މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 28

އަބްދުﷲ ފާރޫގް ހަސަން

1

5. އޮށްކޮޅައިލައި

މިއީވެސް އަތިރިމަތީގައި ދެމީހުން ނުވަތަ ހަތަރުމީހުން ކުޅޭ ކުޅިވަރެކެވެ. މިކުޅިވަރު ކުޅޭގޮތަކީ ކުޅޭ ހަތަރުމީހުންގެ މެދުގައި ދޮންވެލިފުންޏެއް ޖެހުމަށްފަހު، ކުޅޭމީހުންކުރެ އެކަކު ފަސްފުނީގައި ފަސްއޮށެއް ނުވަތަ ފުނައޮށެއް ވަޅުލަނީއެވެ. މިއޮށް ވަޅުލަނީ އެހެންމީހުންނަށް ނޭނގޭ ގޮތަށެވެ. ވަޅުލައިނިމުމުން އެމީހަކަށް އެއޮށް އޮންނާނެހެން ހީވާ ދިމާއެއްގައި "އަތްއަޅަނީ" އެވެ. އެމީހަކު އަތްއެޅި ދިމާއެއް ކޮންނައިރު އޮށް އޮވެއްޖެނަމަ އަނެއްކާ އެމީހަކު ކުޅެންވީއެވެ.

6. އުޑިންބުޑިން

މިއީވެސް އަތިރިމަތީގައި ކުޅޭ ކުޅިވަރެކެވެ. އުޑިންބުޑިން ކުޅެނީވެސް ދެމީހުން ނުވަތަ ހަތަރުމީހުންނެވެ. ކުޅޭ މީހުންގެ އަތްތިލަ ބިންމަތީގައި ބަންޑުން ބާއްވައިފައި ކުޅެންފަށާމީހާ އޭނާގެ އަތުގެ ޝަހާދަތްއިނގިލި ނޫން އެހެން އިނގިލިތައް ލައްޕާލައިފައި ބިންމަތީގައި އަތްބާއްވައިގެން ތިބޭ ކުދީންގެ އަތުގައި އިނގިލި ޖައްސަމުން "އުޑިން ބުޑިން، ބޮށިވެ ލަކުޑަ ފަނަށް ނަގައިލައިފި ޗޯރަ ޗޮއް" މިހެން ކިޔަމުންގޮސް "ޗުއް" މިތަންކޮޅު ކިޔާއިރު އިނގިލި ޖެއްސޭ އަތް އުއްޑުންޖަހަނީއެވެ. މިހެންގޮސް ދެއަތް އުއްޑުންޖެހޭ މީހަކު ކުޅިވަރުން ވަކިވަނީއެވެ.

7. ތަށިބަރި އެރުވުން:

މިއީ ކުޅޭމީހުން ދެބަޔަށް ބަހާލައިގެން ކުޅޭ ކުޅިވަރެކެވެ. މިއީ ހަތަރެސްކަނަށް (ކޮޑިކޮށް) ހަދައިފައި ހުންނަ ލަކުޑި އެތިކޮޅުތަކެއް ނުވަތަ ނާށިތަކެއް ބަރިޔަކަށް އަރުވައިގެން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުކުޅޭއިރު އެންމެ މަދުވެގެން ހަތަރު ނާށްޓަށްވުރެ ގިނަނާށި ނުވަތަ ލަކުޑިކޮޅު ބޭނުންވެއެވެ. ދެން ބޭނުންވަނީ ބޯޅައެކެވެ.

މިކުޅިވަރު ކުޅޭގޮތަކީ ކުޅޭމީހުންގެ އެއްބަޔަކު އެއްކަލަ ނާށިތައް ނުވަތަ ލަކުޑިކޮޅުތައް ބަރިޔަކަށް މަތިމައްޗަށް އަރުވަނީއެވެ. އޭގެފަހުގައި ކުޅޭމީހުން އެ "ތަށިބަރި" އާ ދެމީޓަރެއްހާ ހިސާބު ދުރުގައި ތިބެފައި ބޯޅައިން ޖަހައި "ތަށިބަރި" ވަރައިލަނީއެވެ. އޭރު ކުޅޭ ދެބައިން އަނެއްބައި މީހުން ތިބޭނީ ތަށިބަރި ކައިރީގައި ބޯޅަ އަތުލަން ތައްޔާރަށެވެ. އެމީހުންގެ އަތުގައި ބޯޅަ ޖެހިއްޖެނަމަ މަސައްކަތް ކުރާނީ ބޯޅަ އެއްލިބައިގެ މީހެއްގެ ގައިގައި ބޯޅައިން ޖެހޭތޯއެވެ. ބޯޅަ އެއްލިބައިގެ މީހުންކުރެ މީހެއްގެ ގައިގައި ބޯޅައިން ޖެހިއްޖެނަމަ އެބަޔަކު ނުބައިވީއެވެ. ބޯޅަ އެއްލިމީހުން މަސައްކަތްކުރާނީ ބޯޅައިންނުޖެހި އަލުން "ތަށިބަރި" އެރުވޭތޯއެވެ. ތަށިބަރި އަރުވާނެ ފުރުޞަތު ލިބިއްޖެނަމަ އެމީހުންނަށް ޕޮއިންޓެއް ލިބުނީއެވެ. ތަށިބަރި އަރުވާނެ ފުރުޞަތެއް ނުލިބި ނުބައިވެއްޖެނަމަ އަނެއްބަޔަކު "ތަށިބަރި" އަރުވަން ދާންވީއެވެ.

8. މައިނޮޅި

މިކުޅަވަރަކީވެސް ގިނަމީހުންތަކެއް ދެބަޔަކަށް ބެހިގެން ކުޅޭ ކުޅިވަރެކެވެ. ކުޅިވަރު ކުޅެނީ އަތިރިމަތީގައި ނުވަތަ ޖާގައޮތް ހުސްބިމެއްގައެވެ. އެންމެފުރަތަމަ ބޮޑުކޮށް ހަތަރެސްކަން ގޮޅިޔަކަށް ވާގޮތަށް ރޮނގު އަޅަނީއެވެ. އޭގެފަހުގައި އެގޮޅި ދިގަށް މެދުން ދެބައިކޮށްލަނީއެވެ. ދެން ކުޅިވަރުގައި ބައިވެރިވާ މީހުންގެ ޢަދަދަށް ހުރަސް ރޮނގުއަޅައި ގޮޅިގޮޅިޔަށް ބައިކޮށްލަނީއެވެ. މިގޮތަށް ހުރަހަށް އަޅާ ކޮންމެ ރޮނގަކީ ނޮޅިއެކެވެ.

ދެން ފުރަތަމަ ނޮޅިޔަށް ދާނެ ބަޔަކު ޤުރުޢަތުން ހޮވަނީއެވެ. ޤުރުޢަތުން ހޮވޭ ބައިގެ މީހުން ނޮޅިޔަށްގޮސް ހަމަޖެހިގެން ތިބޭއިރު އެކަކު ހުންނާނީ ދިގަށްއެޅި ރޮނގުގައެވެ. އެމީހާއަށް ކިޔާނީ "މައިނޮޅިމީހާ" އެވެ. ދެން ތިބި މީހުން ކޮންމެ މީހަކު ހުރަސް ރޮނގެއްގައެވެ. މައިނޮޅިމީހާއަށް ޙަރަކާތްތެރިވެވޭނީ ދިގުރޮނގުގައެވެ. ދެން ތިބޭ މީހުން އެމީހަކު ހުރި ހުރަސްރޮނގެއްގައެވެ.

ދެން އަނެއްބައިގެ މީހުން ދާނީ ނޮޅިޔަށް އަރާށެވެ. ފުރަތަމަ އަރާމީހާ ގޮސް ނޮޅީގައި ހުންނަ "މައިނޮޅިމީހާ" ގެ އަތުގައި އަތުން ޖެހުމުން ކުޅިވަރު ފެށުނީއެވެ. އަރާބައިމީހުން މަސައްކަތްކުރާނީ ނޮޅީގައި ތިބި މީހުންގެ އަތުގައި ނުޖެހި އެއްކޮޅުން އަރައިގެންގޮސް އަނެއްކޮޅުން އެންމެފަހު ނޮޅިޔަށް ދެވުމުން އެނޮޅިން ވެލިމުށެއް ނަގައިގެން އަނެއްކާވެސް މީހެއްގެ އަތުގައި ނުޖެހި އެރިކޮޅުން ފައިބައިގެން އައުމަށެވެ. މިގޮތަށް ފޭބުމަށް ކިޔަނީ ބަތްހިފައިގެން ފޭބުމެވެ. އެގޮތަށް ފޭބިއްޖެނަމަ އެބަޔަކު މޮޅުވީއެވެ. އަނެއްބަޔަކު ނޮޅިޔަށް އަރަން ދާންވީއެވެ.

9. ކޮއްޓު ކޮއްޓު: މިއީ އަންހެންކުދީންގެ ކުޅިވަރެކެވެ. މިކުޅިވަރު ކުޅެނީ ރާއްޖޭގެ އަންހެންކުދީން މުށިކުޅޭ ގޮތަށެވެ.
10. ހޯދަންބަޔޯ/ތުބީސް: މިކުޅިވަރަކީވެސް ރާއްޖޭގެ ކުޑަކުދީންވެސް ކުޅެއުޅޭ ކުޅިވަރެކެވެ. މިކުޅިވަރުކުޅެނީ އަޅުގަނޑުމެން ފީކޯތް ކުޅޭ ގޮތަށެވެ.

11. ހެލިލަބެޔާ/ބަތްގަނޑެއްތާ:

މިކުޅިވަރަކީ އަޅުގަނޑުމެން ރާއްޖޭގައި ކުޅޭ ގަނޑުފިއްލާއެވެ. މަލިކުކުދީންވެސް ގަނޑުއަޅަނީ ރާއްޖޭގައިވެސް ގަނޑުއަޅާ ގޮތަށެވެ. ގަނޑުއަޅައި ނިމުމުން އަނެއްބައިގެ ކުދީން އައިސް އަޅުގަނޑުމެން ގަނޑަށް ގޮވާގޮތަށް ގޮވައެވެ. މަލިކުމީހުން ގަނޑަށް ގޮވާއިރު ފުރަތަމަ ބުނަނީ "ހެލިލަބެޔާ" މިހެންނެވެ. މިހެންބުނުމުން ގަނޑު ހެލޭނެއެވެ. ދެން "ސައިކުރާ ހިންދާލަބަލަ" މިހެން ބުނުމުން ގަނޑުދަށުގައި އޮތްކުއްޖާ އަޑުއިވޭ ވަރަށް ނޭފަތް އެތެރެޔަށް ދަމައިލާނެއެވެ. މިގޮތަށް އެކި ޙަރަކާތް ކުރުވާނެއެވެ. ގަނޑަށް ގޮވާއިރު ރާއްޖޭގެ ކުދީންވެސް ބައެއް ހެއްވާ ޢިބާރާތް ބޭނުންކުރާ ފަދައިން މަލިކު ކުދީންވެސް އެކަހަލަ ޢިބާރާތް ބޭނުންކުރެއެވެ. މިސާލަކަށް "ފޮޑިފުޅަކުން ޖަހައިލަބަލަ" މިހެންވެސް ބުނެފާނެއެވެ.

މިގޮތަށް އެކި ޙަރަކާތް ކުރަމުން ގޮސް ގަނޑުދަށުގައި އޮތީ ކާކުކަން ޔަޤީންވީމާ ކިޔަނީ "ބަތްގަނޑެއްތާ ކެވޭނީ މާކަނާ ބޮލުމަތިން ދާނެ ދެން މަނުދާނި ބޮނބިދާނި" (މިވެނިގޭގެ މިވެނި ކުއްޖާ) މިހެން ބުނުމުން ގަނޑުދަށުގައި އޮތީ އެކުއްޖާ ކަމުގައިވާނަމަ އޭނާ ތެދުވާނެއެވެ. އޭރުން އަނެއްބަޔަކު ގަނޑުއަޅަން ދާންވީއެވެ. އަޅުގަނޑުމެންނާ މަލިކުމީހުންނާ ތަފާތުވަނީ ހަމައެކަނި ގަނޑަށް ގޮވާ ޢިބާރާތެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހިރާއްޖޭގައި ގަނޑަށް ގޮވާއިރު ކިޔަނީ "ގަނޑުހެލޭ ގަނޑުހެލޭ ގަނޑުހެލިހެލި ފުއްޓަތްކޯ ތުނބުޅިއަމާ ފެންބަތްކާން (މިވެނިގޭގެ މިވެނިކުއްޖާ) ތެދުވޭ" މިފަދައިންނެވެ.

12. ހާބުކުޅުން: ހާބަކީ ފިރިހެންކުދީން ކުޅޭ ކުޅިވަރެކެވެ. މިއީ އަޅުގަނޑުމެން ކިޔައިއުޅޭ ފިހިގަނޑުބުމަރު ޖެހުމެވެ. މަލިކުމީހުންވެސް ހާބަށް ބުމަރޭވެސް ކިޔައެވެ. ފިހިގަނޑުބުމަރު ޖަހަނީ އަޅުގަނޑުމެންވެސް ޖަހައި އުޅޭ ގޮތަށެވެ.

އާދެ، އަޅުގަނޑުމެންނަށް ކުޅޭގޮތް ނޯޓުކުރެވުނު ކުޅިވަރުތައް މިހާތަނަށް ނިމުނީއެވެ. މަލިކުގައި ކުޅޭ ހުރިހާ ކުޅިވަރެއް ކުޅޭގޮތް ނުލިޔެވުނު ކަމަށްޓަކައި އަޅުގަނޑުމެން ހިތާމަކޮށް މިސިލްސިލާ ބައްލަވާ ފަރާތްޕުޅުތަކުން މާފުއެދެމެވެ.