އަލްހާ އީދު

ދުވާފަރު ރައްޔިތުންގެ ''ނަލަ ކޯޑި'' ނެރެފި

ޝަހީދާ އަބްދުﷲ ސައީދު

ދިވެހިންނަކީ އީދު ކުޅިވަރަށް ވަރަށް ފޯރި ހުންނަ ބައެކެވެ. ހާއްސަކޮށް ބޮޑު އީދު ފާހަގަކުރުމުގައި ދިވެހިންނަކީ ދެވަނައެއް ނެތް ބައެކެވެ.

ދުރާލައި ކުޅިވަރު ހަރަކާތްތައް ރާވައި، ރަށްރަށުގެ ތުއްތު ކުދިންނާ ހިސާބުން ފެށިގެން ގޮސް ދޮށީ އުމުރުގެ މީހުންގެ ހިއްސާއާއެކު ކޮންމެ ރަށެއްގައިވެސް އީދު ކުޅިވަރުތައް ކުޅެއެވެ. މިއީ ދިވެހިންގެ ސަގާފަތާ ގުޅި ލާމެހިފައިވާ ކަމެކެވެ.

އީދު ކުޅިވަރުތަކުގައި ރަށްރަށުގެ ރައްޔިތުންނެކޭ އެއްފަދައިން ރަށަށް ޒިޔާރަތްކުރާ މެހެމާނުންވެސް ޝާމިލުކުރެއެވެ. ގިނަ ރަށްރަށުގައި އީދު ކުޅިވަރުތައް ފަށަނީ އީދު ވިލޭރޭ ''އީދު ހުޅު'' ޖެހުމާއެކުއެވެ.

އޭގެ ފަހުން އީދުގެ ކުޅިވަރު ހަރަކާތްތައް އެ ފެށުނީއެވެ.

ތާރަޖެހުމާއި ބިލެތްދަފި ނެގުމާއި ކޯޑި ކެނޑުމާއި ބޮޑު ބެރު އަދި ލަނގިރި ޖެހުން ފަދަ ސަގާފީ ކުޅިވަރުތައް ގިނަ ރަށްރަށުގައި މިހާރުވެސް ކުރިއަށް ގެންދެއެވެ. މިހާރަކަށް އައިސް އެ ކުޅިވަރުތައް ގިނައިން ކުރިއަށް ގެންދަނީ ޒަމާނާ އެއްގޮތަށް ބަދަލު ތަކެއްވެސް ގެނަސްގެންނެވެ.

އަލްހާ އީދަކީ ދިވެހިންނަށް އަންނަ އެންމެ ބޮޑު އީދެވެ. މިއަހަރުގެ އީދު ފާހަގަކުރަމުންދާއިރު މިއަދުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި، އީދުގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަހަރުގެ އީދު ކުޅިވަރު އެންމެ ފޯރީގައި ކުޅޭ އެއް ރަށަކަށް ހަމަ ގައިމުވެސް ރ. ދުވާފަރު ވެގެންދާނެއެވެ.

އެގޮތުން ދުވާފަރު ރައްޔިތުންގެ ސަގާފީ ކުޅިވަރެއްކަމަށްވާ ''ނަލަ ކޯޑި'' މިއަދު ހަވީރު ވަނީ ނެރެފައެވެ.

މިއީ ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވާ ކުޅިވަރެކެވެ. ''ނަލަ ކޯޑި'' ތައްޔާރުކުރަނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާވެސް އެކުގައެވެ. އެހެން ރަށްރަށުގައި ކޯޑި ތައްޔާރުކުރާ ގޮތާއި ދުވާފަރުގައި ކޯޑި ތައްޔާރުކުރާ ގޮތް ވަރަށް ތަފާތެވެ.

ދުވާފަރުގައި ''ނަލަ ކޯޑި'' ތައްޔާރުކުރާ ގޮތަށް ބަލާއިރު، އީދު ދުވަހު އީދު ނަމާދުން ފައިބައިގެން ކުދި ބޮޑު އެންމެން ގާޑިޔަލެއް ހިފައިގެން ބެރުޖަހާފައި ގޭގެއަށް ޒިޔާރަތްކުރެއެވެ. މިއީ ނަލަ ކޯޑި ތައްޔާރުކުރަން ބޭނުންވާ ފައިސާ ހޯދަން ކުރާ ކަމެކެވެ.

އެ މަސައްކަތުން ކޮންމެ ގެއަކުންވެސް އެކަމަށް ކޮންމެސް ވަރަކަށް ފައިސާ ދެއެވެ. އަދި ކޯޑި ތައްޔާރުކުރާ މީހުން ކައިބޮއި ހެދުމަށް ތަފާތު ވައްތަރުގެ ހެދިކާވެސް ގާޑިޔަލަށް އަޅައެވެ.

މިއީ އީދު ކުޅިވަރު ކުޅޭ ދުވަސްތަކުގައި ވަގުތުން ކާލެވޭ ހެން ނުބައި ނުވާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ހެދިކާ އެކެވެ. މިބާވަތުގެ ހެދިކާ އުތުރުގެ ރަށްރަށުގައި ދުރާލާ ތައްޔާރުކޮށްފައި ހުންނާނެއެވެ.

މެންދުރު ކުރިން ހުރިހާ ގެއަކުން ފައިސާ ނަގައިގެން ގޮސް އެދުވަހު ނަލަ ކޯޑި ތައްޔާރުކުރަން ފަށައެވެ. މި ކޯޑި ނެރޭނީ އީދުގެ ދެވަނަ ދުވަހު ހަވީރު އެވެ. އެދުވަހުގެ މެންދުރު ފަސްވާއިރު ނަލަ ކޯޑި ހުންނާނީ ތައްޔާރުކޮށް ނިމިފައެވެ.

ގޭގެއިން ނަގާ ފައިސާ އަކީ ވީހާވެސް ބޮޑަށް ނަލަ ކޯޑި، ނަލަކުރަން ކިނާރި އާއި ޖަރީ ފަދަ ތަކެތި ގަތުމަށް ނަގާ ފައިސާއެވެ. މި ކޯޑި ހުންނަނީ ކިނާރި އެލުވައި ކޯޑި މަތީގައި ރަން ކުލައިގެ ކަރުދާހުން ހަދާފައިވާ ދޫނި ހަރުކޮށްފައެވެ.

ދެވަނަ އީދުދުވަހު ހަވީރު ނަލަ ކޯޑި ނެރޭއިރު ކޯޑި ނެރެން ހާއްސަ މީހަކު ހުންނާނެއެވެ. އަދި ބޮޑުބެރާއެކު ރަށު ތެރޭގައި ކޯޑި، ކުޅިވަރު ކުޅެމުންދާއިރު ކޯޑި ހިފައިގެން ހުންނަ މީހާގެ ކުރިއަށް ނަށާ މީހަކު ހާއްސަކޮށްފައި ހުރެއެވެ. މިއީ އެ ރަށުގައި ހުންނަ އެންމެ ފަރި ނެށުން ނަށާ މީހާއެވެ.

މިއަދު ކޯޑި ނެރުނު އިރު ދުވާފަރުގައި ނަށަން ހާއްސަކޮށްފައި ހުރީ ޒުވާނެކެވެ. އޭނާގެ ފަހަތުން އެހެން މީހުން ވެސް ނަށައެވެ. ކޯޑި ނެރޭއިރު ކޯޑިއާއެކު ރަށުގެ ހުރިހާ ރައްޔިތުން ހިނގާނެއެވެ. މިއީ ދުވާފަރު މީހުންގެ ވަރަށް ހާއްސަ ކުޅިވަރެކެވެ.

''ނަލަ ކޯޑި'' އާއެކު ރައްޔިތުން ރަށު ތެރޭގައި ހިނގާއިރު ހުރިހާ ރައްޔިތުން ވެސް ތިބެނީ ކޯޑިއާ އެއްވަރަށް ނަލަ ވެގެންނެވެ.