ގައުމީ ފުޓްބޯޅަ ޓީމު

ގައުމީ ޓީމު މެލޭޝިއާގައި ކޭމްޕްކުރަނީ، އަނެއްކާވެސް ލީގަށް މެދުކެނޑުމެއް

ވޯލްޑް ކަޕް ކޮލިފައިން 2022ގައި އަންނަ މަހު ކުޅޭ މެޗުތަކަށް ގައުމީ ޓީމު ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން އަނެއްކާވެސް ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމައިފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ ފަސްވަނަ ދުވަހު ގުއާމްއާ ދެކޮޅަށް ރަށުން ބޭރުގައި ރާއްޖެ ނުކުންނަ އިރު، އަންނަ މަހުގެ ދިހަވަނަ ދުވަހު ރާއްޖެއިން އަމިއްލަ ދަނޑުގައި ޗައިނާއާ ދެކޮޅަށް ނުކުންނާނެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ އެ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމު މެލޭޝިއާގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ އިތުރުން މާލޭގައި ވެސް ފަރިތަކުރުންތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ މެޗުތަކަށް ތައްޔާރުވުމަށް ޓީމަށް ފުރުސަތު ދިނުމުގެ ގޮތުން ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މި ހަފުތާ ކުޅޭ މެޗުތަކަށްފަހު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމަށް އެފްއޭއެމް އިން ވަނީ ނިންމައިފައެވެ. މާދަމާ އާއި އަންނަ ހުކުރު ދުވަހު ކުޅޭ މެޗުތަކަށްފަހު ދެން ލީގު އަލުން ފެށޭނީ އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ.

މީގެ ކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ވެސް އެފްއޭއެމް އިން ވަނީ ލީގު މެދުކަނޑާލައިފައެވެ. އެ ފަހަރު ލީގު މެދުކަނޑާލީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މިމަހުގެ ދެވަނަ ދުވަހަށެވެ.