ކުޅިވަރު

މިހާރު އެވޯޑްސް: އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ދަގަނޑޭއަށް

އަލީ ރިފްޝާން

މިހާރު އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހޯދައިފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި މިހާރު އެވޯޑްސްގެ ހަފުލާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ދަގަނޑޭއާ ހަވާލުކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިދިޔަ އަހަރު ދަގަނޑޭ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މާލޭ ލީގު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށް، ޓީސީ ސްޕޯޓްސް ކްލަބަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ދަގަނޑޭގެ ފަހަތުން ދެވަނަ ހޯދީ މިދިޔަ އަހަރު ނިއު އިން ފުނުނު އަލީ ފާސިރު (ސެންޓޭ) އެވެ. އަދި ތިންވަނަ ހޯދީ އީގަލްސްގެ ފޯވަޑް އަހްމަދު ރިޒުވާން (ރިޒޭ) އެވެ.

ދަގަނޑޭ ވަނީ މިހާރު އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑުގެ އިތުރުން ރަން ބޫޓު ވެސް ހޯދައިފައެވެ. މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ދަގަނޑޭ ވަނީ 42 ލަނޑު ކާމިޔާބުކޮށްފައެވެ.

މިހާރު އެވޯޑްސްގެ އެހެން އެވޯޑުތަކަށް ބަލާ އިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑު އަލީ ހުޒާމް (ހުޒާންޓެ) ހޯދި އިރު، އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔަކަށް ހޮވުނީ އާއިޝަތު މާޖިދާއެވެ. އަދި ފިރިހެން އެންމެ އުންމީދީ ފިރިހެން ވޮލީ ކުޅުންތެރިޔަކަށް އަރީޒް މުހައްމަދު ހޮވުނު އިރު، އެންމެ އުންމީދީ އަންހެން ވޮލީ ކުޅުންތެރިޔަކަށް ހޮވުނީ ޝަހާ ޝާމިންއެވެ.

އިންޑިވިޖުއަލް ކުޅިވަރު އެވޯޑު ހޯދީ ބެޑްމިިންޓަން ދެ ކުޅުންތެރިންނެވެ. އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ އެވޯޑު މުހައްމަދު އަޖުފާން ރަޝީދު ހޯދި އިރު، އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ އެވޯޑު ހޯދީ ފާތިމަތު ނަބާހާއެވެ. އިންޑިވިޖުއަލް ކުޅިވަރުތަކުން އެންމެ އުންމީދީ އަންހެން ކުޅުންތެރިޔަކަށް ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޮވުނު އިރު، އެންމެ އުންމީދީ ފިރިހެން ކުޅުންތެރިޔަކަށް ހޮވުނީ ދުވުންތެރިޔާ މުހައްމަދު ނާއިލްއެވެ.

އޭގެ އިތުރުން އަހަރުގެ ކުޅިވަރު ޝަހުސިއްޔަތަށް ދޭ “ޒާހިރު ނަސީރު އެވޯޑު” ލިބިވަޑައިގެންނެވީ ހިޔަލީ މުހައްމަދު ރަޝީދަށެވެ.