ލައިފް ސްޓައިލް

މާބަނޑު ދުވަސްވަރު މިކަންކަމާ މެދު ވިސްނައި ފިކުރު ނުކުރާށެވެ.

ފަތޯނާ ފާއިޒު

މާބަނޑު ދުވަސްވަރު، އަންހެން މީހާއަށް ވަރަށް ތަފާތު އިހުސާސްތަކެއް ކުރުވައެވެ. އުފާވެރި އިހުސާސްތަކާއެކީގައި، ކަންބޮޑުވެ ހާސްވާގޮތްވެސް ދިމާވެއެވެ. އަދި ވަކިން ހާއްސަކޮށް، ތިބާއަކީ އަލަށް މަންމައަކަށް ވާން އުޅޭ މީހެއް ނަމަ، ކުދިކުދި ކަންކަމާވެސް ފިކުރު ބޮޑުވެ، ހާސްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

މިއޮތީ މާބަނޑު އަންހެނުން އެންމެ ވިސްނާ ބައެއް ކަންކަމެވެ. މިކަންކަމާ މެދު ވިސްނުން ހުއްޓާލާށެވެ. ހާސް ނުވާށެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ލާށެވެ.

ދަރިފުޅު ބައިގެންގޮސްދާނެ:

"މިސްކެރީޖް" ނުވަތަ ބައިގެންދިއުމަކީ މާބަނޑު އަންހެނަކު އެންމެ ބޭނުން ނުވާނެ އެއްކަންތަކެވެ. ދަރިފުޅު ބީވުމުގެ އިތުރުން، އެކަމަކީ ހަށިގަނޑުގައި އެތައް ވޭނެއްވެސް އަޅާނެ ކަމެކެވެ. މިސްކެރީޖް ވެދާނެތީ ތިހާ ވަރަށް ނުވިސްނާށެވެ. ދިރާސާއަކުން ދައްކާ ގޮތުގައި މާބަނޑު އަންހެނުންގެ ބޮޑު ނިސްބަތެއް، ސިއްހަތު ރަނގަޅު ކުދިން އުފަން ކުރުވައެވެ. އަދި ބައިގެންދަނީ އެންމެ 20 އިންސައްތަ މީހުންނެވެ.

މާގިނައިން ހޮޑު ލެވޭތީ ދަރިފުޅަށް ގެއްލުން ވެދާނެ:

ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް މައިމީހާ ބޭނުންކުރާ، ފައިދާ ހުރި ކާނާއިން ލިބޭ ފައިދާ ހާސިލު ކުރުމުގެ ގާބިލުކަން ގުދުރަތުން ލިބިފައިވެއެެވެ. ތިބާއަށް ހޮޑު ލެވުމަކީ، ދަރިފުޅަށް އެެކަމުގެ ސަަބަބުން ގެއްލުން ލިބޭނެ ކަމެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަށިގަނޑަށް މަައިމީހާގެ ފަރާތުން ނިއުޓްރިޝަން ލިބުމަށްވެސް ހުރަހެއް ނެތެވެ. ހޮޑުލެވޭނަމަ، ހޮޑުލެވޭ ކޮންމެ ފަހަރަކު ކުޑަ އެތިކޮޅެއް ކާށެވެ. އަދި ކެއުމުގައި ފައިދާ ހުރި މާއްދާތައް ހިމަނާށެވެ.

ކެވޭ އެއްޗަކުން ދަރިފުޅަށް ގެއްލުން ވެދާނެ:

މާބަނޑު އަންހެނަކު ބަނޑުގައި އޮންނަ ދަރިފުޅަށް ދެރަގޮތެއް ވާކަށް ނޭދޭނެއެވެ. އެހެންކަމުން، ކެއިންބުއިމުގައިވެސް ދަރިފުޅާމެދު ވިސްނެއެވެ. އެއީ ކުރަންވެސް ޖެހޭ ކަމެކެވެ. އެހެންނަމަވެސް މާ ބޮޑަށް އެކަމާ ނުވިސްނާށެވެ. ކައިގެން ނުވާނެ ތަކެއްޗަކީ ކޮބައިކަން ޑޮކްޓަރެއްގެ ލަަފައާއެކުގައި އޮޅުން ފިލުވާށެވެ. ކާ އެއްޗެހީގެ ސަބަބުން ދަރިފުޅަށް ގެންލުން ވެދާނެތީ ވިސްނައި ފިކުރު ކުރެވޭ މިންވަރު އޭރުން ކުޑަވާނެ އެވެ.

ދަރިފުޅުގެ ގައިގައި އައިބެއް ހުރެދާނެ:

ކޮންމެ ފަހަރަކު ސްކޭނެއް ހަދަން ދާއިރު، ހާސްވޭދޯއެވެ؟ އެކަމާ މާބޮޑަށް ނުވިސްނާށެވެ. އުފަންވާ ތުއްތު ކުއްޖެއްގެ ގައިގައި އައިބެއް ހުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އެގޮތަށް ދިމާވަނީ މާބަނޑު އަންހެނުންގެ ތެރެއިން އެންމެ ހަތަރު އިންސައްތަ މީހުންނަށް ކަމަށް ދިރާސާއިިން ދައްކައެވެ.

ފޮލިކް އެސިޑް ފަދަ ވިޓަމިންތައް ގަވައިދުން ކާނަމަ، ދަރިފުޅު އުފަންވާއިރު އައިބު ހުރުން ފަދަ ކަންކަމުން ސަލާމަތްވެއެވެ. އަދި އަބަދުވެސް ﷲގެ ހަޒުރަތުގައި ދުއާ ކުރަން ހަނދާން ބަހައްޓައްޗެވެ.

ވިހެއުމުގެ ވޭން ވަރަށް ބޮޑުވާނެ:

ވިހެއުމުގެ ވޭނާމެދު މާބޮޑަށް ވިސްނެނީ ހެއްޔެވެ؟ އެެހެންވިއްޔާ އިށީންދެލައިގެން އިނދެ އިހަށް ހަމަޖެހިލާށެވެ. ވިހެއުމަކީ ދުނިޔެ ފެށުނީއްސުރެ އަންހެނުން ކުރަމުން އަންނަ ކަމެއް ނޫން ހެއްޔެވެ؟ މި ޒަމާނުގައި އެ ތަދު ކުޑަ ކުރަން އެތައް ކަމެއްވެސް އެބަކުރެއެވެ. އެހެންކަމުން، އެކަމާ އެއްގޮތަކަށްވެސް ހާސް ނުވާށެވެ.

ވިހެއުމުގެ ތެރޭގައި ލަދު ގަންނަ ކަމެއް ދިމާވެދާނެ:

ބައެއް އަންހެނުންނަށް ވިހެއުމުގެ ތެރޭގައި ބޮޑުކަމު ދެވިފައި ހުރި ވާހަކައާއި، ނަރުހުން ގަޔަށް ހޮޑު ލެވުނު ވާހަކައާއި، ފިރިމީހާއާ ދިމާއަށް ހުތުރު ބަހުން ވާހަކަ ދެއްކުނު ވާހަކަ އަޑު އެހިންދޯއެވެ؟ އެކަމާ ނުވިސްނާށެވެ. ނަރުހުންނާ ޑޮކްޓަރުންނަކީ އެތައް އަންހެނުންނެއް ވިއްސާފައި ތިބި ބައެކެވެ. ތިޔަ ހީކުރާ ކަހަލަ އެތައް ކަމެއް އެމީހުން ވަނީ ދެކެފައެވެ. އެހެންކަމުން، ތިބާގެ ފަރާތުން ފެންނާނެ ކަމެއްގެ ސަބަބުން އެމީހުން ފަކުރެއް ނުގަންނާނެއެވެ. އަދި އެއީ އަންހެނާގެ ވިހެއުމުގެ މަރުހަލާގައި ދިމާވާ އަދި ވެދާނެ ކަންކަން އެމީހުން ގަބޫލު ކުރާނެ އެވެ.