ކޮލަމް

މަދީނާގެ އިސްލާމީ ދައުލަތުން ކުރިމަތިލާންޖެހުނު އެންމެ މުހިއްމު ތިން މައްސަލަ - 2

އަބްދުﷲ ފާރޫގް ހަސަން

އިސްލާމްދީނުގެ ނަބިއްޔާ ޤަބޫލުކުރެއްވި ގޮތުގައި އިސްލާމީދައުލަތުގެ ސިޔާސީ އަމިއްލަވަންތަ ކަމާއި ދައުލަތުގެ ބާރުވެރިކަމާއި، އިސްތިޤްލާލަށްޓަކައި އިޤްތިޞާދީ ދުޅަހެއިކަމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. އިންތިހާ ދަރަޖައިގެ މުހިންމު ކަމެކެވެ. އެހެންކަމުން މަދީނާގެ ޔަހޫދީންގެ ވަކިތަކުން މުސްލިމުން ސަލާމަތްކުރައްވައި މުސްލިމުންނަށް އެބައިމީހުންގެ އަމިއްލަ އުސޫލުތަކާ އެއްގޮތަށް އަމިއްލަޔަށް ވިޔަފާރި ކުރެވޭނެ މިނިވަން މުސްތަޤިއްލު ބާޒާރެއްގެ މުހިއްމުކަން އެކަލާގެފާނަށް އެންމެ ފުރަތަމަދުވަހުވެސް ވިސްނައިވަޑައިގެންނެވިއެވެ. އެހެންކަމުން، މަދީނާގައި އޭރުއޮތް ބާޒާރާ މާދުރުނޫން ހިސާބެއްގައި އައު ބާޒާރެެއް އުފެއްދެވިއެވެ. މުސްލިމުންގެ މެދުގައި ފުރިހަމަ އިތުބާރު އުފެދި ވިޔަފާރީގެ އިސްލާމީ ނަޒަރިއްޔާތަކާއި ޙުކުމްތައް ފެތުރުއްވޭނެ ގޮތުންނެވެ.

އިތުރުސާހިބާ އަލަށް އުފެއްދެވި ބާޒާރުގެ ޙާލަތު ދިރާސާ ކުރެއްވުމަށްފަހު އެ ބާޒާރު އެހެން ދިމާޔަކަށް ބަދަލުކުރެއްވިއެވެ. މަދީނާގެ މެދުތެރެއިން ވާދީ ބަޠުހާނުގެ މަރުކަޒީ ސަރަޙައްދުގެ މުހިންމު ތަނަކަށެވެ. އެތަނަކީ އަލްމަސްޖިދުއްނަބަވީއާ ވަރަށް ކައިރި ތަނެކެވެ. ޔަހޫދީންގެ ބާޒާރާ ތަންކޮޅެއް ދުރު ތަނެކެވެ. ހަމައެއާއެކު ވިޔަފާރިވެރީންނާއި، ވިޔަފާރިކުރަންދާ މީހުން އެބާޒާރާމެދު ޝައުޤުވެރިވާފަދަ ފިޔަވަޅުފުޅުތަކެއް އެޅުއްވިއެވެ. މަދީނާގެ އާބާދީ، ކުރީގެ ބާޒާރު ދޫކޮށްލައި ނަބަވީ އާ ބާޒާރާ ދިމާޔަށް އެނބުރޭނެ ގޮތުންނެވެ. އެގޮތުން އެޅުއްވި ފިޔަވަޅުފުޅުތަކުގެ ތެރޭގައި އެ ބާޒާރުގައި ކުރެވޭ ވިޔަފާރީން އެއްވެސް ޓެކްހެއް ނުނެންގެވުމާއި ބޭނުން ކޮންމެ މީހަކަށް އެ ބާޒާރުގައި ވިޔަފާރި ކުރެވޭގޮތަށް ހުޅުއްވައިލެއްވުން ހިމެނެއެވެ.

އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަަސައްލަމަ އަކީ ތަޖުރިބާކާރު ވިޔަފާރިވެރިޔެކެވެ. އެކަލޭގެފާނުވަނީ ޢުކާޒުގެ ބާޒާރާއި ޛިލްމަޖާޒުގެ ބާޒާރުގެ ހުރިހާ އަޑި އުސްކަމެއް ފިސާރި ރަނގަޅަށް ތަޖުރިބާ ކުރައްވައިފައެވެ. އުކާޒުގެ ބާޒާރަކީ، "ޑިއުޓީފްރީ" ބާޒާރެކެވެ. އެހެންކަމުން ޑިއުޓީއާނުލައި ވިޔަފާރިކުރުމަކީ ވިޔަފާރިވެރިންނަށާއި މުދާ ގަންނަ މީހުންނަށް މަންފާ އިތުރުވެފައި ފަސޭހަވާނެ ކަމެއްކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ޔަހޫދީން އެބައިމީހުންގެ ބާޒާރުން ޓެކްސް ނަގައެވެ. ނަބަވީބާޒާރަކީ ޑިއުޓީފްރީ ބާޒާރަކަށް ހެއްދެވުމުން އެ ބާޒާރުގައި މުދަލުގެ އަގުހެޔޮވެ މަދީނާގެ ވިޔަފާރީގެ ސައިލު ނަބަވީބާޒާރާ ދިމާޔަށް ދެމިގަތެވެ.

ނަބަވީބާޒާރަށް ވިޔަފާރިވެރީންގެ އަތްގަދަކުރުން ހުއްޓުވުމަށްޓަކައި ވަކި މީހަކު އެ ބާޒާރުގައި ވަކިތަނެއް އެމީހަކަށް ޚާއްޞަކޮށްގަތުން މަނާކުރެއްވިއެވެ. ކޮންމެދުވަހަކުވެސް އެންމެކުރީން ބާޒާރަށް އަންނަ މީހަކު އެމީހަކު ބޭނުން ތަނެއްގައި ވިޔަފާރި އެޅުމުގެ ހުއްދަ ދެއްވިއެވެ. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ގެ މި ފިޔަވަޅުފުޅުގެ ސަބަބުން އެކަލޭގެފާނުގެ ބާޒާރުގައި ހެނދުނު ފަތިހާ ވިޔަފާރި ހިނގައިގަންނަގޮތްވިއެވެ. އިތުރުސާހިބާ ހަމަޖައްސަވަމުން ގެންދެވީ ކޮންމެ ވިޔަފާރިވެރިޔަކަށްވެސް އެއްވެސް އިމްތިޔާޒެއްނެތި ވިޔަފާރީގެ ހުޅުވިފައިވާ އުޞޫލުން އެމީހެއްގެ ކުރިއެރުމާއި މަންފާ އިތުރުކުރެވޭ ގޮތަށެވެ.

އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ބާޒާރުގެ ކަންތައް ބެލެހެއްޓެވުމަށްޓަކައި އިނިސްޕެކްޓަރުން ޢައްޔަން ކުރެއްވިއެވެ. އިންސްޕެކްޓަރުންގެ ތެރޭގައި ސަހާބީންގެ އިތުރަށް ސަހާބިއްޔާތުންވެސް ހިމެނުއްވިއެވެ. ބާޒާރުގައި ވިކެވޭ ތަކެތީގެ ބާވަތްތައް ބެއްލެވުމުގެ އިތުރަށް މިނެކިރާގޮތްވެސް އެ އިނިސްޕެކްޓަރުން ފުރިހަމަޔަށް ބެލެހެއްޓެވިއެވެ. ބާޒާރުގެ ކަންތައް ހިނގާނުހިނގާގޮތް ބެއްލެވުމަށްޓަކައި އަމިއްލަފުޅަށް ބާޒާރަށް ފައިންޕުޅުބީއްސެވުމަކީވެސް ކައުސާހިބާގެ އާދަފުޅެކެވެ. އެއްފަހަރަކު ގޮވާން ވިއްކާ މީހެއްގެ ގާތުން ލައްވައިފައި ވަޑައިގަންނަވަމުން އޭނާގެ ގޮވާން ބަސްތާތަކުގެ ތެރެއިން ބަސްތާއެއްގެ ތެރެއަށް އަތްޕުޅު ބޭނުއްވިއެވެ. އިތުރުސާހިބާއަށް އެނގިވަޑައިގަތީ އަޑީގައި ހުރި ގޮވާން ހުރީ ތެމިފައިކަމެވެ. އިތުރުސާހިބާ ސުވާލުކުރެއްވިއެވެ. "މިއީ ކޮންކަމެއް ހެއްޔެވެ؟" ވިޔަފާރިވެރިޔާ ޖަވާބުއެރުވިއެވެ. "ވާރޭވެހިގެން ތެމުނީއެވެ." އިތުރުސާހިބާ ޙަދީޘުކުރެއްވިއެވެ. "ތެމިފައިހުރި ގޮވާން މަތީގައި ނުބެހެއްޓީ ކީއްވެގެން ހެއްޔެވެ. އަހުރެމެންނަށް މަކަރުހަދާ މީހާއަކީ އަހުރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ."

(ނުނިމޭ)