އީދު ބަންދާ ދިމާކޮށް ދ. މާއެނބޫދޫގައި ބާއްވާ ވޮލީ މުބާރާތް މިރޭ ފަށައިފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މާއެނބޫދޫ ކައުންސިލުގެ ރައީސް އިބްރާހީމް ސިރާޖު ވިދާޅުވީ، ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވޮލީ މުބާރާތް މިރޭ ފައްޓަވައިދެއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ކަމަށެވެ.
މިރޭގެ މެޗުގައި ބައްދަލުކުރީ ބަނދަރު ކަނބަލުންގެ ޓީމާއި އެމްއެސް ލޭޑީ ޓީމެވެ.
ތިން ސެޓް އެއްޗެޓުން މިރޭގެ މެޗު ކާމިޔާބުކުރީ ލޭޑީ ޓީމެވެ.
ސިރާޖު ވިދާޅުވި ގޮތުގައި މި މުބާރާތުގައި ޖުމްލަ ނުވަ ޓީމު ބައިވެރިވެއެވެ.
އެއީ ފިރިހެން ތިން ޓީމާއި އަންހެން ހަ ޓީމެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނާއި ރޭގަނޑު ކަމަށް ސިރާޖު ވިދާޅުވިއެވެ.
ވޮލީ މުބާރާތުގެ އެންމެ ފަހު މެޗު ކުޅޭނީ މިމަހުގެ ސޯޅަވަނަ ދުވަހުގެރޭ ކަމަށްވެސް ވިދާޅުވިއެވެ.
ވޮލީ މުބާރާތުގައި ބައިވެރިވެފައިވާ އަންހެން ޓީމުތަކަކީ ބަނދަރު ވޮލީ ޓީމު، ދަގަނޑު، އެމްއެސް ލޭޑީސް، ބަނދަރު ކަނބަލުން، އެމްއެސް ގާލްސް، އަދި މާއެނބޫދޫ ހެލްތް ސެންޓަރުގެ ޓީމެވެ.
މި މުބާރާތުގައި ވާދަކުރާ ފިރިހެން ޓީމުތަކަކީ އެމްއެސް ބޯއީޒް، އެމްއެސް ޖެންޓާސް އަދި ދަގަނޑު ޓީމެވެ.
އީދު ޗުއްޓީގައި މާއެނބޫދޫ ކައުންސިލުން އިސްނަގައިގެން ފުޓްބޯޅަ މުބާރާތެއް ކުޅެން ހަމަޖެހިފައިވާކަމަށާއި މި މުބާރާތުގައި ޖުމްލަ ހަ ޓީމު ބައިވެރިވާކަމަށް ސިރާޖު ވިދާޅުވިއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ. މި މުބާރާތުގެ އެންމެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސޯޅަ ވަނަ ދުވަހުއެވެ.
މީގެއިތުރުން އެރަށު ''މުޑި ޖަމުއިއްޔާ'' އިން އިންތިޒާމުކޮށްގެން މަސް ރޭހަކާއި ބަށި މުބާރާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ދެ ޖިންސުގެ މީހުންނަށް ހުޅުވާލާފައިވާއިރު، ބަށި މުބާރާތް ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. މަސްރޭހުގައި ޓީމެއްގައި ގިނަވެގެން ބައިވެރިވެވޭނީ ބާރަ މީހުންނަށެވެ.
މިކުޅިވަރުތަކުގެ އިތުރުން ވެސް އީދުގެ ތަފާތު ކުޅިވަރުތައް ކުޅުމަށް ހަމަޖެހިފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އީދު ބަންދާ ދިމާކޮށް މުޅި ރަށަށް ހުޅުވާލައިގެން މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާ ކުރުމާއި ޒުވާނުންނަށް އީދުގެ އުފަލާއި ހިތްހަމަ ޖެހުން ގެނެސްދިނުމެވެ.
ސިރާޖު ވިދާޅުވީ އީދު ދުވަހުގެ އެންމެ ހާއްސަ އެއް ކަމަކަށް އޮންނާނީ އީދު ނަމާދަށްފަހު ރައްޔިތުން ބައިވެރިވާ ހެނދުނުގެ ހާއްސަ ސައެކެވެ.
ސައި ތައްޔާރުކުރާނީ ރަށު ސްކޫލު ހޯލުގައި ކަމަށާއި މިހަފްލާގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.