ޓްރާންސްފާ މާކެޓް

ޔުނައިޓެޑާއި އެތުލެޓިކޯގެ ޓާގެޓް ނެރޭސް، އަޔެކްސްއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި

އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ޑޭވިޑް ނެރޭސް، ނެދަލޭންޑްސްގެ އަޔެކްސްއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ބްރެޒިލް ވިންގާ ނެރޭސް، އަޔެކްސްއާއެކު ކުރިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ނިމުމަކަށް އަންނަ ގޮތަށް އޮތް ނަމަވެސް، އާ އެއްބަސްވުމުގެ ދަށުން އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2023 ވަނަ އަހަރެވެ.

މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަޔެކްސް ޓީމުން ވިދާލި ކުޅުންތެރިންގެ ތެރޭގައި ނެރޭސް ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން އަޔެކްސް ބަލިވި މެޗުގެ ކުރިން ރެއާލް މެޑްރިޑާއި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

އުމުރުން 22 އަހަރުގެ ނެރޭސް ވަނީ ޗެމްޕިއަންސް ލީގުގައި 15 މެޗު ކުޅެފައެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ސްޕެއިންގެ ރެއާލް މެޑްރިޑް އަދި އިޓަލީ ޗެމްޕިއަން ޔުވެންޓަސްއާ ދެކޮޅަށް ވެސް ގޯލު ޖަހައިފައެވެ.

ބްރެޒިލްގެ ސައޯ ޕައޮލޯ އިން 2017 ވަނަ އަހަރު އަޔެކްސްއާ ގުޅުމަށްފަހު އެ ކްލަބަށް ކުޅުނު 101 މެޗުން އޭނާ ވަނީ ޖުމްލަ 29 ގޯލު ކާމިޔާބުކޮށްފައެވެ. އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން މިދިޔަ މާޗް މަހު ބްރެޒިލް ގައުމީ ޓީމުން ވެސް ފުރުސަތު ލިބިގެންދިޔައެވެ.

ނެރޭސްއަށް ގައުމީ ޓީމުން ފުރުސަތު ލިބުނު ފަހުން އޭނާ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލަކީ މިދިޔަ ޖޫން މަހު ހޮންޑޫރަސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ޖެހި ގޯލެވެ.