ދިވެހި ޕްރިމިއާ ލީގު

ނިލަންދޫ ބަލިކޮށް، ޓީސީ އަލުން ހަތަރުވަނައަށް

އަލީ ރިފްޝާން

ފުރަތަމަ ހާފުގެ ލަނޑުތަކުން ފ. ނިލަންދޫ ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބު އަލުން ލީގު ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުގައި ނިލަންދޫ އަތުން ޓީސީ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ކުރީކޮޅު ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި އިސްމާއިލް އީސާ (މެސީ) ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ނޭޕާލް ފޯވަޑް ބިމާލް މަގަރްއެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ ވަރަށް ހުސްކޮށް ހުރެ، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.

ފުރުސަތުތަކަކަށްފަހު ޓީސީން ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ޓީސީއަށް ލިބުނު ކޯނަރަކުން މެސީ ޖައްސާލި ބޯޅައަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިލަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ޓީސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ސައްޓުއަށް ލިބުނު ފުރުސަތަކާއި މެޗުގެ 81 ވަނަ މިނެޓުގައި މުހައްމަދު ސާމިރަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ނިލަންދޫގެ ކީޕަރު މުހައްމަދު ޝަފީއު ވަނީ މަތަކޮށްފައެވެ.

ލީގުގައި މިހާރު ޓީސީ އޮތީ ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ތިންވަނައިގައި އޮތް ކްލަބު އީގަލްސްއަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. ޓީސީއަށް ވުރެ އެއް މެޗު މަދުން ކުޅެފައިވަނީ އީގަލްސް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ޓީސީ މޮޅުވުމާއެކު އަލުން ތާވަލުގެ ފަސްވަނައަށް ވެއްޓުނު ކްލަބު ގްރީން ސްޓްރީޓްސްއަށް ހަ މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަދި ރޭގެ މެޗުން ބަލިވި ނިލަންދޫ ތާވަލުގެ ފުލުގައި އޮތް އިރު، އެޓީމަށް ކުޅުނު ހަ މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އަނެއްކާވެސް ލީގު އަލުން ފެށޭނީ ބޮޑު މެދުކެނޑުމަކަށްފަހު އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ. އެފްއޭއެމް އިން މިފަހަރު ލީގު މެދުކަނޑާލަން ނިންމާފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއިން ކުޅޭ ދެ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.