މިނިސްޓަރު އަހުމަދު މަޙުލޫފް

ކުޅިވަރުތައް ތަފާތު ކުރުމެއްނެތި ސާބިއާ އިން ތަމްރީނުތައް ހެދޭނެ މަގުފަހިކޮށްދެނީ

ކުޅިވަރުތައް ތަފާތު ކުރުމެއްނެތި ސާބިއާ އިން ތަމްރީނު ހެދޭ ގޮތަށް ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަންނަ އަންގާރަ ދުވަހު ސްރީލަންކާ ގައުމީ ވޮލީ ޓީމާ ދެކޮޅަށް ރާއްޖޭގެ ޓީމު މާލޭގައި ކުޅޭ މެޗާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖައްސާފައިވަނީ ސާބިއާގެ ކުޅިވަރާ ބެހޭ ވަޒީރު އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި ކަމަށެވެ.

"އޮކްޓޯބަރު ހިސާބުގައި ސާބިއާގެ ކުޅިވަރާ ބެހޭ ވަޒީރު ރާއްޖެ ވަޑައިގަންނަވާނެ. އަޅުގަނޑުމެން އެމްއޯޔޫއެއްގައި ސޮއިކުރާނެ. ވަރަށް ގިނައިން އެމްއޯޔޫތަކުގައި ސޮއިކުރެވޭ. އެކަމަކު އެހާ ޑީޓެއިލްކޮށް ކުޅިވަރަށް ކަން ކުރެވޭ ގޮތް އަޅުގަނޑަކަށް ހިއެއް ނުވޭ ސާބިއާއާއެކު ތައްޔާރުކުރާ އެމްއޯޔޫހާ ތަފުސީލުކޮށް އޮންނާނެހެނެއް. ވޮލީގެ އިތުރުން ފުޓުބޯޅަ، ބާސްކެޓް، ޓެނިސް ފަދަ ކުޅިވަރުތަކަށް ވަރަށް ޑީޓެއިލްކޮށް އޭގައި އެބަހުރި އެކަން ފާހަގަކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ކުރިއަށްއޮތް ސާފް ގޭމްސްގެ ކުރިން ވޯލީބޯޅަ ފިރިހެން ޓީމާއި އަންހެން ޓީމަށް ވެސް ސާބިއާގައި 30 ދުވަހުގެ ކޭމްޕެއް ހަމަޖައްސައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އަންނަ އަންގާރަ ދުވަހު ލަންކާގެ ޓީމު، ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިނިސްޓަރު މަހުލޫފުގެ ދައުވަތަކަށެވެ.

އެ މެޗާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ ވީހާވެސް ގިނަ ބަޔަކު ދިވެހި ޓީމަށް ހިތްވަރުދިނުމުގައި ބައިވެރިވުމަށް އެދޭ ކަމަށާއި އެ މެޗު ވެގެންދާނީ ދިވެހި ވޮލީ އަލުން ދިރިވުމަށް ވަރަށް ރަނގަޅު ފުރުސަތަކަށް ކަމަށެވެ. އަދި ވ. އަތޮޅުގެ ރައްޔިތުންނަށް އެ މެޗަށް މާލެ އައުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.