ޓްރާންސްފާ މާކެޓް

74 މިލިއަން ޕައުންޑަށް ޔުނައިޓެޑް ދޫކޮށް، ލުކާކޫ އިންޓައަށް

އަލީ ރިފްޝާން

ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ، އިޓަލީ އިންޓަ މިލާނާ ގުޅިއްޖެއެވެ.

އުމުރުން 26 އަހަރުގެ ލުކާކޫ އިންޓައާ ގުޅުނީ އެ ކްލަބުގެ ރެކޯޑު އަގަކަށެވެ. މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ލުކާކޫ އިންޓައާ ގުޅުނީ 74 މިލިއަން ޕައުންޑުގެ އަގަކަށެވެ.

އިންޓައާ ގުޅުމާއެކު ލުކާކޫ ވެގެން ގޮސްފައިވަނީ އިޓާލިއަން ސެރީއާގެ ތިންވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އިޓަލިއަން ސެރީއާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަކީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުން 99.2 މިލިއަން ޕައުންޑަށް ޔުވެންޓަސްއާ ގުޅުނު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަކީ 2016 ވަނަ އަހަރު ނަޕޯލީ އިން 75.3 މިލިއަން ޕައުންޑަށް ޔުވެންޓަސްއާ ގުޅުނު އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއައިންއެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ލުކާކޫ، އެވަޓަން އިން ޔުނައިޓެޑާ ގުޅުނީ 75 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޔުނައިޓެޑާ ގުޅުމަށްފަހު ދެ އަހަރުގެ ތެރޭގައި ލުކާކޫ ވަނީ އެ ކްލަބަށް ކުޅުނު 96 މެޗުން 42 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިދިޔަ ސީޒަނުގައި 45 މެޗުން ލުކާކޫ ވަނީ ޔުނައިޓެޑަށް 15 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ ކޯޗު އޮލޭ ގުނާ ސޯލްޝެއާ، ލުކާކޫއަށް ޓީމުން ފުރުސަތު ދިނުމުގެ ބަދަލުގައި ގިނަ ފުރުސަތު ދީފައިވަނީ އިނގިރޭސި ފޯވަޑް މާކަސް ރަޝްފާޑަށެވެ.