އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

އެންމެ ގިނަ ކާމިޔާބީތައް ތިނަދޫގެ ސްކޫލުތަކަށް، އެންމެ ބާރު ދުވުންތެރިޔަކަށް ތިނަދޫގެ ރާފިލް

އަލީ ރިފްޝާން

ނިމިގެންދިޔަ 22 ވަނަ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ގދ. ތިނަދޫގެ ސްކޫލުތަކުން ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ބޭއްވި އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ތިނަދުއަށް ނިސްބަތްވާ ސްކޫލުތަކުގެ ތެރެއިން ގދ. އަތޮޅު ތައުލީމީ މަރުކަޒާއި އަބޫބަކުރު ސްކޫލުން ވަނީ ރަން ވަނަތަކެއް ހޯދައިފައެވެ. އޭގެ އިތުރުން މުބާރާތުގެ އެންމެ ބާރު ދުވުންތެރިޔަކަށް ހޮވިފައިވަނީ ވެސް ތިނަދޫގެ އެތުލީޓެކެވެ.

އެ މުބާރާތުގެ 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަމާއި 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އަދި އަބޫބަކުރު ސްކޫލުން ވަނީ 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ އިތުރުން ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 15 އަހަރުން ދަށުގެ އަންހެން ރަނަރަޕް ކަމާއި 19 އަހަރުން ދަށުގެ ފިރިހެން ރަނަރަޕްކަން ހޯދައިފައެވެ. އަދި ތިނަދޫ ސްކޫލުން ވަނީ 13 އަހަރުން ދަށުގެ އަންހެން ރަނަރަޕްކަން ހޯދައިފައެވެ.

މުބާރާތުގެ 17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ވެސް ހޮވިފައިވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދުވުންތެރިއެއް ކަމަށްވާ އިބްރާހިމް ރާފިލް ވާފިރެވެ. މުބާރާތުގެ އެންމެ ބާރު ދުވުންތެރިޔަކީ ވެސް އޭނާއެވެ. މުބާރާތުގައި 100 މީޓަރު ދުވުން ރާފިލް ފުރިހަމަކުރީ 11.7 ސިކުންތުންނެވެ. ސީނިއާ ލެވެލްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު 2016 ވަނަ އަހަރު އެމްވީޕީ ޓްރެކް އެންޑް ފީލްޑް މީޓިންގައި ވާދަކޮށް، ރެކޯޑު ހަދާފައިވަނީ 10.33 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ.

އޭގެ އިތުރުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ސަމްހާ މުހައްމަދު ވަނީ އެ މުބާރާތުގެ ރެކޯޑެއް މުގުރާލައިފައެވެ. 19 އަހަރުން ދަށުގެ އަންހެން 5000 މީޓަރު ދުވުމުގައި ވާދަކޮށް، ސަމްހާ ރެކޯޑު މުގުރާލީ 24 މިނެޓާއި 27.85 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ.

އެ މުބާރާތުގެ އެހެން ވަނަތަކަށް ބަލައިލާ އިރު، 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަމާއި 17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ޝަރަފުއްދީން ސްކޫލެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަމާއި 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.

އެ މުބާރާތުގެ 15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ޝަރަފުއްދީން ސްކޫލުގެ ހައްވާ މުޒްނާ ފާއިޒެވެ. 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ޖަލާލުއްދީން ސްކޫލުގެ ރިފާ މުހައްމަދު ހޮވުނު އިރު، 19 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އައްޑޫ ހައި ސްކޫލުގެ އައިޝަތު ހިމްނާ ހަސަނެވެ. 15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އަމީނިއްޔާ ސްކޫލުގެ ނާއިހް އިލްޔާސް އަހުމަދެވެ. އަދި 19 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ހަސަން އަލީފް އިބްރާހީމެވެ.