އެޓަރނީ ޖެނެރަލް

ސިންގަޕޯރ ކޮންވެންޝަން އޮން މީޑިއޭޝަން ގައި ރާއްޖެއިން ސޮއި ކޮށްފި

މަރިޔަމް ޝަހުދާ

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން، ސިންގަޕޯރ ކޮންވެންޝަން އޮން މީޑިއޭޝަން ގައި ދިވެހިރާއްޖެއިން ސޮއި ކޮށްފިއެވެ.

ރާއްޖެއިން މި މުއާހަދާގައި މިއަދު ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި މިކަމަށް ހާއްސަކޮށްގެން ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ ފަރާތުން މި މުއާހަދާގައި ގައި ސޮއިކުރެއްވީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތެވެ.

އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން މައުލޫމާތުދިން ގޮތުގައި މި މުއާހަދާއަކީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ ވިޔަފާރީގެ މައްސަލަތަކުން އުފެދޭ ބައިނަލްއަގްވާމީ ސެޓަލްމަންޓް އެގްރީމަންޓުތައް، މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ބަލައިގަތުމަށް ވެވޭ އެއްބަސްވުމެކެވެ. އަދި މި މުއާހަދާއަކީ އޭގައި ބައިވެރިވާ ގައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒު ކުރުމުގައި ގައުމުތަކުގެ މެދުގައި އެއް އުސޫލުތަކަކާއި އިންތިޒާމުތަކެއް ގާއިމު ކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ގާނޫނީ އޮނގަނޑެއް ކަމަށް އޭޖީ އޮފީހުން މައުލޫމާތު ދިނެވެ.

މި މުއާހަދާގައި ރާއްޖެއިން މިއަދު ސޮއިކޮށްފައިވަނީ ރާއްޔިތުން މަޖިލީހުގެ ރުހުމާއެކު އެވެ. ނަމަވެސް މި މުއާހަދާ ތަންފީޒުކުރުމަށް އެކަމާ ގުޅޭ ހާއްސަ ގާނޫނެއް ބޭނުންވާ ކަމަށް އޭޖީ އޮފީހުން މައުލޫމާޓު ދިނެވެ. އަދި މިހާރު މި މުއާހަދާ ތަންފީޒު ކުރަން ބޭނުންވާ ގާނޫނު އެކުލަވައިލުމުގެ މަސައްކަތް އެ އޮފީހުން ފަށާފައިވާ ކަމަށާއި، މި މުއާހަދާ ތަންފީޒު ކުރެވޭނީ ގާނޫނު ވުޖޫދަށް އައުމަށްފަހު ކަމަށް ވެސް އޭޖީ އޮފީހުން މައުލޫމާތު ދިނެވެ.

އޭޖީ އޮފީހުން ބުނީ ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދީ ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ސިންގަޕޯރ ކޮންވެންޝަން އޮން މީޑިއޭޝަން މުއާހަދާ އާއެކު ރާއްޖެ މަސައްކަތް ކުރަމުން އަންނަ މި އަމާޒަށް ވާސިލް ވުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.