ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ނައިފަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި މަގުތަކުން ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ނައިފަރަށް ރޭ ފަތިހުން ފެށިގެން ބޯކޮށް ވަރޭ ވެހުމާ ގުޅިގެން ހަތަރު ގެއަކަށް ފެންވަދެ، ތަކެއްޗަށް ގެއްލުންވެފައިވެއެވެ.
ނައިފަރު ކައުންސިލުގެ ރައީސް މުހައްމަދު ކާރިމު ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ހަތަރު ގެއެއްގައި ހުރި ފަރުނީޗަރުތަކަށް ގެއްލުންވެފައިވާކަމަށެވެ.
އަދި ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި ރަށު ކައުންސިލުގެ އިތުރުން އެ ރަށުގައި ފެނާއި ނަރުދަމާ އަޅަމުން އަންނަ ކުންފުނީގެ ފަރާތުން މަސައްކަތް ކުރަމުންދާކަމަށް ކާރިމު ވިދާޅުވިއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެގޮތުން، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި އެ ސަރަހައްދުތަކަށް މިއަދު ހެނދުނު 7:40 އިން މެންދުރު ފަހު 1:40 އަށް ޔެލޯ އެލާޓްވެސް ވަނީ ނެރެފައެވެ.