ކަނޑުމަތީގެ ހާދިސާތައް

ވިލިނގިލީ ކައިރިން އޮޔާގޮސް އިއްޔެ ހަވީރު ގެއްލުނު ދެމީހުން 10ގަޑި އިރު ފަހުން ހުޅުމާލެއަށް އަރައިފި

ކ. ވިލިނގިލީ ކައިރީ ކެނޯއެެއްގައި ނުކުމެ އުޅެނިކޮށް، އިއްޔެ ހަވީރު 5:00 އެހާ އިރު ގެއްލުނު ދެމީހުން ރޭ ދަންވަރު 03:10 އެހާ އިރު ހުޅުމާލެއަށް އަރައިފި އެވެ.

އޮރެންޖު ކުލައިގެ ކެނޯއެއްގައި ނުކުމެ އުޅެނިކޮށް ގެއްލުނު އެ ދެމީހުން ހޯދުމުގެ މަސައްކަތް މެރިން ޕޮލިސް އާއި ކޯސްޓްގާޑު ގުޅިގެން އިއްޔެ ހަވީރުން ފެށިގެން އައީ ކުރަމުންނެވެ. އެއީ އުމުރުން 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެހެން ނަމަވެސް ދެމީހުން ޑޮކްޓަރަށް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ ދެމީހުން ބެހުނީ، ކެނޯގައި ވިލިނގިލީ ނެރުމައްޗަށް ނިކުމެގެން އުޅެނިކޮށް ގަދަ ވަޔާ އެކު އައި ކޮޅިގަނޑެއްގައި ޖެހިގެން އޮޔާ ދިޔުމުގެ ސަބަބުން ކަމަށެވެ.

"އޮޔާ ދަމުން ގޮސް ރޭ ދަންވަރު 3:10 ހާއިރު، ހުޅުމާލޭ ސްވިމިން ޓްރެކް އާ ދިމާއަށް ކެނޯ އައުމުން ފަތާފައި ހުޅުމާލެއަށް އެރީ. "ފުލުހުން ބުނެފައިވެ އެވެ.

މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.