މުހައްމަދު ނިޒާމް (ނިޒާމްބެ)

ރާއްޖޭގައި ބާއްވާ އައިއޯއައިޖީއަށް ޓާގެޓުކޮށް، 16 އަހަރުން ދަށުގެ ގައުމީ ކޯޗަކަށް ނިޒާމްބެ ހަމަޖައްސައިފި

އަލީ ރިފްޝާން

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ޓާގެޓްކޮށް، ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ.

ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސިކަން އިއުލާންކޮށްފައިވަނީ މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދިވެހި ޒުވާން ޓީމުތަކަށް ފެންވަރު ރަނގަޅު ހަރުދަނާ ކޯޗުންތަކެއް އަންނަން ޖެހޭ ކަމަށާއި 16 އަހަރުން ދަށުގެ ކޯޗު ކަމަށް ނިޒާމްބެ ހަމަޖެއްސީ އައްޑޫ ސިޓީގައި ކުރިއަށްދިޔަ ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

"ނިޒާމްބެ އަމަލުން ދައްކުވައިދީފި ނިޒާމްބެއަކީ ކިހާ ވަރެއްގެ ކޯޗެއްކަން. މިއީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފާވެރިކަމެއް، ނިޒާމްބެ އަޅުގަނޑުމެންގެ ކޯޗިން ސްޓާފުންނާއި ޓެކްނިކަލް ޓީމުގެ ތެރެއަށް ވަދެގެން ދިއުން. މިމަހުގެ ފަހުކޮޅުގައި ގަތަރުގައި އޮންނަ މުބާރާތަށް ޓީމު ދާނެ، ދާއިރުގައި އެޓީމާ ހަވާލުވެގެން މަސައްކަތް ފެށިގެންދާނީ. އެހެންނަމަވެސް މައިގަނޑު ޓާގެޓަކަށް މިވަނީ 2023 ވަނަ އަހަރު ރާއްޖޭގައި މި ބޭއްވޭ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ޒުވާން، ވަރުގަދަ ޓީމެއް ތައްޔާރުކުރަން މަސައްކަތްކުރުން،" އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އައިއޯއައިޖީގެ ކުރިން ޒުވާން ޓީމު އޭއެފްސީ އަދި ސާފްގެ އެކި މުބާރާތްތަކުގައި ވާދަކޮށް، އެ ހޯދަންވާ ކާމިޔާބީތައް ހޯދުމާއި ޓާގެޓްތައް ހާސިލުކުރުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި ބޭނުމަކީ 16 އަހަރުން ދަށުގެ ޓީމު މިހާރު އޮތް ހަރުފަތަށް ވުރެ މަތީ ހަރުފަތަށް ގެންދިއުން ކަމަށެވެ. އަދި ނިޒާމްގެ މަސައްކަތްތަކުގެ ތެރޭގައި އަތޮޅުތަކަށް ގޮސް، އެ އުމުރުފުރާގެ ކުދިން ޓީމަށް ނެގުން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނިޒާމްބެގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނެ އަތޮޅުތަކަށް ގޮސް، މި އުމުރުފުރާއަށް ވާ ކުދިން ހޯދުމާއި މިކަހަލަ ބައިވަރު ކަންތައްތައް. ސްކައުޓިން މަސައްކަތްތަކެއް ވެސް ކުރިއަށްދާނެ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖެ ތަމްސީލުކުރާ އެންމެ ވަރުގަދަ 16 އަހަރުން ދަށުގެ ޓީމެއް އުފެދިގެން ދިއުން،" އޭނާ ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ މިހާރު 16 އަހަރުން ދަށުގެ ޓީމުން ނިޒާމްބެ ފެށި ނަމަވެސް، އެ ކުޅުންތެރިން އެހެން އުމުރުފުރާތަކުގެ ޓީމުތަކަށް ބަދަލުވުމުން އެ ކުޅުންތެރިންނާއެކު ނިޒާމްބެ ވެސް އެ ޓީމަކަށް ބަދަލުވަމުންދާނެ ކަމަށެވެ.

"ކުރިއަށް އޮތް އައިއޯއައިޖީގެ މުބާރާތް ބޭއްވިގެންދާ އިރު، އެ މުބާރާތުގައި ބައިވެރިވާ މައިގަނޑު ޓީމު އަންނާނީ މި އުމުރުފުރާގެ މިހާރު އޮތް ޓީމުގެ ތެރެއިން ޑިވެލޮޕްވަމުން އަންނާނީ. އެ ހިސާބަށް ދާއިރު މި ޓީމު މަސައްކަތްކުރާނީ ނިޒާމްބެއާއެކު. އޭގެ މާނައަކީ އެ ކުދިން 19 އަހަރުން ދަށުގެ އުމުރުފުރާއަށް ބަދަލުވީމަ، ނިޒާމްބެއާއެކު 19 އަހަރުން ދަށުގެ ޓީމަށް ދާނެ. އެއަށްފަހު 23 އަހަރުން ދަށުގެ ޓީމު ވެއްޖެއްޔާ އެޓީމަށް ދާނެ. އެހެންވީމާ އެ ވިސްނުމުގައި އަޅުގަނޑުމެން ނިޒާމްބެއާ ހަވާލުކުރީ،" އޭނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ މިއީ ގައުމީ މަސައްކަތެއްގައި ނުކުމެ، ފުޓުބޯޅައިން ގައުމަށް ރީތި ނަމެއް ހޯދައިދޭން މަސައްކަތްކުރަން ފެށުމަށް އެންމެ ރަނގަޅު ދަނޑިވަޅު ކަމަށާއި މަސައްކަތް ފަށާނީ އެ އަޒުމުގައި ކަމަށެވެ.

ނިޒާމްބެއަކީ ޓީސީ ސްޕޯޓްސް ކްލަބުގެ ތާރީހުގައި އެ ކްލަބުގެ އެންމެ ކާމިޔާބު ކޯޗެވެ. އެގޮތުން ޓީސީއަށް ނިޒާމްބެ ހޯދައިދިން ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕާއި މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ފާހަގަކޮށްލެވެއެވެ. ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ވެސް ނިޒާމްބެއެވެ.