އަލްހާ އީދު

ސިނާންގެ ކޮލަމް: އީދަށް އެންމެން ފުރައިފި، ޖަޒީރާ ރާއްޖޭގެ ކެޕިޓަލް ސިޓީގައި ކަމެއް ނެތް!

ސިނާން އަލީ

އަލްހާ އީދާ ދިމާކޮށް މާލެއިން އެތައް ހާސް ބަޔަކު އެކި ތަންތަނަށް ފުރައިގެން ގޮސްފި އެވެ. ރެއިން ފެށިގެން މާލޭ ބަނދަރާއި މަގުތައް ފެންނަނީ އާންމުކޮށް ފެންނަ ގޮތާއި ހިލާފަށް އަމާންކޮށެވެ. މިއަދާއި މާދަމާ ވެސް ގިނަ ބަޔަކު ފުރާން ވަނީ ހަމަޖައްސައިފަ އެވެ.

މި ފަހަރުވެސް ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، ގިނަ ބަޔަކު ޗުއްޓީއަށް ފުރީ އަތޮޅު ތެރެޔަށް ކަމެވެ. އީދު ޗުއްޓީގައި ބަޔަކު ރާއްޖޭން ބޭރަށް ދިޔަ ނަމަވެސް، އެއީ ނިސްބަތުން ވަރަށް ވެސް މަދު އަދަދެކެވެ. ގިނަ ދިވެހީން ބޭނުންވީ އާއިލާއާއި އެކު ދިވެހި ވަންތަކަމާ އެކު، އީދު ފާހަގަކުރާށެވެ. މިއީ އުފާކުރާން ޖެހޭ ކަމެކެވެ.

މިދިޔަ އަހަރު ތަކާއި ހިލާފަށް މި އަހަރުގެ ބޮޑު އިދާ ދިމާކޮށް، އަތޮޅު ތެރޭގައި ވަނީ އީދުގެ ފޯރިވެސް ގަދަ ވެފަ އެވެ. ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އީދު ފާހަގަކުރުމުގެ އުފާވެރި ސަގާފަތަށް ދިރުން އައިސް، އެއް ރަށަށް ވުރެ އަނެއް ރަށް، ކުލަގަދަކޮށް އީދު ފާހަގަކުރާން އަންނަނީ މަސައްކަތްކުރަމުންނެވެ.

މީގެ އަހަރުތަކެއް ކުރިޔެކޭ އެއް ގޮތަށް، މި ފަހަރުވެސް އީދާ ދިމާކޮށް، ރާއްޖޭގެ ނަން މަޝްހޫރު ހުރިހާ ކުޅިވަރު ގުރޫޕުތަކުގެ ތާވަލު ވަނީ މުޅީން ފުލުވެފަ އެވެ. ބައެއް ގުރޫޕު ތަކުން އެކިރޭ ކުޅޭނީ އެކި ރަށުގަ އެވެ. ސަގާފީ އައިޓަމްތަކާއި ޒަމާނީ ކުޅިވަރުގެ އައިޓަމްތައް ރަށްރަށުގައި ވަނީ ކުލަގަދަކޮށް އިންތިޒާމުކޮށްފަ އެވެ.

މިފަހަރުގެ އީދު ބަންދަށް ނުވަ ވަރަކަށް ދުވަސް ލިބޭތީ، ބައެއް ރަށްރަށުގައި ވަނީ ކުޅިވަރު ބޮޑެތި މުބާރާތްތައް ވެސް އިންތިޒާމުކޮށްފަ އެވެ. އެފަދަ ބައެއް މުބާރާތްތަކަށް ރަށުން ބޭރުން ކުޅުންތެރީންނާއި ގައުމުން ބޭރުން ކުޅުންތެރީން ގެންގޮސްފައިވާ އިރު، މުނިފޫހިފިލުމުގެ ހަރަކާތްތަކުގައި ރާއްޖޭގެ ނަން މަޝްހޫރު ހުރިހާ ފަންނާނުންވެސް ވަރަށް ބިޒީ އެވެ. ރާއްޖޭން ބޭރުން ވެސް ރަށްރަށަށް ވަނީ ފަންނާނުން ގެނެސްފަ އެވެ.

އީދުގެ އުފާ މުޅި ރާއްޖޭގައި ފާހަގަކުރާ އިރު، ޖަޒީރާ ރާއްޖޭގެ ކެޕިޓަލް ސިޓީގައި މާބޮޑު ކަމެއް ނެތެވެ. އެހެން ނަމަވެސް މި ރަށުގައި އަދިވެސް އެތައް ހާސް ރައްޔިތުންނެއް އެބަ ތިއްބެވެ. އެކި ސަބަބުތަކަށް ޓަކައި ރަށު ބަންދުވެފައި ތިބުމުގެ ސަބަބުން ފުރޭނެ ގޮތެއް ނެތިފަ އެވެ. އެއްބަޔަކަށް ޓިކެޓު ނުލިބިގެންނެވެ. އަނެއް ބަޔަކަށް ޗުއްޓީ ނުލިބިގެންނެވެ. ސްކޫލު ތަކާއި ކޮލެޖު އެސައިންމެންޓުތަކުގެ ސުންގަޑި އީދު ތެރެޔަށް ހަމަ ވާތީ ނުދެވޭ މީހުންނާއި އާއިލާ އެއްކޮށް ގޮވައިގެން ފުރޭނެ ފަދަ ތަނަވަސްކަމެއް ނެތުމުން މަޑުކޮށްލި މީހުން ވެސް މަދެއް ނޫނެވެ.

ހުޅުމާލޭގައި ކުޅިވަރު ހަރަކާތްތައް އެޗްޑީސީއާއި ހުޅުމާލޭގައި ދިރުއުޅޭ ރައްޔިތުން ގުޅިގެން ވަނީ އިންތިޒާމު ކޮށްފަ އެވެ. އެ ހަރަކާތްތައް މިރެއިން ފެށިގެން ކުރިޔަށް ދާނެ އެވެ.

މިދިޔަ އީދުގައި ވެސް އޭގެ ކުރީ އީދުގައި ވެސް މި ވާހަކަ ދެއްކި މީހުން މަދެއް ނޫނެވެ. މި ރަށުގައި އުޅޭ މީހުންނަށް އީދު ފާހަގަކޮށްދޭން ބަޔަކު ނެތުމުގެ މައްސަލަ އެވެ. އެކަން އިންތިޒާމު ކޮށްދޭނެ ބަޔަކު ނެތުމުގެ މައްސަލަ އެވެ. އެކަން ކުރާން ޖެހޭ ބަޔަކު ނޭނގުމުގެ މައްސަލަ އެވެ. ޖަޒީރާ ރާއްޖޭގެ ކެޕިޓަލް ސިޓީއަށް އީދު ނާންނަ މައްސަލަ އެވެ. ދެން އަނެއްކާވެސް އޮތީ އަންނަ އީދަށް އުއްމީދު ކުރުމެވެ.