ދިވެހި ޕްރިމިއާ ލީގު

ޔޫވީ ބަލިކޮށް، މާޒިޔާއިން އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި

އަލީ ރިފްޝާން

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދިވެހި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި ޔޫވީ އަތުން މާޒިޔާ މޮޅުވީ 6-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފު މާޒިޔާއިން ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ. އެ ދެ ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެނިކޮށެވެ. މެޗުގެ 43 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) މާޒިޔާއަށް ލީޑު ހޯދައިދިން އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްފައެވެ. އެ ލަނޑު ޔޫވީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޑިމިޓްރީ ކަބަސެލާއުއެވެ. ޔޫވީން ލަނޑު ޖެހިތާ ތިން މިނެޓު ތެރޭ މާޒިޔާއިން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން އަސައްކޮއެވެ.

މާޒިޔާގެ ފަހު ތިން ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހު 20 މިނެޓުގެ ތެރޭގައެވެ. މެޗުގެ 70 ވަނަ މިނެޓުގައި މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) އެވެ. މެޗުގެ 73 ވަނަ މިނެޓުގައި މާޒިޔާގެ ފަސްވަނަ ލަނޑު ބިދޭސީ ފޯވަޑް ކޮނޭލިއަސް ސްޓެވާޓް ކާމިޔާބުކޮށްދިން އިރު، މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް އެޓީމުގެ ހަވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކޮނޭލިއަސްއެވެ.

ލީގުގައި ކުޅުނު ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތް އިރު، ދެވަނައިގައި އޮތީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އެޓީމުން ވަނީ ހަ މެޗުން 13 ޕޮއިންޓް ހޯދައިފައެވެ. ތިންވަނައިގައި އޮތް ކްލަބު އީގަލްސް އަދި ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އީގަލްސް އިން ފަސް މެޗު ކުޅެފައިވާ އިރު، ޓީސީން ވަނީ މިހާތަނަށް ހަ މެޗު ކުޅެފައެވެ.