ކޯލަ އައުނު ކަޕް

ކޯލަ އައުނު ފުޓްސަލް ކަޕް ފަށައިފި، އެންމެ ފަހުގެ ޗެމްޕިއަން އެންވައިޖީއަށް ފަސޭހަ މޮޅެއް

އަލީ ރިފްޝާން

ކޮންމެ އަހަރެއްގެ އަލްހާ އީދާ ދިމާކޮށް، ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ކޯލަ އައުނު ފުޓްސަލް ކަޕް ފަށައިފިއެވެ.

ދަރަނބޫދޫ ޒުވާނުންގެ ކްލަބު (ޑީޒެޑްސީ) އިން އިންތިޒާމުކޮށްގެން ފ. ދަރަނބޫދޫގައި ބާއްވާ ދިހަވަނަ ކޯލަ އައުނު ކަޕް ފެށުނީ އިއްޔެއެވެ.

އެ މުބާރާތުގައި ރޭ ތިން މެޗެއް ކުޅުނެވެ. ރޭގެ ފުރަތަމަ މެޗަކީ 'ގްރޫޕު އޭ'ގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރީ ކަނބުލޮ އެފްސީ އާއި އެންމެ ފަހުގެ ރަނަރަޕް ގަޓް ސިޓީއެވެ. އެ މެޗުގައި ގަޓް ސިޓީގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކަނބުލޮ އެފްސީން ވަނީ ކުރި ހޯދައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކަނބުލޮ އެފްސީގެ އަނީސް ޒާހިރެވެ.

ރޭ ކުޅުނު ދެވަނަ މެޗަކީ 'ގްރޫޕު ބީ'ގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރީ ވެސްޓް ސިޓީ އާއި އެންމެ ފަހުގެ ޗެމްޕިއަން ނިލަންދޫ ޔޫތު ޖެނެރޭޝަން (އެންވައިޖީ) އެވެ. އެ މެޗު ފަސޭހަކަމާއެކު 12-2ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެންވައިޖީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެންވައިޖީގެ އިސްމާއިލް އީސާ (މެސީ) އެވެ.

ރޭ ކުޅުނު ފަހު މެޗަކީ 'ގްރޫޕު ސީ'ގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރީ އެސޯސިއޭޝަން ފޯރ ވެސްޓް ޔުނައިޓެޑް (އޭޑަބްލިއުޔޫ) އާއި އެފްސީ ސިއްސުވާލިއެވެ. އެ މެޗު 9-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޭޑަބްލިއުޔޫއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޭޑަބްލިއުޔޫގެ މުހައްމަދު ޔަފާއުއެވެ.

އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖެވެ. ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕު އޭ'ގައި ހިމެނެނީ ކަނބުލޮ އެފްސީ އާއި ގަޓް ސިޓީ އަދި ބީސީ ސްޕޯޓްސް ކްލަބެވެ. 'ގްރޫޕު ބީ'ގައި ހިމެނެނީ ނިލަންދޫ ޔޫތު ޖެނެރޭޝަން (އެންވައިޖީ) އާއި ވެސްޓް ސިޓީ އަދި އޭކްސްއެވެ. 'ގްރޫޕު ސީ'ގައި ހިމެނެނީ އެސޯސިއޭޝަން ފޯރ ވެސްޓް ޔުނައިޓެޑް (އޭޑަބްލިއުޔޫ) އާއި އެފްސީ ސިއްސުވާލި އަދި އެފްސީ ޒަލްޒަލާއެވެ.

އެ މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00 ކުޅޭ 'ގްރޫޕު ބީ'ގެ މެޗުގައި އެންވައިޖީ އާއި އޭކްސް ބައްދަލުކުރާ އިރު، މިއަދު ހަވީރު 5:00ގައި ކުޅޭ 'ގްރޫޕު ސީ'ގެ މެޗުގައި ބައްދަލުކުރާނީ އޭޑަބްލިއުޔޫ އާއި އެފްސީ ޒަލްޒަލާއެވެ. އަދި މިރޭ 8:30ގައި ކުޅޭ 'ގްރޫޕު އޭ'ގެ މެޗުގައި ބައްދަލުކުރާނީ ކަނބުލޮ އެފްސީ އާއި ބީސީ ސްޕޯޓްސް ކްލަބެވެ.

އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ތިން ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން ގްރޫޕުތަކުގެ ފުލުފައި އޮންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ. ކުއާޓާގެ މެޗުތަކުން މޮޅުވާ ޓީމުތައް ސެމީ ފައިނަލުގައި ވާދަކޮށް، މޮޅުވާ ދެ ޓީމަށް އަންނަ ބުރާސްފަތި ދުވަހު ކުޅޭ ފައިނަލުން ޖާގަ ލިބޭނެއެވެ.