުރޭ....!!" މާހިލް ބުނެލިއެވެ.

"ކޮބާ އަގަކީ..." ރޮވިފައިވި އަޑަކުން ނައިޝީ ބުނެލިއެވެ.

"އަހަރެން ބޭނުން ކޮންމެ ގަޑިއެއްގަ ނައިޝީ ހުންނަންޖެހޭނީ އަހަރެންގެ އަތުތެރޭގަ. ތި ހަށިގަނޑުގެ މިލްކުވެރިޔަކީ ހަމައެކަނި އަހަރެން" މާހިލް ވާހަކަދެއްކިއެވެ. ނައިޝީއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ އޭނާއަށް ގޮތްހުސްވި ކަހަލައެވެ.

"އެންމެރަނގަޅު. މާހިލް ބުނި ކޮންމެ ކަމެއް އަހަރެން ކުރާނަން" ނައިޝީ ދެކަކުލުގައި ބޯއަޅާލަމުން ބުނެލިއެވެ. ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އިން މާހިލް އޭނާގެ ދެއަތް މައްޗަށް ނައިޝީ އުފުލާލިއެވެ. އެނދުގައި ބޭއްވުމަށްފަހު ނައިޝީގެ މޫނުގައި ބޮސްދޭން ފެށިއެވެ. ދެކޮޅުވެރިކަމެއް ނުދައްކާ ނައިޝީ ހިމޭނުން އޮތެވެ. މާހިލްގެ ކޮންމެ ހަރާކަތަކަށް އޭނާ އެއްބާރުލުން ދެމުން ދިޔައެވެ. އޭނާއަށް އެހެން ގޮތެއް ނެތީމައެވެ. އޭނައަށް ކުޅެވުނީ އަލިފާނާއިކަން ހަނދާން ނެތުނީއެވެ. އެއީ އޭނާ އަމިއްލައަށް ހޭވި ހަޑިއެއްކަން ހަނދާން ކުރަމުންނެވެ. ފިރިމީހާގެ ތަންމަތީގައި އެހެން ފިރިހެނަކަށް ހޭހަންކޮށްދޭން ޖެހުމުން އޭނާގެ ހިތް ހީވަނީ ފުނޑުފުނޑު ވެދާނެހެންނެވެ.

*************

ގެއާއި ދިމާލަށް ސައިކަލުގައި ދުއްވާފައި ދިޔަ މޯހަންދާސްއަށްް ފަހަތުން މީހަކު ގޮވައިލިއެވެ. އޭނާ އެއްފަރާތުގައި ސައިކަލް ބެހެއްޓުމަށްފަހު ފަހަތް ބަލައިލިއިރު ހުރީ ނުދަންނަ މީހެކެވެ. އެހެންކަމުން ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވީ ލަސްލަހުންނެވެ. ބަލާބެލުމަށް ދުވަސްވީ މީހެއްވެސް ނޫނެވެ. ޒުވާންކަން މޫނުމަތިން ފާޅުވާން ހުރިއިރު ހުރީ ވަރަށް ރަސްމީކޮށެވެ.

"ނޭނގުނު ދޯ.. ވާހަކައެއް ދައްކާލަންވެގެން..." މޯހަންދާސްއާއި ދާދި ގާތުގައި ހުއްޓި ދެ ޖީބަށް އަތް ޖަހައިލަމުން އެމީހާ ބުނެލިއެވެ. މޯހަންދާސް ހީލާފައި އެމީހާއާއި ސަލާންކޮށްލިއެވެ.

"ކޮން ވާހަކައެއްތޯ...؟" މޯހަންދާސް އަހައިލިއެވެ.

"ބުރަކަމަކަށް ނުވަންޏާ އަޅުގަނޑާއެކު މިތާ ކެފޭއަށް އަރާލަންވީނޫންތޯ..." އެމީހާ އެދުނެވެ. ދާން ބޭނުންނުވެފައި ހުއްޓަސް މޯހަންދާސް ދެކޮޅު ނެހެދިއެވެ. އޭނާ އެމީހާ ފަހަތުން ހިނގައިގަތެވެ.

ކޭފޭއަށް ވަދެ ގޮނޑީގައި ހަމަޖެހިލެވުމާއެކު މޯހަންދާސް އެމީހާއަށް ބަލައިލިއެވެ. އޭނާ އިނީ އަވަހަށް ގެއަށް ދާން ބޭނުންވެފައެވެ. ކާމޭޒު ކައިރީގައި މާގިނަ އިރު އިނާޝާ އިންތިޒާރުކުރުމަކީ އޭނާ ބޭނުންގޮތެއް ނޫނެވެ.

"މިހާރު މިތިބީ މިތަނަށްވެސް ވަދެވިފަ. ކޮން ބޭފުޅެއްތޯ ތިއީ...؟؟" މޯހަންދާސް އަހައިލިއެވެ.

"އަހަރެންނަކީ ކާކުކަން މޯހަންދާސްއަށް ނޭނގުނަސް އަހަރެންނަށް ތިއީ ކާކުކަން ވަރަށް ރަނގަޅަށް އިނގޭ. ރާއްޖޭ މީހެއް ނޫންކަމާއި އިނާޝާގެ ފިރިމީހާ ކަމާއި މާލޭގައި ވިޔަފާރިއެއް ފަށައިގެން އުޅޭކަންވެސް" އެމީހާ ވާހަކަދައްކަމުން ދިޔައެވެ.

"އިންޓްރެސްޓިންގް... ކާކު ބާ ތީ...؟" މޯހަންދާސް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"އަހަރެންނަށް ކިޔަނީ ބުރުހާނުއްދީން. މޯހަންދާސްގެ އަނބިމީހާގެ ކުރީގެ ފިރިމީހާ..." ގޮނޑީގައި ލެގިލަމުން ވަރަށް ހަމަޖެހިލަފައި ބުރުހާނުއްދީން ބުނެލިއެވެ. ވަގުތުން މޯހަންދާސްގެ މޫނު މައްޗަށް ސީރިޔަސްކަން ވެރިވިއެވެ. އޭނާ ހިމޭންކަމާއެކު ބުރުހާނުއްދީންގެ މޫނަށް ބަލަން އިނުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ.

"އޯވް... ޓެލްމީ ބުރުހާނުއްދީން! ވަޓް ޔޫ ވޯންޓް..." މޯހަންދާސް ބުނެލިއެވެ.

"އިނާޝާ. އަހަރެންގެ އާއިލާ ފުރިހަމަކުރަން ބޭނުންވަނީ" ބުރުހާނުއްދީން ބުނެލިއެވެ.

"ރިއެލީ. ހިތަށް އަރާ ބައެއްމީހުން ގެ ފަރާތުން ލަދުގެ ޒައްރެއްގެ މިންވަރުވެސް ނުފެންނަނީ ކީއްވެގެންބާއޭ" މޯހަންދާސް ބުނެލިއެވެ.

"ހަމައެކަނި އަހަރެންގެ ދަރިފުޅާއި އެ ދަރިފުޅުގެ މަންމަ" ބުރުހާނުއްދީން ބުނެލިއެވެ. މޯހަންދާސް ޒުވާބުކުރަން ބޭނުންނުވާތީ މަސައްކަތްކުރަމުން ދިޔައީ ހުޅުފަޅަމުން ދިޔަ ރުޅިގަނޑު މައިތިރިކުރެވޭތޯއެވެ.

"މިއޮތީ ހުސް ޗެކެއް. ކަލޭ ބޭނުން އަދަދެއް ޖަހަންވީ. ގަލަން މިއޮތީ..." ލައިގެން ހުރި ގަމީހުގެ ކުރިމަތީ ޖީބުން ނެގި ފަތްޖަހާލާފައިވާ ޗެކެއް މޯހަންދާސްއާއި ދިމާލަށް އެއްލަމުން ބުރުހާނުއްދީން ބުނެލިއެވެ. މޯހަންދާސް ނެގީ ކުރިމަތީގައި ހުރި ފެންތައްޓެވެ. އެއަށްފަހު ފެންތަށި ޖެހީ ބުރުހާނުއްދީންގެ މޫނަށެވެ.

"ވަޓް ޓު ޑޫ... ބައެއް މީހުން ހޭލާ ތިބެގެންވެސް ހުވަފެން ބަލަނީ ވިއްޔާ... އަހަރެން ބޭފުޅާ ހޭލައްވާލީ މި. އަދި ބުނަން ތިކަމަށް ވަރަށް ރަނގަޅު ފަރުވާއެއް. މި ޗެކް ކޮށާލައިގެން ފެން ތައްޓަކަށް އަޅައިގެން ގިރާލައިގެން ބޯލާ.. އަސަރު ފެންނަން ފަށާނެ" މޯހަންދާސް ތެދުވެގެން ހިނގައިގަތްއިރުވެސް ބުރުހާނުއްދީނަށް އެއްޗެއް ނުބުނެވުނެވެ. މޯހަންދާސްގެ އެވަރުގެ ހިތްވަރެއް ހުރެދާނެކަމަކަށް އޭނާއަށް ޤަބޫލެއްނުކުރެވުނެވެ.

****************

ނާހިދް ކޮޓަރިއަށް ވަތްއިރު ނައިޝީ އޮތީ ނިދާފައެވެ. ކޮޓަރި ތެރެއިން އާދަޔާޚިލާފް އެއްވެސް ކަމެއް ފާހަގައެއް ނުވެއެވެ. އޭނާ އެނދު ކައިރިއަށް ޖެހިލުމަށްފަހު ނައިޝީއަށް ބަލައިލިއެވެ. ނިދާފައި އޮތް ނައިޝީގެ ބޮލުގައި ފިރުމާލުމަށްފަހު އޭނާ ތުވާލި ހިފައިގެން ގޮސް ވަނީ ފާހާނާއަށެވެ. އެހުރިހާއިރު ހޭލާ އޮތް ނައިޝީ ދެލޯ ހުޅުވާލީ ނާހިދް ފެންވަރަށް ފެށި އަޑު އިވުމުންނެވެ. އޭނާއަށް ރޮވެން ފެށިއެވެ. ކޮންފަދަ މަޖްބޫރީއެއް ހެއްޔެވެ؟ ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ރުހުމާއި ނުލާވެސް އޭނާގެ ހަށިގަނޑުން މާހިލަށް ބައެއް އަޅަން ޖެހިއްޖެއެވެ. އެއީ ރަނގަޅު ގޮތެއް ނޫންކަން އިނގޭއިރުވެސް ދެކޮޅު ހެދޭކަށްވެސް ނެތެވެ. ނުވިސްނާ ކުރެވުނު އެންމެ ކުށެއްގެ ސަބަބުން އޭނާ ޖެހޭނީ މުޅި އުމުރަށް ކަރުނައަޅާށެވެ. އޭނާއަށް ގިސްލެވެން ފެށުމުން އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެން އިށީނެވެ.

****************

ފަތިސް ނަމާދުން އައިސް މޯހަންދާސް ގެއަށް ވަނުމުން އިނާޝާ ކޮފީތައްޓެއް ގެނެސްދިނެވެ. އޭނާ ކޮފީތަށި ހިފައިގެން ވަނީ ކޮޓަރިއަށެވެ. އިނާޝާ ފަހަތުން ވަދެ މޯހަންދާސް ކައިރީގައި އެނދުގައި އިށީނެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް މޯހަންދާސް އިނީ ވަރަށް ބަސްމަދުވެފައެވެ.

"ކަމެއްވީތަ...؟" މޯހަންދާސްގެ އަތް މަތީގައި އަތް ބާއްވައިލަމުން އިނާޝާ އަހައިލިއެވެ. މޯހަންދާސް އިނާޝާގެ މޫނަށް ބަލައިލާފައި ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވިއެވެ.

"ބަލީތަ....؟ އިނާޝާ އަހައިލިއެވެ. މޯހަންދާސް ދެފަރާތަށް ބޯހޫރާލިއެވެ.

"ކަމެއް ސިއްރުކުރަނީ ދޯ..." އިނާޝާ އެހެން އަހާލީ ހިމޭންކަމާއެކު އިރުކޮޅަކު މޯހަންދާސްގެ މޫނަށް ބަލަން އިނދެފައެވެ.

"އަހަރެން އަދި މިހާތަނަށް އެއްވެސް ކަމެއް އިނާއަށް ސިއްރުކޮށްފައެއް ނޯންނާނެ" މޯހަންދާސް ބުނެލިއެވެ.

"ދެން...؟ އިނގޭ ކޮންމެސް ކަމެއްވެފަކަން ތި އިންނަނީ" އިނާޝާ ބުނެލިއެވެ.

"އަހަރެން ވާހަކައެއް ބުނަންތަ އިނާ....! އަހަރެން ދޮގެއް ހެދިޔަސް އަދި ތެދެއް ހެދިޔަސް ހަދާނީ ހަމައެކަނި އިނާއަށްޓަކައި. އަހަރެންގެ މުޅި ދިރިއުޅުން އިނާ ތިއީ. އަހަރެންނަށް ބުނަންޖެހޭ ވާހަކައެއްގެ ސަބަބުން އިނާ ދެރަވެ ވިސްނާ ފިކުރުކުރާ ކަމަކަށް ވަންޏާ އިނާއަށްޓަކައި އަހަރެންގެ ދުލުން ބޭރުވާނީ ދޮގު..." ކޮފީތަށި އިނާޝާއަތަށް ލައިދެމުން މޯހަންދާސް ވާހަކަދެއްކިއެވެ. މޯހަންދާސް ދެއްކި ވާހަކަ އިނާޝާގެ ސިކުނޑިއަށް ނަގައެއް ނުގަނެވުނެވެ. އެހެންކަމުން އޭނާ އިނީ ދެބުމަ ގޮށްޖަހާލައިގެން މޯހަންދާސްއަށް ބަލަހައްޓައިގެންނެވެ.

"އެހެންވީމަ ކަމެއްވެއްޖެތާ ދޯ..." އިނާޝާ އަހައިލިއެވެ. މޯހަންދާސް ބޯޖަހައިލިއެވެ.

"ރޭގައި ވަރަށް ނުބައި ހުވަފެނެއް ފެނިއްޖެ. ހީވީ ހޭލާ ހުއްޓަހެން...." މޯހަންދާސް ބުނެލިއެވެ.

"އެވަރުކަމެއް. ހުވަފެނެއް ނުބައިވެގެން ދާނީ އެމީހެއްގެ ދުލުގެ ވިހަކަމުން. އެހެންވެ މީހުން ބުނަނީ ފެންނަ ހުވަފެންތަކުގެ ވާހަގަ ދެވަނަ މީހަކަށް ކިޔައިނުދޭށޭ. އެކަމާ މާބޮޑަށް ނުވިސްނާ..." އިނާޝާ މޯހަންދާސްގެ ކޮނޑުގައި ބޯ ލައްކޮށްލިއެވެ. އިނާޝާގެ އަތުގެ އިނގިލިތަކުގެެ ތެރެއަށް އިނގިލިތައް މަހާލައިގެން އިންއިރު މޯހަންދާސްގެ ސިކުނޑީގައި އެނބުރެމުން ދަނީ ބުރުހާނުއްދީން ދެއްކި ވާހަކައެވެ. ބުރުހާނުއްދީންގެ މޫނަށް ޖަހާލާ ފެން ތައްޓަކުން އަދި އެކަން ނިމިގެން ނުދާނެކަން މޯހަންދާސްއަށް އިނގޭއެވެ.

****************

ހަފްތާގެ އާދީއްތަ ދުވަހެވެ. ފަތިސް ނަމާދަށްފަހު ގޭ ދޮރުމައްޗަށް އަޒްކާ ނިކުމެލީ އިރުއަރާ މަންޒަރު ބަލައިލާން ދިޔުމަށެވެ. އެއްފަރާތުގައި ކުނިކަހަން އޮތް ޙައްވަ ފެނުމުން އަޒްކާ ކައިރިވެލިއެވެ.

"ޙައްވައްތާ...! ދީ އަޅުގަނޑު ތިކަން ކޮށްލަފާނަން" އަޒްކާ ބުނެލިއެވެ.

"އަނހަ. ޙައްވައްތަ ހީކުރީ ބޭރަށް ނުނިކުންނާނެ ކަމަށް" ކޮޅަށް ތެދުވެ ހަށިގަނޑު ސީދާކޮށްލަމުން ޙައްވަ ބުނެލިއެވެ.

"އިރުއަރާ މަންޒަރު ބަލައިލާންދާން އުޅުނީ.. އެކަމު ޙައްވައްތަ ތިގޮތަށް މަސައްކަތްކުރަން ބާއްވާފަ އަޅުގަނޑު ނުދާނެކަން އިނގެއެއްނު" އަޒްކާ ބުނެލިއެވެ.

"މިއީ އެވަރުގެ ކަމެއްނޫން. މި އުމުރުގައި މިގޮތަށް ހެލިފެލިވެ އުޅޭތީ ޙައްވައްތަގެ ހަތަރެސް ފައިގަ ބާރު މިހުރީ. ދޭ ދަރިފުޅު ތިދާ ތަނަކަށް" ޙައްވަ ވާހަކަދެއްކިއެވެ. ޙައްވަ ޖަވާބު އަންނާނީ އެގޮތަކަށްކަން މާކުރިންވެސް އަޒްކާއަށް އިނގެއެވެ. އޭނާ ހީލާފައި ހިނގައިގަތެވެ.

"އެއްޗެއް ބުއިންތަ؟ ޙައްވައްތަ ހުންނާނީ ސައިކުރައެއް ކައްކާފަ. ޙަމީދުބެ ދަރިފުޅަށް ގެނައި ކޮފީ ޕެކެޓެއްވެސް އޮންނާނެ ބަދިގޭގަ ކޮތަޅެއްގެ ތެރޭގަ" ޙައްވަ ވާހަކަދެއްކިއެވެ. ޖަވާބުގައި ވަރަށް އަވަހަށް އަންނާނެކަމަށް ބުނެ އަޒްކާ ހިނގުން ބާރުކޮށްލިއެވެ.

ގެއާއި ދިމާލުން އަތިރި މައްޗަށް ނިކުމެވުނުއިރު އޭނާ ހުރީ ވަރުބަލިވެފައެވެ. ނިތްމަތިން ކޮންމެވެސް ވަރަކަށް ދާތިކިވެސް ފާޅުވާން ހުއްޓެވެ. ނަމަވެސް ޖެހެމުން ދިޔަ ޤުދުރަތީ ވައިން އޭނާގެ ސިކުނޑިއަށް އަރާމުވިއެވެ. އިރުއަރާ މަންޒަރު ފެންނާނެހެން އޭނާ މަޑުކޮށްލީ ދިއްގާގަސްދަށު އެލުވާފައި ހުރި ޖޯއްޔެއްގައެވެ. އުޑުމަތީގައި ރަންކުލައިން ފަވާފައިވާ އޮރެންޖް ކުލައާއި ރީނދޫކުލަ އެކުވެގެން މުޅި ދުނިޔެމަތި ކުލަ ޖައްސާލާފައިވީ ކަހަލައެވެ. މޫދުގެ ލޮނު ގަނޑަށްވެސް ކޮންމެވެސް ވަރަކަށް އެކުލަތަކުގެ ދަޅަ އަރާފައި ހުރުމުން ބަލައިލާން ވަރަށް ހިތްގައިމު ގޮތެއް ހުއްޓެވެ. ކާޅާއި ކޮވެލި އެސޮރުމެންގެ ނަލަ އަޑުން ރީތި ރާގަކަށް އަޑު ލައްވަމުން ދިޔައެވެ. ތަންކޮޅެއް ދުރުން ދެތިން އަންހެނަކު މޫދުގައި ކަސްރަތުކުރަން އުޅޭ މަންޒަރު ފެންނަމުން ދިޔައެވެ. އަޒްކާއަށް އެންމެ ހިތްގައިމު މަންޒަރަކަށް ފެނުނީ މާދުރުން އުދުހިލާފައި އައި މާކަނަލެއް ގަލަކަށް ޖައްސާލި މަންޒަރެވެ. އޭގެއަށް ބަލަހައްޓައިގެން އަޒްކާ އިންއިރު އޭނާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ކުރެހިގެން ދިޔައެވެ. ކުރިމައްޗަށް ދިގު ހިންޔަންޏެއް އެޅޭހެން ހީވެގެން ފަހަތް ބަލައިލިއިރު އިސްޖަހާލައިގެން ހުރެ ނިރާޝް އެދިމާލަށް އަންނަތަން ފެނުނެވެ. އޭނާއަށް ނުފެންނަން ވެގެން ބިންމަތީގައި ދެ ފައިތިލަ ވިއްދާލުމަށްފަހު އެތެރެއަށް ޖޯލި ކޮށްޕާލިއެވެ. އެވަގުތު އުންދޯއްޔާއެކު އޭނާ އެތެރެއަށް ދިޔައެވެ. އޭނާ ކުރިން އިންގޮތަށް ރުޖޫޢަ ވީ ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓް ފަހުންނެވެ. އޭނާ ދެފަރާތް ބަލައިލިއިރު ނިރާޝް ފެންނާކަށް ނެތެވެ.

ދެވަނަ ފަހަރަށް އޭނާ އަމިއްލަ ދުނިޔެއަކަށް ގެއްލުނީ ރަށާއި ވަރަށް ކައިރިން ފެންނަން އޮތް ދޫނި ފިނޮޅު މަތިން ކަހަލަ ގޮތަކަށް އެ ރަށާއި ދިމާލަށް ދަތުރުކުރަމުން ދިޔަ ކުދިކުދި ދޫނި ބައިގަނޑަކަށެވެ. މައްޗަށް ބަލަހައްޓައިގެން އޭނާ އިންއިރު ރަށުތެރެއަށް އިރުގެ ހޫނު އަލި ކޮންމެސް ވަރަކަށް ފެތުރެން ފަށައިފިއެވެ.

"ހާދަ ވަރަކަށް އެސޮރުމެންނަށް ތިބަލަނީ..." އަޒްކާ ސިހުނީ އޭނާއާއި ދާދި ކައިރިން ނިރާޝްގެ އަޑު އިވުމުންނެވެ. އެއްފަހަރު ނިރާޝްގެ މޫނަށް ބަލައިލާފައި އޭނާ އިސްޖަހައިލިއެވެ.

"ނިރާޝް މިގަޑީގަ މިތަނުގަ ކީއްކުރަނީ... ނިރާޝް މަށަށް ފާރަލަނީތަ...؟؟" އަޒްކާ ވާހަކަދެއްކިއެވެ.

"ހެހެހެ... އަހަރެން ކީއްކުރަން އަޒްއަށް ފާރަލާންވީ" ނިރާޝް ހީލަމުން ބުނެލިއެވެ. އޭނާ އިށިނީ މަޑު ފަސްގަނޑުގައެވެ.

"އަހަރެން މިތަނަށް އަންނަ ދެވަނަ ރޭ މީ. އެހެންޏާ ނިރާޝްއެއް ނުފެނޭ. އެހެންވެ މި އަހާލީ. ސޮރީ..." އަޒްކާ ބުނެލިއެވެ.

"ނުފެންނާނެއްނު އަހަރެން ނާންނަންޏާ. މިއަދު ނަމާދުކޮށްލައިގެން އައިސް ހިތަށް އެރީ ފަތާލަން ދާންވީއޭ... ދަބަސް ހިފައިގެން އައިސް އެރެން ރެޑީ ވަނިކޮށް އެތިބަ އަންހެން ގުރޫޕް ފެނުނީ. އެހެންވެ ނުކެރުނު. މައިމޫނައްތަގެ ޝާޔާ ހާދަ ވަރަކަށޭ ބެލީ..." ނިރާޝް ވާހަކަދައްކަމުން ދިޔައެވެ.

"ޝާޔާ ވަރަށް ލޯބިވޭ ކަންނޭނގެ ނިރާޝްދެކެ. ހަމަ ވަރަށް ރަނގަޅު ކުއްޖެއް އެއީ" އަޒްކާ ވާހަކަދެއްކިއެވެ. ނިރާޝް އޭނާއަށް ބަލަހައްޓައިގެން އިނަސް އެންމެ ފަހަރަކުވެސް އަޒްކާ ނިރާޝްއަށް ބަލައިނުލައެވެ.

"ސޯ.. ވަޓް ކެން އައި ޑޫ. އައި ޑޯންޓް ލައިކް ޝާޔާ... ތަނަކުން ފެންނަ ކޮންމެ މީހަކަށް ހިތެއް ނުދެވޭނެއްނު. އަހަރެންގެ ހިތާއި ހަމައަށް ވާސިލްވެވޭނީ ވަރަށް ހާއްސަ ކުއްޖަކަށް" ނިރާޝް ވާހަކަދެއްކިއެވެ.

"ދާންވެއްޖެ. މިހާރު ޙައްވައްތަ އަހަރެން ލަސްވެގެން އުޅޭނެ" އަޒްކާ ތެދުވެގެން ހިނގައިގަތެވެ.

"އަޒް...!! ހިތްހެޔޮކުރައްޗެ. މިރޭ ފުރަން. ވަރަށް އަވަހަށް އަންނާނަން" ކޮޅަށް ތެދުވެ ފޫކޮޅުމަތިން ވެލިތައް ފޮޅާލަމުން ނިރާޝް ވާހަކަދެއްކިއެވެ.

"ސޭފް ޖާރނީ..." އަޒްކާ ބުނެލީ އެވަރަށެވެ. އޭނާ ހިނގާފަ ދާ މަންޒަރު ބަލަހައްޓައިގެން ނިރާޝް ހުއްޓެވެ.

****************

މެންދުރުގެ ކެއުން މޭޒުމަތީގައި ތައްޔާރު ކުރެވިފައި ހުރިއިރު ނަޝްވާއާއި ޝަދީން މޭޒު ކައިރީގައި ތިއްބެވެ. އެއްވެސް މީހަކު ކާން ނުފަށައެވެ. ހީވާގޮތުން ބަޔަކަށް އިންތިޒާރު ކުރަނީ ކަންނޭނގެއެވެ.

"ވަރަށް ދެކިލާހިތުން މީނީ. އަބަދުވެސް ބުނާނެ އެންމެ ދެކެން ބޭނުންވަނީ ދޮންބެދައްތައާއި ޔޫއްކޮއޭ. އެކަމަކު މިފަހަރު އައި ފަހުން އަދި މިގެއާއި ހަމައަށް ނާދެވޭ..." ނަޝްވާ ޝަކުވާ ކޮށްލިއެވެ. ޝަދީން އެއްޗެއް ބުނަން އުޅުނު ވަގުތު ދޮރު ބެލް އަޅާލި އަޑު އިވުނެވެ.

ދޮރު ހުޅުވީ ގޭގައި ގެންގުޅޭ ބޭރު މީހާއެވެ. ވަދެގެން އައި ޝަދީންގެ މައިންބަފައިންނެވެ. ފަހަތުގައި ހުރި ނިރާޝް ހުރިހާ ދަތެއް އެއްފަހަރާ ފެންނަ ވަރަށް ހީލައިގެން ހުރީ ކުރިމަތީގައި ޔޫކް އުރާލައިގެން ހުރި ނަޝްވާ ފެނުމުންނެވެ. އޭނާ ވަދެގެން ގޮސް ޔޫކް އުރާލާ މޫނުގައި ބޮސްދިނެވެ. އިރުކޮޅަކުން ޔޫކް ޝަދީންގެ މަންމަ ހުޒައިމާ އަތަށް ދިނުމަށްފަހު އޭނާ ޖެހިލީ ނަޝްވާ ކައިރިއަށެވެ. ނަޝްވާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ހެމުން މުޅި ގޭތެރޭގައި ދުވުނެވެ. އެ މަންޒަރު ބަލަހައްޓައިގެން އެންމެން ތިބީ ހެވިފައެވެ.

"ހަނދާންވީ މެރީކޮށްގެން ތިގެއަށް ދިޔަ ދުވަސް. އެދުވަހުވެސް ނިރޫ އުޅުނީ ހަމަ މިހެން. ދޯ މަންމާ...!!" ނަޝްވާ ވާހަކަދެއްކިއެވެ.

"ބަލާބަލަ... އަދި ދޮންބެވެސް އެބަހުއްޓޭ ދަރިފުޅާ...!" ޝަދީންގެ ބައްޕަ ސައީދު ބުނެލިއެވެ.

"އަބަދުވެސް އަޅުގަނޑު އަންނަނީ ލިސްޓުގެ ފަހަތަކަށްނު" ހީލާފައި ޝަދީން ބުނެލިއެވެ. އޭނާ ނުވިސްނާ ހުއްޓާ ނިރާޝް ޝަދީންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

މާގިނަ ވަގުތެއް ނުނަގާ ހުރިހާ މީހުން ކެއުމަށް އިންސާފުކުރަން ފެށިއެވެ. ނިރާޝްއާއި ބެހޭގޮތުން ތަފާތު އެތައް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. މަޖާވެފައި ހުރިހާ ވާހަކަތަކެއް ނިރާޝް ކިޔައިދެމުން ދިޔައެވެ.

ދެން ކޮންއިރަކުންތަ މިކޮޅަށް ޗޭންޖް ވަނީ..." ނަޝްވާ އަހާލިއެވެ.

"ނުވޭ އަންނަހިތެއް. ދޮންބެދައްތައަށް އިނގޭތަ ހާދަ އަރާމޭ އެކޮޅު. މިކަހަލަ ހަލަބޮލި ތަނެއްގައި އުޅެފައި އެކަހަލަ ތަނަކަށް ދެވުނީމަ އިހުސާސްވާނެ އަޅުގަނޑު މިބުނި އެއްޗެއް" ކާން އިން ނިރާޝް ވާހަކަދެއްކިއެވެ.

"މަންމަމެންނަށް ހީވޭތަ އެރަށް އަރާމު ކަމުންހެން ނިރޫ ނާންނަން އެއުޅެނީ" ނަޝްވާ އަހައިލިއެވެ.

"ބުނެފިއޭ މިހާރު އެރަށުން ކަމުދާ މަންޖެއެއް ފެނިގެނޭ މިއުޅެނީ. ދެން އެހެންވީމަ ނާންނާނެތާ..." ހުޒައިމާ ވާހަކަދެއްކިއެވެ.

"އަސްލު..." ނަޝްވާ ބުނެލިއެވެ. ނިރާޝް ރަކިވިއެވެ.

"އެއް އަހަރަކަށްނު ތި ދިޔައީ. މިހާރު ހަމަސްވެއްޖެއްނު. ނިންމާފަ އަންނައިރު އަންނަންވާނީ އެކުއްޖާ ގޮވައިގެން... ނޯ އަދަރ ޗޮއިސް..." ނަޝްވާ ބުނެލިއެވެ.

"ބައި ދަ ވޭ ކޮން ނަމެއްތަ އަހަރެންގެ ފަހަރިކޮއްކޮއަށް ކިޔަނީ..." ސަމާސާ ރާގަކަށް ނަޝްވާ އަހާލިއެވެ.

"އެއީ އަދި ސިއްރެއް..." ނިރާޝް ބުނެލިއެވެ.

****************

ސިޓިންގްރޫމުގައި ގޭ ހުރިހާ އެންމެން ޖަމާވެފައި ތިއްބެވެ. މަދީ ހަމައެކަނި އަމީޒާއެވެ. މެޑިކަލް ކޭމްޕެއްގައި އަތޮޅުތެރެއަށް ނަތާޝާ ފުރަން ޖެހިގެން އެވާހަކަ ދެކެވެމުން ދިޔައެވެ. ނަތާޝާ އެކަނިން ފޮނުވަން އެއްގޮތަކަށްވެސް ނުޝައިބާ ބޭނުމެއް ނުވެއެވެ. ސިޓިންގްރޫމް ސޯފާތައް ފުރާލާފައި ތިބިއިރު އެންމެ ދިގު ސޯފާގައި ތިބީ ނުޝައިބާއާއި ޔޫސުފްގެ އިތުރުން މުހްސިނެވެ. އެއްފަރާތުގައި ފަރީޝާއާއި ނަޝްވާގެ އިތުރުން ނަތާޝާާއި ޖެހިގެން ބޮޑަށް ހުންނަ ބޭބޭ ހާއިޝްއިނެވެ. ވަކިން ހުރި ސޯފާގައި ނަތާޝާގެ އެންމެ ބޮޑު ބޭބެ ޒައިން އިނެވެ. ޒައިން އިން ގޮނޑީގެ ފަޑީގައި ނަތާޝާ އިނީ ހިތްހަމަނުޖެހިފައެވެ.

"މަންމަ ކީއްކުރަން ނަތާއަށް ނަރުސްކަން ކިޔަވަދިނީ..." ނަތާޝާ ހިންތަހަނުޖެހިފައި ބުނެލިއެވެ.

"މަންމާ..! އަބަދު ތިހެން ނަތާ ނުގެންގުޅެވޭނެ ދޯ. އޭނަ ޖެހޭނެ ދޯ ކޮންމެސް ދުވަހަކުން މީހަކާއި އިންނަންވެސް" ޒައިން ވާހަކަދެއްކިއެވެ.

"މަންމައަށް ނުވެސްނިދޭނެ މިގޭގަ ނަތާ ނެތިއްޔާ. ނަތާ ހާދަ ކުޑައޭ އަދިވެސް" ނުޝައިބާ ބުނެލިއެވެ.

"ދެން އެންމެ ހަފްތާއެއްނު ވަނީ ވެސް. އެހެންނޫނަސް އެރަށުގައި ނިރޫވެސް ހުންނަނީ. ނަތާ އެކަންޏެއްވެސް ނުވާނޭ" ނަޝްވާ ވާހަކަދެއްކިއެވެ.

"މަންމާ...! ނަތާ ނޫނަސް ކިތައް ކުދިން ދާނެ ހޮސްޕިޓަލްގެ ފަރާތުން. މަންމަ ކީއްވެތަ ނަތާ ދެކެ ތިވާ ލޯބި އަޅުގަނޑު ދެކެ ނުވަނީ. ވަޒީފާ ލިބޭ އިރަށް އަޅުގަނޑު ފޮނުވާލައިފި. ކިތައް ދަތުރު މަތިން މިކުރަނީ. ކިތައް ދުވަހު ރާއްޖެއިން ބޭރު ހޮޓެލްތަކުގަ ހުރެފިން..." ހާއިޝް ޝަކުވާ ކޮށްލިއެވެ. ހުރިހާ މީހުންނަށް ހެވުނެވެ.

"ލޯބިނުވާތީކީ ނޫން. އެކަމަކު ނަތާއެއްނު އެންމެ ކުޑައީ... އެހެންނޫނަސް މަންމަ ނެތިން ނަތާ ހުއްޓުވާކަށް..." ނުޝައިބާ ވާހަކަދެއްކިއެވެ.

"ދަރިފުޅު ތައްޔާރުކުރޭ.. ދަރިފުޅުގެ ހުރިހާ ކަމެއް ބައްޕަ ބަލާނަން. ބައްޕައާއި އެއް އަތޮޅެއްގައެއްނުން ހުންނާނީ.." ޔޫސުފް ގޮތް ނިންމިއެވެ.

"ފަޒާދައްތަވެސް އެކަނި ލަންޑަންގަ ހުރެގެން އެކިޔަވަނީ. މިއިނީ ބޮއްތަވެސް. އަދި ފަޒާދައްތައަކީ ބޮއްތަގެ ހުރި ހަމައެކަނި ގާރލް..." ނަތާޝާ ޝަކުވާކޮށްލިއެވެ.

"ދޭ ދަރިފުޅު. ދެން ނުދޭނެވިއްޔާ މަންމަ ނޭވައެއް ފުރިހަމައަށް ލިޔަވެސް. މަންމަ އަބަދުވެސް ދަރިފުޅާއި މެދު ވިސްނާތީ މިކަހަލަ ވާހަކަދެއްކެނީ..." ނުޝައިބާ އަމާންދިނެވެ. ހުރިހާ މީހުންނަށް ހެވުނު އިރު އެންމެ ބޮޑު ހިނިތުންވުމެއް ފެނުނީ ނަތާޝާގެ ތުންފަތް މަތިންނެވެ. ރާއްޖެތެރޭ ރަށްތަކަށް ދަތުރުކުރުމަކީ އޭނާ އެއްގޮތަކަށްވެސް ކުރާހިތްވާ ކަމެއް ނޫނެވެ. ނަމަވެސް މިފަހަރު އެހާ ބޮޑަށް އޭނާ ދާންބޭނުންވި ސަބަބެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ.

****************

ޖުމްލަ ދިހަ ޕޭޝަންޓުން ބެލުމަށްފަހު ބްރޭކެއް ނަގަން އުޅުނު ނާހިދް ސިހުނީ ދޮރުހުޅުވާލާފައި ކޮޓަރިއަށް ވަތް ޒުވާނާ ފެނުމުންނެވެ. އޭނާއަށް ކޮޅަށް ތެދުވެވުނުއިރު މުނުމަތިން ޚައިރާންކަމެއް ފެންނަން ހުއްޓެވެ.

(ނުނިމޭ)