މިހާރު ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އަކީ މިދިޔަ އަހަރާއި ހަމަޔަށް މާ ގިނަ ބަޔެއްގެ ސަމާލުކަން ހޯއްދެވި ބޭފުޅެއް ނޫނެވެ. ގައުމުގެ ބޮޑު އެއް ވާހަކަޔަށް ނަހުލާގެ ނަން ވެގެން ދިޔައީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް އިބްރާހީމް މުހައްމަދު ސޯލިހު ފެއްޓެވި ކެމްޕޭނުގެ ފަހުކޮޅުން ފެށިގެންނެވެ. އެ ކެމްޕޭން ތެރޭގައި ނަހުލާ ކުރެއްވި ދަތުރުތަކާއި ދެއްކެވި ވާހަކަތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބެން ފެށި އެވެ. އަދި ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު އެމަނިކުފާނު އެކުލަވައިލެއްވި ފުރަތަމަ ކެބިނެޓުގައި، އެންމެ ޕްރެޝަރު ބޮޑު އަދި ގޮންޖެހުންތައް ގިނަ އެއް މިނިސްޓްރީ ނަހުލާއާ ހަވާލުކުރެއްވުމުން އެ ވާހަކަ އެކި ގޮތްގޮތަށް ދެއްކި މީހުން ގިނަ އެވެ. އެއީ ކުރެވޭނެ ކަމެއްތޯ ނުވަތަ އެފަދަ މަގާމަކަށް ނަހުލާގެ ހުރީ ކޮން ފެންވަރެއްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދަމުން ގެންދިޔަ އެވެ.
އެހެން ނަމަވެސް އެ ހުރިހާ ކަމަކަށް ނަހުލާ މިހާރު ވަނީ ޖަވާބު ދެއްވައިފަ އެވެ. އޭރު އެ ގޮތަށް ވާހަކަދެއްކި ގިނަ ބަޔަކު ދެކޭ ގޮތުގައި މިއަދު ނަހުލާ އަކީ ރައީސް ސޯލިހުގެ ކެބިނެޓުގައި އެންމެ ރަނގަޅަށް ޕާފޯމް ކުރައްވާ އެއް ވަޒީރެވެ. ނަހުލާގެ އެކްޓިވް ކަމާއި މިހާތަނަށް ހައްލު ނުވެ ހުރި ބައެއް މައްސަލަތައް ހައްލު ކުރެއްވުމަށް ޖެހިލުންވެވަޑައިގަތުމެއް ނެތި ކުރައްވަމުން ގެންދަވާ މަސައްކަތަށް ގިނަ ބަޔަކު ތައުރީފު ކުރެ އެވެ. އަދި ނަހުލާ އެދައްކަވާ ނަމޫނާއިން އެހެން އަންހެނުންނަށް ހިތްވަރު ލިބެ އެވެ.
ތިރީގައި އެވަނީ އަންހެނުންނަށް ހާއްްސަކޮށް "ވަން މީޑިއާ ގުރޫޕު" ގެ ފަރާތުން ނެރޭން ފެށި "ހިޔަލަ" މަޖައްލާ އަށް ނަހުލާ ދެއްވި ހާއްސަ އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ. މި އިންޓަވިއުކުރައްވާފައި ވަނީ ހިޔަލަ މަޖައްލާގެ އެޑިޓަރު މިންހާ ފާއިޒް ރަޝާދު (މިންނު) އެވެ.
މިންނު : އަޅުގަނޑުމެން ކިޔަންވީ އައިޝާ ތޯ ނޫނީ ނަހުލާ ތޯ؟
އައިޝާ : އައިޝާ ...
މިންނު: ކުޑައިރު ދިރިއުޅުން ކިހިނެއްތޯ؟
އައިޝާ : ކުޑައިރު ދިރިއުޅުން ހަމަ މާލޭގައާއި ރާއްޖެތެރޭގައާއި އެގޮތަށް. ކުޑައިރު މާލޭގަ އަހަރުތަކެއް ހޭދަކުރެވިފަ، ދެން އަނެއްކާވެސް މަންމަގެ ރަށުގަ އަހަރުތަކެއް ދެން އަނެއްކާ އައީ މާލެއަށް. އެކަހަލަ ގޮތަކަށް.
މިންނު : އައިޝާގެ މަންމަ އަދި ބައްޕަގެ އާއިލާ އަކީ ކޮބައިތޯ؟ އެމީހުންނާ ގުޅުން ކިހިނެއްތޯ؟
އައިޝާ : އަޅުގަނޑުގެ މަންމަ އެއީ ހޯރަފުއްޓަށް ނިސްބަތްވާ ބޭފުޅެއް. އަޅުގަނޑުގެ ބައްޕައަކީ އައްޑޫއާއި ހުވަދުއަށް. ދެން އަޅުގަނޑުމެންގެ އާއިލީ ގުޅުން ހަމަ ވަރަށް ރަނގަޅު
މިންނު: އައިޝާ އަކީ މަންމައާއި ބައްޕައާ ވެސް ވަރަށް ގާތްބޭފުޅެއް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ. މައިންބަފައިންނަށް ވަގުތު ދެއްވަނީ ކިހިނެއްތޯ؟
އައިޝާ : ކުރިން އަބަދުވެސް މަންމައާއި އެއްކޮށް އުޅުނީ. އެއްވެސް ވަގުތެއް ނުދާނެ މަންމައާއި ވަކިންނެއް. އެކަމަކު މިއަހަރު އެނގިވަޑައިގަންނަވާނެ ފަދައިން ބޮޑު ޒިންމާއެއް ހަވާލުވެފަ މިވަނީ. އެކަމަކު ގެއަށް އައުމަށްފަހު ކުދިންނާއި މަންމައާއި އެކު ވަގުތުތައް ދާނީ. ދެން އޭގެ އިތުރުން ދެން ހަމަ ރައްޓެހިންނާ އެކުވެސް ވީ ވަރަކުން ވަގުތު ހޭދަކުރަން.
މިންނު: ސްކޫލް ދުވަސްވަރުގަ އެންމެ އާދަޔާހިލާފު ހަނދާނަކީ ކޮބައިތޯ؟
އައިޝާ : ވަކި އެހެން ހާއްސަ ހަނދާނެއް ނުހުރޭ. އެކަމަކު އަޅުގަނޑު ހަނދާންވޭ އެއްދުވަހަކު އަޅުގަނޑުމެން ކްލާހުގަ ލިބުނު ހުސްގަޑިއެއްގަ އަޅުގަނޑުމެން ބަށި ކުޅުނީ ކްލާސް ތެރޭގަ. އަޅުގަނޑު ޖެހި ބޯޅަ ގޮސް ޖެހުނީ އަޅުގަނޑުމެންގެ އެސިސްޓެންޓް ޕްރިންސިޕަލްގެ ބޮލުގަ. އެއީ ވަރަށް ހަނދާން ހުންނަ ދުވަހެއް.
މިންނު: ދެން އެދުވަހު ފަހުން ކިހިނެއްތޯ ވީ؟ ޕްރިންސިޕަލް ކިހިނެއްތޯ ރިއެކްޓްކުރެއްވީ؟
އައިޝާ : ނޫން ނޫން! އެނގިވަޑައިގަންނަވާ ގަސްތުގައެއް ނޫންކަން ދެން ހުސްގަޑިއެއްވީމަ. އަޅުގަނޑުމެން ސްކޫލްގަ އުޅުނު އިރު ވާގޮތަކީ އަޅުގަނޑުމެންގެ ކްލާސް ކުޑަކޮށް ކުޅެލިޔަސް މާ ބޮޑު ޕަނިޝްމަންޓެއް އެއްވެސް އެކަހަލަ ކަމެއް ނާންނާނެ. ވާގޮތަކީ އަޅުގަނޑުމެންގެ ކްލާހުގަ އޭރުގަ ތިބި ހުރިހާ ކުދިންނަކީ އޭރު އެމް.އީ.އެސް ގެ D-10 އަކީ އޭރު އެންމެ ބެސްޓް އެންމެ ބަސްއަހާ ކްލާސް. މިދެންނެވީ ކިޔެވުމުގެ ރޮނގުން ކިޔެވުމަށް އެންމެ މޮޅު ކްލާސް. ދެން އަޅުގަނޑުމެން ރިޒަލްޓް ދައްކަންޏާ މާބޮޑު އެހެން ކަންތައްތަކެއް ނާންނާނެއެއްނޫންތޯ. އެހެންވީމަ ދެން ވަރަށް ގިނަ ކުދި ކުދި ކަންތައްތަކަށް މާފުލިބޭނެ އަޅުގަނޑުމެންނަށް.
މިންނު : ސްކޫލް ދުވަސްވަރު އުޅުއްވީ ވަރަށް ސިޔާސަކޮށްތޯ؟
އައިޝާ : ސިޔާސަކޮށްނޭ ބުނެވިދާނެ، އެކަމަކު ދުވަހަކުވެސް އަޅުގަނޑަށް އަދަބު ލިބޭކަހަލަ ކަމެއް ނުކުރެވޭ. އެއީ އަޅުގަނޑު ވަރަށް އުފާވާކަމެއް. ސަކަރާތްޖަހާނެތާ އެ އުމުރުގަ ދެއްތޯ؟ ސްކޫލް ދުވަސްވަރުގެ މަޖަލާ ސަކަރާތް އޮންނާނެ. އެކަމަކުވެސް އެކަހަލަ ދުވަހެއް ދިމައެއްނުވޭ!
މިންނު : ކޮބައިތޯ ބެސްޓްފްރެންޑަކީ؟ މިހާރު ބެސްޓްފްރެންޑާ ގުޅުން ކިހިނެއްތޯ؟
އައިޝާ : އަޅުގަނޑުގެ ބެސްޓްފްރެންޑަކީ އަބަދުވެސް އަޅުގަނޑުގެ މަންމަ. ދެން އަޅުގަނޑުގެ މަންމައާއި އޮތް ގުޅުން އަލްހަމްދުލިއްލާހި ވަރަށް ރަނގަޅު އެގޮތަށް އަޅުގަނޑު ދުނިޔޭގަ ހުރިއްޔާ އެހުރިހާ ދުވަހަކު ގުޅުން ދާނީ އިންޝާﷲ.
މިންނު : އެންމެ މީރު ކެއުން އަދި ބުއިމަކީ ކޮބައިތޯ؟
އައިޝާ : އަޅުގަނޑަށް އެންމެ މީރީ ގަރުދިޔައާއި ރިހާކުރު ފަދަ ދިވެހި އެއްޗިއްސޭ ބުނެވިދާނެ، ހާއްސަކޮށް ލޮނުމިރުސް، އަދި ފްރެޝް ގަރުދިޔަ ވަރަށް މީރު.
މިންނު: ދެން ޑްރިންކް؟
އައިޝާ : ޑްރިންކަކަށް އަޅުގަނޑަށް މީރީ ޕެޝަންފްރުޓް. އޭގެ ޖޫސް ވަރަށް މީރު. މެންގޯވެސް ވަރަށް މީރު.
މިންނު: އެންމެ ރީތި ކުލައަކީ ކޮބައިތޯ؟
އައިޝާ : އެއް ކުލައެއްނޫން އެކަމަކު ރީތި ކުލަތަކެއް ހުރޭ. އެއީ ހުދު، ރަތް، ރީނދޫ، ބްލެކް އެކުލަތައް ވަރަށް ރީތި.
މިންނު: އައިޝާ ތުރުކުރައްވާ ހެދުމަށް އާއްމުން ވަރަށް ތައުރީފުކުރޭ. ސްޓައިލް ކުރަނީ ކާކުތޯ؟
އައިޝާ : އަޅުގަނޑުގެ ހެދުންތައް ޑިޒައިން ކުރާއިރު އާއްމުކޮށް ބަލަނީ އަމިއްލައަށް ރީތިވާ ކަހަލަ ނޫނީ އަމިއްލައަށް ފަސޭހައިން ލެވޭ ކަހަލަ ހެދުމެއް އަބަދުވެސް. އޮފީސް ފެއްޓިފަހުން އަޅުގަނޑުގެ ގިނަ ހެދުންތައް ޝަމްލާ ފަހާފަ ހުންނާނީ. ދެން އެހެންބޭފުޅުންވެސް ފައްސަވާނެ އިނގޭތޯ.
މިންނު : މޭކަޕް ކުރައްވަނީ އަމިއްލައަށްތޯ؟
އައިޝާ : އާދެ! އަޅުގަނޑު އެއްގޮތަކަށްވެސް ތަންތަނަށް ގޮސް މޭކަޕްއެއް ނުކުރަމޭ ވެސް ބުނެވިދާނެ. އަޅުގަނޑު މިހާތަނަށް ސެލޫނަކަށް ގޮސް މޭކަޕް ކުރީ އަޅުގަނޑަށް ހީވަނީ އެންމެ ދެފަހަރު ނޫނީ ތިންފަހަރު.
މިންނު : އެކަމަކު ސެލޫނަށް ވަޑައިގަންނަވަން ދެއްތޯ؟
އައިޝާ : އެހެން ކަންތައްތަކަށް ބައެއް ފަހަރު ދަން އާދެ. މިސާލަކަށް ހެއާ ޓްރީޓްމަންޓެއް ނަގަން.
މިންނު: އައިޝާ ވަރަށް ތަފާތު ސްޓައިލްތަކަށް ބުރުގާ އަޅުއްވާފަ ހުންނަތަން އަޅުގަނޑުމެންނަށް ފެނޭ. ބުރުގާ އަޅުއްވަނީ އަމިއްލައަށްތޯ؟
އައިޝާ : ވާ ގޮތަކީ ޓްރައި ކުރީމަ ހަމަ އެޅެނީ. އެއީ ވަކި އަޅުގަނޑަށް އެނގިގެން ވާ ކަމެއް ނޫން. މިހެން އޮޅާލާފަ ދެން ރީތި ގޮތަކަށް އައީމަ ދެން އޯކޭ. އޭރުން އެ ނިމުނީ. ފަސޭހަ ގޮތެއްބަލަނީ. ކަރުމަޅި ޖެހިފަ ހުންނަ ގޮތަކަށް ބުރުގާ އެޅިފަ ހުރިތޯ އަބަދުވެސް ބަލަން. ބާރަށް އަޅައިފިއްޔާ އަނެއްކާ އިވެންޓެއް އެއްޗަކަށް ދާއިރު އުނދަގޫވެދާނެތީ އެހެންވީމަ.
މިންނު : ކޮބައިތޯ ސްކިން ކެއާ ރެޖިނީއަކީ ކޮބާތޯ؟
އައިޝާ : ސްކިން ރީތިކޮށް ބަހައްޓަން ނޫނީ ޓްރީޓްމަންޓަކަށް އަޅުގަނޑު ބޭނުންކުރަނީ ފްރުޓް. ފްރުޓް އަދި ވެޖިޓަބަލް ކަހަލަ އެއްޗިހި ބޭނުންކުރަން. ސީރިއަލްގެ އެއްޗެހި ވެސް ބޭނުން ކުރަން. ކެމިކަލް ހުންނަ އެއްޗެހި އެއްގޮތަކަށްވެސް ބޭނުމެއް ނުކުރަން.
މިންނު : އެއާ ނުލައި ނޫޅެވޭނެ
އައިޝާ : އަޅުގަނޑުގެ ފޯނު، ފޭސް ވޮޝް، މޮއިސްޗަރައިޒަރ، ސެންޓު ދެން އަބަދުވެސް އަރަން ރެޑީކޮށް ހުންނަ ފައިވާނެއް.
މިންނު : އެންމެ ފެވަރިޓް ސެންޓަކީ ކޮބައިތޯ؟
އައިޝާ : ފެވަރިޓް ސެންޓްހުރޭ ބައިވަރު، އެކަމަކު ޓޮމްފޯޑްގެ ކަލެކްޝަނުން އަޅުގަނޑަށް ވަރަށް މީރުވަސް ދުވާ.
މިންނު : ތީ ދަބަސް ބޭފުޅެއްތޯ؟ ނޫނީ ފައިވާން ބޭފުޅެއްތޯ؟
އައިޝާ : ފައިވާންވެސް ދަބަސް ވެސް.
މިންނު : ކިހާ ފައިވާނެއް ނޫނީ ދަބަހެއް އެބަހުރިތޯ؟
އައިޝާ : އަޅުގަނޑު ގުނާލަން ޖެހޭނީ. ގުނާލާފަ މިންނުއަށް އަދަދު ފޮނުވާލެވޭ ގޮތެއް ހަދަން ޖެހޭނީ.
މިންނު : އައިޝާގެ ހޮބީ އަކީ ކޮބާތޯ؟
އައިޝާ : އަޅުގަނޑު ވަރަށް މައުލޫމާތު އެނގެން ބޭނުންވާނެ. އެހެންވީމަ އިންޓަނެޓުން ވަރަށް އެއްޗެހި ހާވަން. ކިޔޭތޯ ބަލަން. ހުރިހާ ކަމެެއްގެ ވެސް ޖެނެރަލް ނޮލެޖް ހުންނަން އަޅުގަނޑު ބޭނުންވޭ. އެއީ ހޮބީއެކޭ ބުނެވިދާނެ.
މިންނު : ތީ މިހާރު އަންބެއް، މަންމައެއް އަދި ތީ ގައުމީ ބޮޑު ޒިންމާއެއް އަދާކުރައްވާ ބޭފުޅެއް. ކިހިނެއްތޯ އަމިއްލަ ނަފުސަށް ވަގުތު ހުސްކުރައްވަނީ؟
އައިޝާ : އަބަދުވެސް އަމިއްލައަށް ޕްރައިވެޓް ޓައިމް ބޭނުންވާ މީހެއް އަޅުގަނޑަކީ. އެހެންވީމަ ބަލަން ޓައިމްކޮޅެއް ހުސްކޮށްލެވޭތޯ. އެކަމަކުވެސް ވަރަށް ހަމަ ނާދިރު ކަމަކަށްވެފަ އޮންނަނީ. ސަބަބަކީ ވަޒީފާގެ ގޮތުން އޮފީސް އޮންނާތީ ޓައިމް މިދަނީ ވަރަށް ފުލްކޮށް. އަނެއްކާ އަޅުގަނޑުގެ ކުޑަކުޑަ ހަ ކުދީން އެބަތިބި. އެކުދީންނަށް ވެސް ޓައިމް ހުސްކުރަން ޖެހޭނެ ދެއްތޯ.
މިންނު : އާއްމު ގޮތެއްގައި ނިދަނީ ކިހާއިރަކުތޯ؟
އައިޝާ : އަޅުގަނޑަށް ނިދުން ކުޑަކޮށް ލަސްވެގެން ދާނީ. ވާ ގޮތަކީ މި ދެންނެވިހެން މައުލޫމާތެއް ހޯދަންވެގެން ނޫނީ އެހެން ކަންކަމަށް ވެސް އިންޓަނެޓް ސަރފް ކުރެވޭތީ ދެން ރައްޓެހިންނާވެސް ޗެޓް ކޮށްލަން ލިބޭ ވަގުތަކީ އެއީ. އެހެންވީމަ ނިދި ތަންކޮޅެއް ޑްރޭގްވެގެން ދާނެ. އެކަމަކުވެސް ނިދި ހަމަކުރެވޭތޯ ބަލަން.
މިންނު: އެއްވެސް ވަރަކަށް ފިލްމު ބައްލަވަންތޯ؟ ކޮންކަހަލަ ފިލްމެއްތޯ އެންމެ ކަމުދަނީ؟
އައިޝާ : އެހާ ފިލްމުގެ މީހެއް ނޫނޭ ބުނެވިދާނެ. އެކަމަކު އޮފީހަށް ޖޮއިން ކުރުމުގެ ކުރީން އަޅުގަނޑަށް ޓައިމް އޮންނާނެ ދެއްތޯ! އެކަމަކު ބޮޑަށް ބެލެނީ ޑޮކިޔުމެންޓަރީ ކަހަލަ އެއްޗެހި.
މިންނު : އެންމެ ދާ ހިތްވާ ގައުމަކީ ކޮބައިތޯ؟ އެއީ ކީއްވެތޯ؟
އައިޝާ : އަޅުގަނޑު ވަރަށް ދާ ހިތްވޭ މެކްސިކޯއަށް. އެއީ ދެން އެތަނުގެ ކަލްޗާ އޮންނަ ގޮތާ ވެދާނެ ތަންކޮޅެއް ހެޕަނިން ތަނެއް ވީމަކަމަށް، އަޅުގަނޑު ވަރަށް ބޭނުންވޭ އެކްސްޕްލޯކުރަން މީހުންގެ ދިރިއުޅުމާ ލައިފްސްޓައިލް ހުންނަ ގޮތާ އެހެންވީމަ ފަހަރެއްގަ ދެންހުރި ތަންތަނަށް ދެވިފަ ހުރީމަ ކަމަށްވެސް ވެދާނެ. މެކްސިކޯއަކަށް އަޅުގަނޑަކަށް އަދި ނުދެވޭ.
މިންނު : މިހާރު ގާތްގަނޑަކަށް ކިތަށް ގައުމަށް ދެވިފަ ހުންނާނެތޯ؟
އައިޝާ : އަނެއްކާވެސް ގުނާލަން އަޅުގަނޑު ޖެހޭނީ!
މިންނު : ފިރިކަލުން ގާސިމް އިބްރާހީމާ ބައްދަލުވީ ކިހިނެއްތޯ؟ އަދި ކައިވެނި ކުރެވިގެން ދިޔައީ ކިހިނެއްތޯ؟
އައިޝާ : ވިލާ ގެ ހެޑްއޮފީހުން އަޅުގަނޑާ ބައްދަލުވީ. އަޅުގަނޑުގެ ސްޓެޕްފާދާއާ އެއްކޮށް ދިޔަ ފަަހަރެއްގަ.
މިންނު : ގާސިމްގެ އެހެން އަނބިން އަދި ދަރީންނާ ގުޅުން ކިހިނެއްތޯ؟
އައިޝާ : ހުރިހާ ކުދިންނާވެސް ގުޅުން ވަރަށް ރަނގަޅު އަލްހަމްދުލިއްލާހި. ގާސިމްގެ އަޅުގަނޑުގެ ހަ ކުދިން ފިޔަވައި ދެން ތިބި ކުދީންނަކީވެސް ވަރަށް އަހުލާގު ރަނގަޅު ވަރަށް ލޯބި ކުދީންތަކެއް. އަޅުގަނޑު ވަރަށް ލޯބިވޭ ހުރިހާ ކުދީން ދެކެވެސް. އަނބީންނާވެސް ގުޅުން ރަނގަޅު. ހާއްސަކޮށް އަޅުގަނޑު ފާހަގަ ކޮށްލަން ރާބިޔާއާއި ޖަލީލާ. ދެން ނަޝީދާ އަކީ ބޭރުގަ ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅެއްކަމުން އަޅުގަނޑާ އެހޭ ގިނައިން ދިމައެއްނުވޭ. އެކަމަކު ރާބިޔާ އާއި ޖަލީލާ އަކީ ވަރަށް ހެޔޮ ދެ ބޭފުޅުން.
މިންނު : ސިޔާސީ މައިދާނަށް ނިކުންނެވި ގޮތް އަޅުގަނޑުމެން އެންމެންނަށްވެސް ފެނިފައޮތީ. އޭރު ވެސް އައިޝާއަކީ ހަ ކުދިން ގެ މަންމައެއް. ކުއްލި ގޮތަކަށް އެފަދަ ޑިޒިޝަންއެއް ނަގަން ހިތްވަރު ދިނީ ކާކުތޯ؟
އައިޝާ : އަނެއްކާވެސް އަޅުގަނޑުގެ މަންމަ ދެއްތޯ. އަޅުގަނޑުގެ ލައިފްގަ މިހާތަނަށް ދިމާވި ހުރިހާ ކަމެއްގަ ވެސް އަބަދުވެސް މަންމަ ހިތްވަރު ދެއްވާނެ. މި ކަމުގަ ވެސް އެ ހިތްވަރުދެއްވީ މަންމަ.
މިންނު : ދެން އޭރު ކިހިނެއްތޯ ވިސްނުން ގެންގުޅުއްވީ؟ އެކަހަލަ މާހައުލަކަށް ނިކުތް ފުރަތަމަ ފަހަރު ވީމަ ޖެހިލުމެއް ނުވޭތޯ؟
އައިޝާ : އެއް ގޮތަކަށް ވެސް ޖެހިލުމެއް ނުވޭ. ކަމެއް ކުރަން ހިތުލައިފިއްޔާ ނޫނީ ކަމަކަށް ނިކުމެއްޖެއްޔާ އެކަން އަޅުގަނޑު ކުރާނަން އިންޝާﷲ. ދެން މިހާތަނަށްވެސް ކުރިމަތިވި ކޮންމެ ކަމެއްވެސް ﷲ ގެ އިރާދުފުޅުން ކާމިޔާބުވެސް ކުރަން އަޅުގަނޑު. އެގޮތަށް ޖެހިލުމެއް ނުވޭ! އެކަމަކު ކަމަކަށް އަލަށް ނިކުންނައިރު ވިސްނާލަންޖެހޭ ކަންތައްތަކެއް ހުންނާނެ. އެހެންވީމަ ވިސްނާލަންޖެހުނު. ވިސްނާލިން.
މިންނު : ހައު މެނީ ސިބްލިންގްސް ޔޫ ހޭވް؟
އައިޝާ : އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ހުންނާނީ އެކަކު. އެއީ އަޅުގަނޑުގެ ކޮއްކޮ. އެކަމަކު އެއްބަފާ އަޅުގަނޑުމެންނާ އެއްކޮށް ޓޯޓަލް 14.
މިންނު : މިހާރުތީ މިނިސްޓަރެއް. ލައިފްގަ އިތުރަށް އެޗީވްކުރައްވަން ބޭނުންވާ ކަމަކީ؟
އައިޝާ : ބައެއް މީހުން ދެކޭ ގޮތުގައި އަންހެނަކަށް ވީމަ ދުނިޔޭގަ ނުވަތަ ރާއްޖޭގައި ވެސް ކުރިޔަށް ދާން ހުންނަ ފުރުސަތުތައް ހަނިވެފަ މި ހުންނަނީ. އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން އެއީ. އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ވެސް ނޫން އެއީ. ހަމަހަމަ ފުރުސަތަކީ އަޅުގަނޑު ގަބޫލުކުރާ އެއްޗެއް. އަންހެނަކަށް ވީތީ ކުރިޔަށްދެވޭނެ ކޮންމެ ހަރުފަތަކަށް ނޫނީ ކޮންމެ ދާއިރާއަކުން ވެސް އަޅުގަނޑަށް ކުރިޔަށް ދެވޭނެ ފުރުސަތެއް އޮތް އެންމެ ކުރިޔަކަށް އަޅުގަނޑު ދާން މަސައްކަތް ކުރާނަން.
މިންނު: ތީ މަންމަ ކުއްޖެއްތޯ ނޫނީ ބައްޕަ ކުއްޖެއްތޯ؟
އައިޝާ : ޔަގީންތާ މަންމަ ކުއްޖެއްމީ. އެކަމަކު އަޅުގަނޑު ބައްޕަ ދެކެ ވެސް ވަރަށް ލޯބިވޭ. އަޅުގަނޑު ބައްޕަގެ ވެސް 14 ކުދީން ތިބިއިރު އަޅުގަނޑު ގަބޫލުކުރާގޮތުގަ އެންމެ ލޯބިވަނީ އަޅުގަނޑު ދެކެ. އެހެންވެ މަންމަގެވެސް ބައްޕަގެ ވެސް ރަންދަރި އޭ ބުނެވިދާނެ.
މިންނު : އަޅުގަނޑުމެންނަށް މިގޭތެރޭން އެބަ ފެނޭ ވަރަށް ބައިވަރު ގަސްތައް. އާޔޫ ރިއަލީ އިންޓު ގާރޑަނިންތޯ؟ އަމިއްލައަށްތޯ ގަސްތައް ބަލަހައްޓަނީ؟
އައިޝާ : އަޅުގަނޑަކީ ގަހާއި މަލަށް ވަރަށް ލޯބިކުރާ މީހެއް. އެހެންވީމަ އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު އުޅޭތަނެއް ކޮންމެވެސް ވަރަކަށް ބަގީޗާއެއްގެ ގޮތަށް އޮންނަން. ދެން މާލޭގަ ހާލަތު މި ހުންނަ ގޮތުން މާބޮޑު ބަގީޗާއެއް ހެއްދޭކަށް ނޯވޭ. އެކަމަކު ވެސް އެ ލިބޭ ކުޑަ ބެލްކަނީގަ ނޫނީ ތަންކޮޅެއްގަ ގަސް ފެންނަން ހުރުމުން، މާ ހުރުމުން މީ ވަރަށް ހިތްހަމަ ޖެހޭކަމެއް. ހެނދުނު ހޭލައިގެން އަޅުގަނޑު މިސާލަކަށް ބެލްކަންޏަށް ނިކުމެފަ އެ ފެނުނީމަ ވަރަށް ހިތްހަމަޖެހުންލިބޭ. ގުދުރަތީ މަންޒަރުތައް އެއީ ހަމަ އެންމެ ލޯބިކުރާ އެއްކަންތައް. ހަމަހިމޭންކަމާއި ގުދުރަތީ މަންޒަރާ.
މިންނު : ވަޓްސް ޔޯ ފެވަރިޓް ފްލާވާރ؟
އައިޝާ : ރޯސް
މިންނު : ފަތަން އެނގޭތޯ؟
އައިޝާ : އަޅުގަނޑަށް ފަތަން އެނގޭ. އެކަމަކު ވަރަށް ފަހުން ފަތަން ދަސްވީ. އަޅުގަނޑު ކުޑަކޮށް ކިޔައިވެސް ދީފާނަން މިންނު މާ ބޮޑަށް އެނގެން ބޭނުންވެގެން އުޅޭތީ. އަޅުގަނޑަކީ މަންމަ ވަރަށް ލޯބިން ބޮޑުކޮށްފަހުރި ދަރިއެއް. އެހެންވީމަ މަންމަ ހަމަ އެއްވެސް ކަމެއް އަޅުގަނޑު ލައްވައި ނުކުރުވާނެ. އަޅުގަނޑު ކުޑަކޮށް ލަދު ގަނޭ މިވާހަކަ ދައްކަން ވެސް. އަންޓިލް އަޅުގަނޑު ބުނާނީ އޯލެވެލް އޭލެވެލް ނިންމި އިރުވެސް ގޭތެރޭ ކުރާ އެއްވެސް ކަމެއް ނުކުރުވާނެ. ކަމެއް ކުރަން އުޅުނަސް ހިތްހަމައެއް ނުޖެހޭނެ. ދެން އަޅުގަނޑަށް ބުނެވިދާނެ ވަރަށް ސްޕޮއިލް ކޮށްފައޭ ހުރީ. އަޅުގަނޑު އަލަށް މޫދަށްވެސް އެރުނީ އުމުރުން 12 އަހަރަށް ވުރެ ވެސް ބޮޑުވި ފަހުން. އަޅުގަނޑުމެންނަށް މަނާ ވާނެ ގެއިން ނިކުމެގެން ތަނަކަށް ދިޔުންވެސް. އަޅުގަނޑުމެން ކުޅެން ޖެހޭނީ ވަކީން ރާނާފަ އޮންނަ ހުސްތަންކޮޅެއްގަ. އެއީ ކާފަމެންގެ ގޭގަ. އޭރު މަަންމަމެންގެ ގެ ނަހަދާ ހުރީ. އެހެން ކުދިންހެން ހޮޅުއަށި ކަހަލަ ރުއްގަނޑު ކަހަލަ ގަސްތައް ކަހަލަ ނޫނީ ވަލުތެރެ ކަހަލަ ތަންތަން އެއީ އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ނަސީބު ލިބުނު ތަންތަނެއް ނޫން. އަޅުގަނޑުމެން ތިބެނީ ވަކި ބައުންޑަރީއެއްގަ ބައިތިއްބާފަ. ގެއިން ނިކުތުން ވެސް މަނާވާނެ. ދެން މާލެ އައިމަވެސް ހަމަ އެކަހަލަ ހާލަތެއްގަ އުޅެން ޖެހުނީ. އެއްވެސްް ފްރީޑަމްއެއް ނޯންނާނެ އެގޮތަށް މިސާލަކަށް ތަނަކަށް ދިޔުން ކަހަލަ ނޫނީ ޕާޓީ އަކަށް ނޫނީ ސްކޫލް ކުއްޖެއްގެ ޕާޓީއަކަށް. އެކަހަލަ ތަނަކަށްވެސް ނުފޮނުވާނެ. ޓިއުޝަނަށް ދާއިރުވެސް އަޅުގަނޑުގެ އަތުގަ ހިފައިގެން ގޮވައިގެން ގޮސްފަ، ނިމެންދެން އެގޭގަ މަޑުކޮށްފަ ހަމަ ނިމުނީމަ ގޮވައިގެން އަންނާނެ. ވަރަށް ޕްރޮޓެކްޓިވް ކޮށް ގެންގުޅުނީ.
މިންނު : ކަސްރަތު ކުރައްވަންތޯ؟ ހައު ޑޫޔޫ މެއިންޓެއިން ޔޯ ބޮޑީ؟
އައިޝާ : ކަސްރަތުކުރަން. ޖިމް އަކަށް ދަން، ގޭގަ ވެސް ޖިމެއް ހުރޭ. އެހެންވީމަ ކަސްރަތުކުރުން އެއީ ހަމަ އެވްރިޑޭ ލައިފްގަ އަޅުގަނޑު ކުރާ ކަމެއް. އެކަމަކު މި ދުވަސްކޮޅު ކަސްރަތާ ދުރުގަ މިއުޅެވެނީ. ކަސްރަތު ކޮށްލާކަށް އެއްވެސް ވަގުތުކޮޅެއް ނުލިބޭ. އެކަމަކު އައިވިލް ސްޓާޓް ކަސްރަތުވެސް ވަރަށް އަވަހަށް. މިންނު ތިވާހަކަ ދެއްކީމަވެސް އަޅުގަނޑަށް ހީވެއްޖެ އަޅުގަނޑު މާ ފަލަ ވެއްޖެހެންވެސް. އެހެންވެ އަޅުގަނޑު ކަސްރަތުކުރަން ކުރިޔަށް އޮތްތާގަ ވަރަށް ބޮޑަށް މަސައްކަތް ކުރާނަން.
މިންނު : ޖަންކް ފުޑް ފަރީއްކުޅުއްވަންތޯ؟
އައިޝާ : ނޫނޭ އަޅުގަނޑު ޖަންކްފުޑެއް ނުކަން. އެކަމަކު މަަހަކު އެއްފަހަރު ވަރު ކެވޭނެ. އަޅުގަނޑު ވަރަށް ހެލްތީކޮށް ކައިގެން އުޅެނީ. ވަރަށް ބަލައިގެން އުޅެނީ
މިންނު : ޑެޒާރޓް ކަހަލަ އެއްޗެހި މިސާލަކަށް ކޭކް، އައިސްކްރީމް ކަހަލަ އެއްޗެހި ފަރީއްކުޅުއްވަންތޯ؟
އައިޝާ : ނޫން. އަޅުގަނޑު ލައިކްވޭ އެކަމަކު ފޮނި އެއްޗެހި އެހާގިނައިން ނުކެވޭ. އެތިކޮޅެއް ކާލާއިރަށްވެސް ހުންނާނީ މޭ ބޮޑުވެ ހޮޑުލަވާގޮތް ވެފަ. އެހެން ނޫންނަމަ އަޅުގަނޑު އަދި ވަރަށް ފަލަ ވާނެ. އެކަމަކު ހުރިހާ ވައްތަރެއްގެ ބެރީސްއާއި ޑިފަރަންޓް ޓައިޕް އޮފް ފުޑްސް އަބަދުވެސް އަޅުގަނޑު ކަން.
މިންނު: ވަޒީރެއްގެ ގޮތުން އެކަންޏެއް ނޫން، ޕާސަނިލިޓީއެއްގެ ގޮތުން ބަލާ އިރު ވެސް އައިޝާ މިހާރު ތީ ސެލެބްރިޓީއެއް. ބައިވަރު ފޭނުން ފޮލޯ ކުރޭ. އިންސްޕިރޭޝަނެއް ގޮތުގަ ބަލައިގަންނަ މީހުން ވެސް އެބަ އުޅޭ. އެމީހުންނަށް ދޭނެ މެސެޖަކީ؟
އައިޝާ : ފުރަތަމަ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑަކީ ސެލެބްރިޓީއެއްގެ ކަމަކަށް. އަޅުގަނޑަށް އެއީ އެހާ ކަމުދާ ބަހެއް ވެސް ނޫން. މާފުކުރައްވާތި. އެކަމަކު އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑުވެސް ދަންނަ ބަޔަކު ރާއްޖޭގަ ތިބޭނެ ކަމަށް. އަޅުގަނޑު ދޭން ބޭނުންވާ ނަސޭހަތަކީ ކަމެއް ކުރަންޏާ އަބަދުވެސް އެއް ރޫޓިންއެއް ފޮލޯކުރަން. އަޅުގަނޑަށް މިވާހެން ނައްޓައިގެން ނުދިޔުން. އަޅުގަނޑު އަމިއްލަ ނަފުސަށް ވެސް ނަސޭހަތްތެރިވަން. ދެން އަޅުގަނޑު ޓްރާންސްޕޯޓް މިނިސްޓަރުގެ ހައިސިއްޔަތުން ޕަބްލިކަށް، ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ރައްކާތެރިކަން އެއީ ކޮންމެ ބޭފުޅަކުވެސް އިސްކަންދޭން ޖެހޭ އެންމެ ފުރަތަމަ ކަންތަކޭ. މިހާރު މި ހިނގާ އެކްސިޑެންޓްތަކާ ދިމާވާ ހާދިސާތަކާ މި ކަންތައްތަކަކީ އިންތިހާ ދަރަޖައަށް ނިކަމެތި ކަންތައްތައް. އާއިލާތަކަށް ދިމާވާ ހިތްދަތިކަންކަން. އަޅުގަނޑުގެ އުއްމީދަކީ ކޮންމެ ބޭފުޅަކު ވެސް ފަރުދީ ޒިންމާ އަދާކުރުން. އަޅުގަނޑުމެންގެ މާހައުލަކީ ކުޑަކުދީންނާއި ބޮޑެތި މީހުންނަށް، އަޅުގަނޑުމެން އެންމެނަށް ވެސް ރައްކާތެރި އަމާން ތަނަކަށް ހެދޭނީ އެންމެން ގުޅިގެން އެ މަސައްކަތް ކޮށްގެން.