މަރުތައް ތަހުގީގުކުރާ ކޮމިޝަން

ރިލްވާން ގެއްލުވާލުމުގެ އަޑީގައިވާ ''ޓެރަރިސްޓް ޖަމާއަތް'' ހޯދިއްޖެ: ސުއޫދު

1

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގައި އަޑީގައި ތިބި ''ޓެރަރިސްޓް ޖަމާއަތް'' ހޯދިއްޖެ ކަމަށް މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވެފައި ވަނީ ރިލްވާން ގެއްލުވާލިތާ މިއަދަށް ފަސް އަހަރު ވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރިލްވާން ގެއްލުވާލުމުގެ ނުބައި އަމަލުގައި ބައިވެރިވި "ޓެރަރިސްޓް ގުރޫޕް" އާއި އެ އަމަލުގައި ޝާމިލުވާ އެންމެން ދެނެގަނެވިފައިވާ ކަމަށެވެ.

އަދި އެކަމުގެ އަޑީގައި ތިބި މީހުންނަށް ދައުވާކޮށް ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"މި ހިނގާ އޮގަސްޓް މަސް ނިމުމުގެ ކުރިން އެ ޓެރަރިސްޓް ގުރޫޕްގެ ތަފްސީލް މަރު ކޮމިޝަނުން ހާމަކުރުމަށް މަސައްކަތް ކުރާނަން،" ސުއޫދު ކުރެއްވި ސިލްސިލާ ޓުވީޓްތަކެއްގައި ވިދާޅުވިއެވެ.

އެނާ ވިދާޅުވި ގޮތުގައި، ރިލްވާން ވަގަށް ނެގި ފަހުން ކަން ވެގެންދިޔަ ގޮތް އަދިވެސް ސާފު ނުވާ ކަމަށާއި ނަމަވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތު ކަށަވަރުކޮށް، އެކަމުގެ ތަހުގީގު އެ ކޮމިޝަން ކުރަމުންދާ ކަމަށެވެ. އަދި އެ ކޮމިޝަނުން ވައުދިވި ގޮތާ އެއް ގޮތަށް އެ މައްސަލައިގެ ހަގީގަތް ހޯދާނެ ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.

ރިލްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހުއެވެ. އެކަމަށް ފަސް އަހަރު ވެގެންދިޔައިރު ވެސް މިހާތަނަށް ރިލްވާންއަށް ވީގޮތް ފުލުހުން ހޯދިފައެއް ނުވެއެވެ. އަދި އެ މައްސަލާގައި ތަހުގީގެއް ހިންގައި ދައުވާ ކުރި ހަމައެކަނި މީހުން ވެސް ފުލުހުންގެ އިހުމާލުތަކެއް ހުރުމުން ވަނީ މިނިވަންވެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟