ޓްރާންސްފާ މާކެޓް

ޗެލްސީ ދޫކޮށް، ލުއިޒް އާސެނަލަށް

އަލީ ރިފްޝާން

ޗެލްސީ ދޫކޮށް، ބްރެޒިލް ޑިފެންޑަރު ޑޭވިޑް ލުއިޒް ވާދަވެރި އާސެނަލާ ގުޅިއްޖެއެވެ.

ޓްރާންސްފާގެ ފަހު ދުވަހު ލުއިޒް، އާސެނަލާ ގުޅުނީ އަށް މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ އެކްލަބާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޓްރާންސްފާ މުއްދަތުގެ ތެރޭގައި އާސެނަލުން ވަނީ ލުއިޒްގެ އިތުރުން ދެ ޑިފެންޑަރެއްގެ ސޮއި ވެސް ހޯދައިފައެވެ. އެއީ ސެލްޓިކް އިން 25 މިލިއަން ޕައުންޑަށް އާސެނަލާ ގުޅުނު ކިއެރެން ޓީއާނޭ އާއި ސެއިންޓް އެޓިއެން އިން އާސެނަލާ ގުޅުނު ވިލިއަމް ސަލިބާއެވެ. އޭގެ ތެރެއިން ލޯނުގެ ދަށުން ކުރިއަށް އޮތް ސީޒަނަށް އުމުރުން 18 އަހަރުގެ ސަލިބާ ވަނީ ސެއިންޓް އެޓިއެންއަށް ދޫކޮށްލައިފައެވެ.

އާސެނަލަށް ލުއިޒް ސޮއިކުރުމާއެކު އެކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކޯޗު އުނާއި އެމެރީ ބުނީ ލުއިޒްއަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި އޭނާއާއެކު އަލުން މަސައްކަތްކުރަން ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ. އަދި ލުއިޒް ގުޅުމާއެކު އާސެނަލްގެ ޑިފެންސް އިތުރަށް ވަރުގަދަވެގެންދާނެ ކަން ވެސް އޭނާ ފާހަގަކުރިއެވެ.

އެމެރީ އާއި ލުއިޒް ވަނީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި ވެސް އެކުގައި މަސައްކަތްކޮށްފައެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން ލުއިޒް ވަނީ އެކްލަބު ދޫކޮށް، ޗެލްސީއާ ގުޅިފައެވެ.

ދެ ފަހަރެއްގެ މަތިން މީގެ ކުރިން ޗެލްސީއާ ގުޅުނު އުމުރުން 32 އަހަރުގެ ލުއިޒް ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގަކާއި ތިން އެފްއޭ ކަޕާއި ޔޫރޮޕާ ލީގެއް އަދި ޔޫއެފާ ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ.