ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޓަނެޓްގެ އަގު ތިރިކޮށްގެން ނޫނީ، ޑިޖިޓަލް ޖަޒީރާ ރާއްޖެ އަތެއް ނުވާނެ: ރައީސް

1

ޑިޖިޓަލް ޓެކްނޮލޮޖީގެ ފުރާނައަކީ އިންޓަނެޓަށްވާއިރު އިންޓަނެޓްގެ އަގު ތިރިކޮށްގެން ނޫނީ ދިވެހިން ދާން ބޭނުންވާ ޑިޖިޓާލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އުރީދޫ އިން ރާއްޖެއަށް އަލަށް ތައާރަފްކުރި އީ ކޮމާސް ޕްލެޓްފޯމް "މޫލީ" ތައާރަފް ކުރުމަށް ކުރުނބާ އައިލެންޑް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކިތަންމެ ވަރަކަށް އެޕްލިކޭޝަންތަކާއި ވެބްޕޯޓަލްތައް ތައާރަފް ކުރި ނަމަވެސް ޑިޖިޓަލް ޓެކްނޮލޮޖީގެ ދުނިޔޭގައި ހުރިހާ ގައުމުތައް އެއް ދުލަކުން ވާހަކަދައްކާ ބަހުރުވަކީ އިންޓަނެޓް ކަމަށެވެ.

އެހެންކަމުން އާންމު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ހަގީގީ މަންފާއެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއަދު ވިސްނަންވީ، ހަމައެކަނި ވިޔަފާރީގެ ފައިދާއަކަށް ނޫން ކަމަށެވެ.

"މިހާރަށް ވިސްނާނަމަ، އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ އަކީ އޭގެ ޒާތުގައި ވެސް އަސާސީ ހިދުމަތެއް. އެހެންވީމާ، އިންޓަނެޓްގެ އަގުތައް އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ، އަޅުގަނޑުމެން މި ދާން ބޭނުންވާ ޑިޖިޓަލް ޖަޒިރާ ރާއްޖޭގެ އައްސޭރި އަތެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

މި ޒަމާނުގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޑިޖިޓަލް ޓެކްނޮލޮޖީކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މުވާސަލާތީ ކަންކަމަށްފަހު، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ހިފަނީ އިންސާނުން ބިނާކުރުމަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރުމަކީ ހިދުމަތްދޭ ފަރާތްތަކަށް ވެސް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމެއް ކަމަށާއި އަދި އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓަކަށް ވާނެކަން ޔަގީން ކަމަށް ރައީސް ވިދާޅުވިއެވެ.

އަމީތާބު

ޖަޒީރާގައި އިންޓަރނެޓް ބޭނުމެއް ނުވާނެ. މަސްހިފާ ދަލެއް އޯކޭ.