Close
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޒުވާނުންނަކީ ގައުމުގެ ހެވާއި ލާބައަށް މަސައްކަތްކުރާ ބަޔަކަށް ހެދޭނީ އެމީހުން ބިނާކުރުމަށް އިސްކަންދީގެން: ރައީސް

މަރިޔަމް ޝަހުދާ

ޒުވާނުންނަކީ ގައުމަށް ހެވާއި ލާބައަށް މަސައްކަތް ކުރާ ބަޔަކަށް ހެދޭނީ ޒުވާނުން ބިނާކުރުމަށް އިސްކަންދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބާގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

މި ހިތާބުގައި ރާއްޖޭގެ ލޮބުވެތި ޒުވާނުންނަށާއި ހެޔޮ ގޮތުގައި ޒުވާނުން ބިނާކޮށް، ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުން ރައީސް ސޯލިހު ފޮނުއްވާފައިވެ އެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތައުލީމު އުނގަންނައިދީގެން ހެޔޮލަފާ އަދި ދުޅަހެޔޮ އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމުގައެވެ.

މި ހިތާބުގައި އިންސާނީ ކޮންމެ މުޖުތަމައެއް ޒުވާނުންނަށް ބޭނުންޖެހިފައިވާ މިންވަރު ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޒުވާނުންނާއި ނުލައި އެއްވެސް މުޖުތަމައެއް ކުރި ނާރާނެ ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒު ކުރަމުން ދާނީ ޒަމާނީ ތައުލީމާއި ތަމްރީނާއެކު، އަމިއްލަ އަތުން ދިރިއުޅުން ބިނާކުރާ ޒިންމާދާރު ޒުވާނުންތަކެއް އުފެއްދުމުގެ ލަނޑުދަނޑި ހާސިލު ކުރެވޭނެ މަގުން ކަމަށް ރައީސް ވިދާޅުވިއެވެ.

''ތިޔަ ޒުވާނުންގެ އަމިއްލަ ދިރިއުޅުމަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ގައުމަށް ލިބޭ ތަރައްގީ. ތިޔަ ޒުވާނުން ޒިންމާދާރުވުމަކީ، ގައުމު އިސްލާހުކުރުމުގެ ތަޅުދަނޑި.'' ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދައުލަތުން ޒުވާނުންނަށް ފަހިކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފައި ޒުވާނުން އަމިއްލަ ކުރިމަގު އުޖާލާކުރުމަށް އަޒުމް ކަނޑައަޅައި އެކަމަށް ގަދަ އަޅައި މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ، އެކަކުވެސް ބާކީނުކޮށް އެންމެން ޝާމިލްވާ، ހަމަހަމަ ފުރުސަތު ލިބިދޭ، ފެންވަރު ރަނގަޅު ތައުލީމެއް ކަށަވަރު ކޮށްދިނުމެވެ. އަދި ހަޔާތުގެ ހުރިހާ އުމުފުރާއެއްގެ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އެންމެނަށް ފަހި ކޮށްދިނުމެވެ.