ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އުރީދޫއަކީ ރާއްޖޭގައި ކާމިޔާބުކަމާއެކު ފޮރިން އިންވެސްޓްމަންޓުތައް ހިންގޭ ކަމުގެ ނަމޫނާއެއް: ރައީސް

އުރީދޫއަކީ ރާއްޖޭގައި ކާމިޔާބުކަމާއެކު ފޮރިން އިންވެސްޓްމަންޓުތައް ހިންގޭނެ ކަމުގެ ނަމޫނާ ކުންފުންޏެއް ކަމަށާއި ސަރުކާރުން މިއަދުވެސް ފޮރިން އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ތައާރަފްކުރި އީ-ކޮމާސް ފުލެޓްފޯމް "މޫލީ" އިފްތިތާހް ކުރުމަށް ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އުރީދޫގެ ހިދުމަތްތަކުން ޒަމާނީ ޓެކްނޮލޮޖީއާ ފައިހަމަވާނެ ގޮތަށް އިންސާނުން ބިނާކުރުމަކީ ރާއްޖޭގައި ފަސޭހައިން ކުރެވިދާނެ ކަމެއްކަން ހާމަވެގެން ހިގައްޖެ ކަމަށެވެ.

އަދި ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކަށް އުރީދޫއިން ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ޓޫޖީ، ތްރީޖީ އަދި ފޯޖީގެ ޓެކްނޮލޮޖީ އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފްކޮށް، މުޅި ރާއްޖެއަށް އެންމެ ފުރަތަމަ ފޯޖީގެ ހިދުމަތް ފެތުރިގެންދިޔައީ ވެސް އުރީދޫ ނެޓްވޯކުގެ ތެރެއިން ކަމަށެވެ.

"އުރީދޫއަކީ ރާއްޖޭގައި ކާމިޔާބުކަމާއެކު ފޮރިން އިންވެސްޓްމަންޓުތައް ހިންގޭނެ ކަމުގެ ނަމޫނާ ކުންފުންޏެއް. އެފަދަ ކިތަންމެ އިންވެސްޓްމަންޓެއް މިހާރުވެސް ރާއްޖޭގައި އެބަ ހިންގާ، އަދި އެ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާއަށްވުރެ ރާއްޖެއަށް ލިބޭ މަންފާ ވަކިން ކުޑަނޫންކަން އުރީދޫން ތަޖުރިބާ ކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މޯބައިލް ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް އުފަންވާ ކޮންމެ ހިދުމަތެއް، ގަތަރަށް ފަހުގައި އުރީދޫން ދެން ތައާރަފްކުރާ ގައުމަކީ ރާއްޖެ ކަމަށާއި އެއީ ދިވެހީން ޑިޖިޓަލް ޓެކްނޮލޮޖީއަށް ފަރިތަވެފައި ދިވެހިން ޒަމާނީ ޓެކްނޮލޮޖީއަށް ބޭނުންޖެހިފައި ތިބި މިންވަރުން ކަމަށެވެ.

އުރީދޫ އިން މިރޭ އިފްތިތާހްކުރި "މޫލީ" ޕްލެޓްފޯމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ޕްލެޓްފޯމަކީ އިލެކްޓްރޯނިކް ވިޔަފާރިއަށް ފަހި މާހައުލަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ވަކިން ހާއްސަކޮށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، ކުދި އަދި މެދު ފަންތީގެ އިލެކްޓްރޯނިކް ވިޔަފާރިތައް ހިންދެމިލުމަށް ވަރަށް ބޭނުންތެރި ޕްލެޓްފޯމަކަށް އެ ޕްލެޓްފޯމް ވާނެކަމުގައި ރައީސް ވިދާޅުވިއެވެ.