ދިވެހި ޕްރިމިއާ ލީގު

ފޯކައިދޫ އިން ގްރީން ހިފަހައްޓައިފި

އަލީ ރިފްޝާން

ދިވެހި ޕްރިމިއާ ލީގުގައި ފޯކައިދޫ ފުޓްބޯޅަ ކްލަބުން ކްލަބު ގްރީން ސްޓްރީޓްސް ހިފަހައްޓައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ގްރީނާއި ފޯކައިދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ގްރީނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް ލިބުނު ފުރުސަތާއި މެޗުގެ 35 ވަނަ މިނެޓުގައި މުހައްމަދު އުމައިރަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭއަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައި ނުވާ އިރު، އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން އުމައިރު ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ފޯކައިދޫގެ ކީޕަރު ހަނީފް ސާގިބެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ފޯކައިދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން އަހްމަދު މިސްބާހަށް އަލީ ޝާމިސް (ތޮއްޕެ) ކުރި ފައުލަކާ ގުޅިގެން ގްރީނަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ގްރީންގެ ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމީން ފޮނުވާލި އެ ޕެނަލްޓީ، ފޯކައިދޫގެ ކީޕަރު ސާގިބު ވަނީ މަތަކޮށްފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ފޯކައިދުއަށް ލަނޑު ޖަހައި، ލީޑު ހޯދުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއިން މަޑުމަޑުން އަންސަރު އިބްރާހިމް (އަންކޮ) ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މިއަދުގެ މެޗުން ގްރީނަށް ލިބުނު ޕޮއިންޓާއެކު އެޓީމު ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ. ފަސްވަނައަށް ވެއްޓުނު ޓީސީ ސްޕޯޓްސް ކްލަބާއި ގްރީނަށް ވެސް ހަ މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ގްރީން ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ކުޅުނު ހަ މެޗުން ލިބުނު އަށް ޕޮއިންޓާއެކު ފޯކައިދޫ އޮތީ ތާވަލުގެ ހަ ވަނައިގައެވެ.