ޚަބަރު

އީދު ދުވަހުގެ ހަވީރު މާލެ އަދި ވިލިމާލޭގައި ވެހިކަލް ނުދުއްވޭނެ

ފަތޯނާ ފާއިޒު

މިއަހަރުގެ އަލްހާ އީދު ދުވަހުގައި މާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މިމަހުގެ 11 ވާ ބޮޑު އީދު ދުވަހުގެ ހަވީރު 4:30 އިން އިރުއޮއްސި 6:30 އާ ދެމެދުގެ ވަގުތަކީ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސައިފައެވެ.

އެގޮތަށް ނިންމީ މާލެ ސިޓީ އަކީ ކާރުބާރު ބޮޑު ތޮއްޖެހިފައިވާ ސަރަހައްދަކަށް ވުމާއެކު އަލްހާ އީދުގެ އުފާފާޅުކުރުމަށް ރައްޔިތުން މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އުޅަނދު ދުއްވުން މަނާކަމަށް ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ވަގުތުތަކުގައި ހަމައެކަނި ދުއްވޭނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި، އެމްބިއުލަންސް އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ އުޅަނދުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތުގައި ދެމުންދާ ބަހުގެ ހިދުމަތެވެ.

އީދު ފަދަ މުނާސަބަތުތަކާ ގުޅިގެން ހަވީރުގެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ކުރުމަކީ ފަހަކަށް އައިސް ސަރުކާރުތަކުން އަމަލު ކުރަމުން އަންނަ އުސޫލެކެވެ.