ހަބޭސް ބޮޑުބެރު ގުރޫޕު

ހަބޭސްގެ އަހަރީ ދުވަހާ ގުޅިގެން ފޭނުންނަށް ހާއްސަ ހަދިޔާއެއް

ފަތޯނާ ފާއިޒު

1

ހަބޭސް ބޮޑުބެރު ގްރޫޕްގެ އަށް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށާއި މިއަހަރުގެ އަޟްހާ އީދާ ދިމާކޮށް އެ ގުރޫޕުން ދޭ ހަދިޔާއެއްގެ ގޮތުގައި އީދަށް ހާއްސަ ލަވައެއް ނެރެން ނިންމައިފިއެވެ.

ހަބޭސްގެ ވެރިޔާ އަލީ ޝިފާގް (ހަބޭސް އައްޔަ) "ވަން އޮންލައިންއަށް" ބުނީ، ހަބޭސް ބޮޑުބެރު ގުރޫޕުގެ އަހަރީ ދުވަހާއި ކުރިއަށް އޮތް ބޮޑު އީދުގައި އެ ގުރޫޕުން ދޭ ހަދިޔާ، މިރޭ 12:00 އިން ފެށިގެން މިޔުޒިކް ސްޓްރީމިންގ އެޕް ލަވަފޮށިން އަޑުއަހާލެވޭނެ ކަމަށެވެ.

ހަބޭސް އިން އެހުންތެރިންނަށް މިފަހަރު ދޫކޮށްލާ ހާއްސަ ލަވައަކީ އޯޑިއޯ ލަވައެކެވެ. އެ ލަވަ ކިޔާފައިވަނީ ފުރަތަމަ "ވޮއިސް އޮފް މޯލްޑިވްސް" ގެ ޓައިޓަލް ކާމިޔާބުކުރި އަދި އެ އަޑަކުން އެތައް ބައެއްގެ ހިތްތައް ފަތަހަ ކޮށްފައިވާ ހަސަން ތޮލާގް (ތޮލާ)އެވެ.

އައްޔަ ބުނީ ހަބޭސް ބޮޑުބެރު ގުރޫޕުގެ އަހަރީ ދުވަހާ ގުޅިގެން އިތުރު ހަރަކާތްތަކެއް ނުރޭވުނީ މިފަހަރުގެ އީދުގައި ގިނަ ރަށްތަކަށް އެ ގުރޫޕުން ދާންޖެހޭތީ އެކަމަށް ތައްޔާރު ވުމުގެ ގޮތުން ކަަމަށެވެ. މި އަހަރުގެ އީދުގައި ހަބޭސް ބޮޑުބެރު ގުރޫޕުން ހއ. ހޯރަފުށި، ހއ. ދިއްދޫ، ނ. ވެލިދޫގެ އިތުރުން އެ އަތޮޅު ހޮޅުދޫ އަދި ގދ. ގައްދޫއަށް ދިއުމަށް ހަމަޖެހިފައިވާއިރު، އެ ރަށްތަކުގައި ބޮޑުބެރުގެ އަޑު ގުގުމާލުމުގެ އިތުރުން ދިވެހިންގެ ސަގާފީ އައިޓަމްތަކާއެކު ތަފާތު ހަރަކާތްތައް ދައްކާލާނެއެވެ.

އެންމެ ހަތް މެންބަރުންނާއެކު 7 އޮގަސްޓް 2011 ވަނަ އަހަރު ފަށައިގެން ދިވެހީންގެ ހިތްތަކުން ޖާގަހޯދަމުންދިޔަ ހަބޭސް ބޮޑުބެރު ގުރޫޕުގައި މިހާރު ތަފާތު އެކި ހުނަރު ތަކުގެ 27 މެންބަރުން ތިބެއެވެ. ހަބޭސް ގެ ކުޑައިގެ ދަށުން ބޮޑުބެރު ގުރޫޕުގެ އިތުރުން މިޔުޒިކީ އިތުރު ދެ ގުރޫޕެއް ވެސް މިހާރު އަންނަނީ ހިންގަމުންވެ. އެއީ ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ފިއުޝަން އެވެ. ހަބޭސްގެ ސްޓޫޑިއޯއިން ވަނީ ހަތަރު ބޮޑުބެރު އަލްބަމާއި ތިން މަދަހަ އަލްބަމް ވެސް ނެރެފަ އެވެ.

ހަބޭސް ގެ އެކްސްކްލޫސިވް އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.