ބޮލީވުޑް

66ވަނަ ގައުމީ ފިލްމު އެވޯޑު: މޮޅު ބަތަލާއަކަށް ކްރީތީ، ބަތަލުންނަށް އަޔުޝްމަން އަދި ވިކީ

އިއްޔެ ވަނީ އިންޑިއާގެ 66 ވަނަ ގައުމީ ފިލްމު އެވޯޑުގެ ޝަރަފުވެރި ވަނަތައް ލިބުނު ފަރާތްތައް އިއުލާނުކޮށްފަ އެވެ.

މި އެވޯޑަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހު ބާއްވާ އެވޯޑެކެވެ. ނަމަވެސް މިއަހަރު އިންޑިއާގެ އާންމު އިންތިހާބުގެ ސަބަބުން އެވޯޑު ވަނީ ފަސްކޮށްފަ އެވެ.

އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބިފައިވަނީ ފިލްމު "އަންދާދުން" އަށެވެ. ތާބޫ، އަޔުޝްމަން ކުރާނާ އަދި ރާދިކާ އަޕްތޭ އާއި އަނިލް ދަވަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް ވަނި އިތުރު އެވޯޑު ތަކެއްވެސް ލިބިފައެވެ. އެގޮތުން އެ ފިލްމުގައި ބަތަލު އަޔުޝްމަން ދައްކައިދިން ހުނަރަށް އޭނާއަށް ވަނީ އަހަރުގެ އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބިފައެވެ. މީގެ އިތުރުން މި ފިލްމަށް ވަނީ "ބެސްޓް އެޑަޕްޓަޑް ސްކްރީންޕްލޭ" ވެސް ލިބިފައެވެ.

އަޔުޝްމަން އާއެކު ވިކީ ކުޝާލަށްވެސް ވަނީ "ބެސްޓް އެކްޓަރ"ގެ މަގާމު ލިބިފައެވެ. ވިކީއަށް އެވޯޑު ލިބުނީ ފިލްމު ޔޫރީގައި އޭނާ ކުޅެފައިވާ ރޯލަށެވެ. ޔޫރީއަށް ވަނީ "ބެސްޓް ޑައިރެކްޓަރ" އަދި "ބެސްޓް ސައުންޑް ޑިޒައިނަރ"ގެ އެވޯޑުވެސް ލިބިފައެވެ.

އެންމެ މޮޅު ބަތަލާއަކަށް ހޮވިފައިވަނީ ކްރީތީ ސުރޭޝް އެވެ. އޭނާއަށް އެވޯޑު ލިބުނީ ފިލްމު "މަހަންތީ" އިންނެވެ. މަހަންތީ އަކީ ބަތަލާ ސަވިތުރީގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ޓެލިނގޫ ފިލްމެކެވެ. އެ ފިލްމަށް ވަނީ "ބެސްޓް ކޮސްޓިއުމް ޑިޒައިން" ގެ އެވޯޑުވެސް ލިބިފައެވެ.

މީގެ އިތުރުން ފާހަގަ ކޮށްލެވޭ އެހެން އެވޯޑު ތަކަކީ ފިލްމު "ޕަދްމާވަތު"ގެ "ގޫމަރު" ލަވައަށް ލިބުނު "ބެސްޓް ކޮރިއޯގްރަފީ" އެވޯޑާއި ހަމަ އެ ފިލްމުގެ "ބިންތޭ ދިލް"އަށް ލިބުނު "ބެސްޓް މޭލް ޕްލޭބެކް ސިންގާ" އެވޯޑެވެ. މީގެ އިތުރުން އެ ފިލްމަށް ވަނީ "ބެސްޓް މިއުޒިކް ޑައިރެކްޓަރ" އެވޯޑުވެސް ލިބިފައެވެ.

"ބެސްޓް ފިލްމު އޮން ސޯޝަލް އިޝޫޝް" ލިބިގެން ދިޔައީ ފިލްމު "ޕެޑްމޭން" އަށެވެ.