ރައްޔިތުންގެ މަޖިލިސް

ރިސޯޓްތަކުން 10 ޕަސެންޓްގެ ސާވިސް ޗާޖެއް ނަގަން ލާޒިމްކޮށް ގާނޫނަށް އިސްލާހު ގެންނަންޖެހޭކަމަށް ފާސްކޮށްފި

އިބްރާހިމް ޒަކީ

ރިސޯޓްތަކުން 10 ޕަސެންޓް ސާވިސްޗާޖުގެ ގޮތުގައި ނަގަން ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ހުށަހެޅި އެ ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކުރީ ހާޒިރުވެވަޑައިގެން ތިއްބެވި 77 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރިސޯޓްތަކުން 10 ޕަސެންޓްގެ ސާވިސްޗާޖެއް ނަގައި، 99 ޕަސެންޓް މުވައްޒިފުންނަށް ބަހަން ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށް، ލަފާދީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ރިޕޯޓެއް ހުށަހެޅީ، އެކަމާބެހޭގޮތުން އެ ކޮމިޓީގެ މެންބަރު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

ސާވިސްޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުމަށް ލާޒިމް ކުރުމުގެ އިތުރުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ގަވައިދުން ސާވިސް ޗާޖު ދޭތޯ ބަލައި، ސާވިސް ޗާޖުގައި ދިނުމަށް އަމަލުކުރާ އުސޫލަކީ ކޮބައިތޯ ދިރާސާ ކޮށް އެ ކަންތަައް އެއްއުސޫލަކުން ގެންދިޔުމަށްވެސް ބޮންޑާ ހުށަހަަޅުއްވާފައިވެއެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ސާވިސް ޗާޖު ނަގާކަށް ލާޒިމެއް ނޫނެވެ.

ވަޒީފާއާބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ވަޒީފާދޭ ފަރާތަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް ސާވިސް ޗާޖެއް ނަގާނަމަ، ފާއިތުވެފައިވާ މަހު ލިބުނު ފައިސާ ނުވަތަ އެ ފައިސާއިން މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތީން ވަޒީފާދޭ ފަަރާތުން ނަގާ އިދާރީފީ ކެނޑުމަށްފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އޭނާގެ މުވައްޒަފުންނަށް ބަހައި ނިންމަންވާނެ ކަމަށެވެ. އަދި އެމާސްދާގެ (ށ) ގައި ބުނެފައިވަނީ، ސާވިސްޗާޖުގެ ގޮތުގައި، ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވުރެ ގިނަ ނޫން އަދަދެއްގެ ފައިސާ، އިދާރީ ފީއެއްގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ނެގިދާނެ ކަމަށެވެ.

މި ރިޕޯޓަށް ކުރިއަށް ގެންދިޔަ ބަހުސްގައި ވަޒީފާއާބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި ސާވިސްޗާޖު ލާޒިމް ކުރުމަށް، އިސްލާހުގެ ގޮތުގައި އަކުރެއްް އިތުުރު ކުރަން ބައެއް މެންބަރުންވަނީ އެދިވަޑައިގެންފައެވެ.