ޓުއަރިޒަމް

ޖުލައި މަހު އެންމެ ބޮޑު ސާވިސަޗާޖެއް ދިނީ ވޮއްމުލި ރިސޯޓުން

އާނިފާ ހުސެއިން ސިރާޖް

ނިމިގެންދިޔަ ޖުލައިމަހު އެންމެ ބޮޑު ސާވިސްޗާޖެއް ދީފައިވަނީ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓުން ކަމަށް މޯލްޑިވްސް ސާވިސްޗާޖުން ބުނެފިއެވެ.

މޯލްޑިވްސް ސާވިސްޗާޖުން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޮއްމުލި ރިސޯޓުންވަނީ މިދިޔަ މަހު ސާވިސްޗާޖުގެ ގޮތުގައި ބޮލަކަށް 11,188.29 ރުފިޔާ ބަހަައިފައެވެ.

މިއީ ޖުލައި މަހާ އަޅައި ބަލާއިރު 1895.43 ރުފިޔާގެ އިތުރު އަދަދެކެވެ. އެގޮތުން ވޮއްމުލި ރިސޯޓުން ޖޫން މަހު ސާވިސްޗާޖުގެ ގޮތުގައި ދީފައިވަނީ 9,292.86 ރުފިޔާއެވެ.

10,678.81 ރުފިޔާއާއެކު ދެވަނައަށް އެންމެބޮޑު ސާވިސްޗާޖެއް ދީފައިވަނީ ޖުމެއިރާ ވިޓަވެލި ރިސޯޓުންނެވެ. ތިންވަނަ އަށް އެންމެބޮޑު ސާވިސްޗާޖެއް ދީފައިވަނީ ދުސިތު ތާނީ މޯލްޑިވްސް އިންނެވެ. މި ރިސޯޓުން ވަނީ ވޭތުވެދިޔަ މަހުގެ ސާވިސްޗާޖުގެ ގޮތުގައި 10,639.80 ރުފިޔާ ދީފައެވެ.

ޖޫން މަހު 11,416.97 ރުފިޔާއާއެކު އެންމެބޮޑު ސާވިސްޗާޖެއް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ނަމަވެސް ޖުލައި މަހު އެ އަދަދު 9,334.50 ރުފިޔާ އަށް ދަށަށްގޮސް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު ވަނީ ލިސްޓްގެ ހަވަނަ އަށް ވެއްޓިފަ އެވެ.

ރިސޯޓްތަކުން 10 ޕަސެންޓް ސާވިސްޗާޖުގެ ގޮތުގައި ނަގަން ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.