މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 27

އަބްދުﷲ ފާރޫގް ހަސަން

ކުޅިވަރު

(3 އޯގަސްޓު ގެ އަދަދާ ގުޅޭ)

ދިވެހީންގެ އަމިއްލަ ކުޅިވަރުތަކަކީ މަލިކުމީހުންގެވެސް އަމިއްލަ ކުޅިވަރުތަކެވެ. ރާއްޖޭގެ ބައެއް އަތޮޅުތަކުގައިވެސް އެއަތޮޅުތަކަށް ޚާއްޞަ ކުޅިވަރުތައް ހުންނަ ފަދައިން މަލިކުމީހުންގެވެސް އަމިއްލަ ކުޅިވަރުތަކެއްވެސް ހުރެއެވެ. ބައެއް ކުޅިވަރުތަކުގެ ހަމައެކަނި ނަން ހިސާބަކަށް ރާއްޖެއާ ތަފާތުވެފައިވެސް އެބަހުއްޓެވެ. މިސާލަކަށް އަޅުގަނޑުމެން މިކިޔާ "ގަނޑުފިއްލާ" އަށް މަލިކުމީހުން ކިޔައިއުޅެނީ "ހެލިލަބެއަ" ނުވަތަ "ބަތްގަނޑެއްތާ" އެވެ. ކުޑަކުދީން ކުޅޭ ކުޅިވަރުތަކުގެ ތެރެއިން "ބަތްކައްކަކައްކާ" ފަދަ ބައެއް ކުޅިވަރުތަކާއި ބޮޑެތިމީހުންގެ ކުޅިވަރުގެ ތެރެއިން ތާރަޖެހުން، ބެރުޖެހުން، ދޯނިޖެހުން ފަދަ ކުޅިވަރުތަކުގެ ނަމުގައިވެސް ތަފާތެއް ނެތެވެ.

ތިރީގައި މިވަނީ މަލިކުގައި ކުޅޭ ކުޅިވަރުތަކުގެ ނަންތަކެވެ.

1. ފުނައޮށްކުޅުން (އަންހެންކުދީންގެ ކުޅިވަރެއް)
2. ކުރިކިއްލާ (އަންހެންކުދީންގެ ކުޅިވަރެއް)
3. އޮއްޓުކުޅުން (ފިރިހެންކުދީންގެ ކުޅިވަރެއް)
4. މައްތަގޮނޑިކުޅުން (އަންހެންކުދީންގެ ކުޅިވަރެއް)
5. އޮށްކޮޅައިލައި (ދެޖިންސުގެ ކުދީންވެސް ކުޅޭ ކުޅިވަރެއް)
6. އުޑިންބުޑިން (ތުއްތުކުދީންގެ ކުޅިވަރެއް)
7. ތަށިބަރި (ދެޖިންސުގެ ކުދީންވެސް ކުޅޭ ކުޅިވަރެއް)
8. ފަންގަނޑު/މާރުގަނޑަށް ބާރުޖައްސައިލަ (ފިރިހެންކުދީންގެ ކުޅިވަރެއް)
9. ފޯލި (ފިރިހެންކުދީންގެ ކުޅިވަރެއް)
10. ހިއްލާބޮޑި (ފިރިހެންކުދީންގެ ކުޅިވަރެއް)
11. ނޮޅި (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
12. މައިނޮޅި (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
13. ކޮއްޓުކޮއްޓު (އަންހެންކުދީންގެ ކުޅިވަރެއް)
14. ތަރުކިދަމާ ނާނަކަޓާ (ފިރިހެންކުދީންގެ ކުޅިވަރެއް)
15. ހޯދަންބަޔޯ/ތުބީސް (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
16. ބަތްގަނޑެއްތާ (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
17. އެއްލަންގަނޑަ (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
18. ނާކައަރުވަން (ކުޑައަންހެންކުދީންނާއި ކުޑަފިރިހެންކުދީންގެ ކުޅިވަރެއް)
19. ކޮޅަށްހުރި މީހެއް ވަރަވަރައި (ފިރިހެންކުދީންގެ ކުޅިވަރެއް)
20. ވެލާ (ފިރިހެންކުދީންގެ ކުޅިވަރެއް)
21. ހާބުކުޅުން (ފިރިހެންކުދީންގެ ކުޅިވަރެއް)
22. ހެލިލަބެއަ (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
23. އުޑިންބުޑިން (އަންހެންކުދީންނާއި ފިރިހެންކުދީންގެ ކުޅިވަރެއް)
24. އެގޮނބުތަކުރު މިގޮނބަށްލާން (ފިރިހެންކުދީންގެ ކުޅިވަރެއް)
25. ދަނޑިކުޅުން (ފިރިހެނުންގެ ކުޅިވަރެއް)
26. ތާރަޖެހުން (ފިރިހެނުންގެ ކުޅިވަރެއް)
27. ބެރުޖެހުން (ފިރިހެނުންގެ ކުޅިވަރެއް)
28. ދޯނިޖެހުން (ފިރިހެންކުދީންގެ ކުޅިވަރެއް)
29. އޮޑިއޮޑިކުޅުން (ފިރިހެންކުދީންގެ ކުޅިވަރެއް)
30. ބަތްކައްކަ ކައްކާ (ކުޑައަންހެންކުދީންގެ ކުޅިވަރެއް)
31. ބޮކާބޮކާ
32. އެކޯމިކޯ އެކެދަލިކޯ (ތުއްތުކުދީން ހެއްވަން ކުޅޭ ކުޅިވަރެއް)

އަޅުގަނޑުމެންނަށް މަލިކުގައި ހޭދަކުރެވުނު އެއްމަސްދުވަހުގެ މުއްދަތުގައި މި ކުޅިވަރުތަކުގެ ތެރެއިން މާގިނަ ކުޅިވަރުތަކެއް ކުޅޭގޮތް ލިޔެލެވޭނެ ފުރުޞަތެއް ނުލިބުނެވެ. ނަމަވެސް އަޅުގަނޑުމެންގެ އެކުވެރި އެފް.ޖީ. މުޙަންމަދުގެ ވާގިވެރިކަމާއެކު މީގެތެރެއިން ވަރަށް ގިނަ ކުޅިވަރުތައް ކުޅޭތަން ބެލުމުގެ ފުރުޞަތު ލިބުނެވެ. މަލިކާ ބެހޭގޮތުން ވީހާވެސް ގިނަ މަޢުލޫމާތު ހޯއްދެވުމުގެ ދަހިވެތިކަމުގައި ތިއްބެވި އަޚުންނާއި އުޚުތުންގެ އަރިހުން ވަރަށް ބޮޑަށް މާފުއެދެމެވެ. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް ލިބުނު ފުރުޞަތަށް ނިސްބަތްކުރާއިރު އަޅުގަނޑުމެން އެނބުރިއައީ ހުސްއަތަކާ ނޫނެވެ. މަލިކުގެ އަޚުންނާއި އުޚްތުންގެ މާދަރީބަހަށް އެހީތެރިކަމުގެ އަތެއް ދިއްކުރުމަށް ފަހުގައެވެ. ދިވެހި އަޚުންނާއި އުޚްތުންގެ އަރިހަށް މަލިކާބެހޭ ކޮންމެވެސް ވަރެއްގެ މަޢުލޫމާތުގެ ހަދިޔާއެއް ހުށަހެޅުމުގެ އެކަށޭނަކަމާއިގެންނެވެ. އާދެ، ކޮންމެއަކަސް މިދެވެނީ މައުޟޫޢާ ތަންކޮޅެއް ފޭއަށެވެ. އެހެންކަމުން މިސްރާބު ސީދާކޮށްލުމަށް އަވަސްވެގަންނަމެވެ. އާދެ، ތިރީގައި މިދަންނަވަނީ މަލިކުގެ ބައެއް ކުޅިވަރުތައް ކުޅޭގޮތެވެ.


1. ފުނައޮށްކުޅުން: މިއީ ހަރުވެފައި ހުންނަ ފުނައޮށް ރީތިކޮށް މަށައި އޭގައި ކުލަޖައްސައިގެން އެއިން ކުޅޭ ކުޅިވަރަކަށް ކިޔާ ނަމެކެވެ. މިކުޅިވަރު ކުޅެނީ އަޅުގަނޑުމެން ފަސްއޮށް ކުޅޭ ގޮތަށެވެ. ރާއްޖޭގައިވެސް ފުނައޮށުގެ ބޭނުންކޮށްގެން ފަސްއޮށް ކުޅެ އުޅުނެވެ. މިހާރުވެސް އަރިއަތޮޅާއި ހައްދުންމަތީގެ ބައެއް ރަށްރަށުގައި ފުނައޮށުން ފަސްއޮށް ކުޅެއެވެ.

2. ކުރިކިއްލާ: މިއީވެސް ފަސްއޮށް ކުޅުމެކެވެ. ކުރިކިއްލާ ކުޅޭއިރު ފަސްއޮށް ކުޅެނީ ހަމަ އަޅުގަނޑުމެންވެސް މިހާރު ބޭނުން މިކުރާ ފަސްއޮށުންނެވެ. މަލިކުމީހުން ބުނާގޮތުގައި "ކުރިކިއްލަޔަކީ ވަށްކޮށް ގްލާސްގައި ހައްދައިފައި ހުންނަ އެއްޗެކެވެ. އެއީ މަލިކުގައި ހަދާ އެއްޗެއް ނޫނެވެ. ދަތުރުން ގެންނަ އެއްޗެކެވެ." މި ސިލްސިލާގައި ކުރީންވެސް ދެންނެވިފައިވާނޭ ފަދައިން މަލިކުމީހުން އިންޑިޔާއަށްވެސް ކިޔަނީ ދަތުރެވެ. ދަތުރުން ގެންނަ އެއްޗެކޭ ބުނުމުން، އޭގެ މާނައަކީ އިންޑިޔާއިން ގެންނަ އެއްޗެކެވެ. ދަތުރު ކުއްޖެކޭ ބުނެފިނަމަ އެބުނީ އިންޑިޔާ ކުއްޖެކެވެ.

3. އޮއްޓުކުޅުން: މިއީ ރުކުފަތީގެ ފޫޓެއް ހުންނަވަރުގެ ހަތަރެތިކޮޅުން ކުޅޭ ކުޅިވަރެކެވެ. އަތިރިމަތީގެ ތެތްވެލިގަނޑުގައި ނުވަތަ ދޮންވެލިގަނޑު ކޮނެގެން ތެތްވެލި ނަގައިގެން ޕްލެޓްފޯމެއް ވައްތަރަށް އިންޗިއެއް ދެއިންޗިއެއްގެ އުސްމިނުގައި ތަނެއް ހަދަނީއެވެ. އެތާނގައި ގޮޅިހަމަވާގޮތަށް ރޮނގު އެޅުމުން ކުޅޭތަން ތައްޔާރުވީއެވެ. ދެންކުރާކަމަކީ ފަންވަތުން ކުޅިހެދުމެވެ. މިކުޅި ތައްޔާރުކުރަނީ ފަސޭހައިން ވެލިގަނޑަށް ހަރާލެވޭ ގޮތަށެވެ.

މިކުޅިވަރަކީ ދެމީހުން ނުވަތަ ހަތަރުމީހުން ވެގެން ކުޅޭ ކުޅިވަރެކެވެ. ދޮންވެލިން އުސްކޮށްހަދައި ގޮޅިގޮޅިޔަށް ބައިކޮށްފައި އޮންނަތަނުގެ އެމީހަކާ ވީފަރާތެއްގެ ފުރަތަމަ ގެވަޅަށް ކުޅި ހަރާލާފައި ދެން ހަދަންވާގޮތަކީ އެއްކަލަ ހަތަރު ފަތިކޮޅުގައި އެއްއަތުން ހިފަހައްޓައިފައި އަނެއްއަތުން ޖަހައި ފަތިކޮޅުތައް ފުރޮޅޭގޮތަށް ދޮންވެލިގަނޑު މައްޗަށް ހަތަރެތިކޮޅު ވައްޓައިލަނީއެވެ. އޭގެތެރެއިން ފަތިކޮޅެއް އުއްޑުން ޖެހިއްޖެނަމަ އެމީހަކަށް ކުޅެން ފެށުނީއެވެ. އެއްފަތިކޮޅު އުއްޑުންޖެހެންދެން ކުޅިވަރުގެ ކޮންމެ ބައިވެރިޔަކުވެސް މަސައްކަތް ކުރިޔަށް ގެންދަންވާނެއެވެ.

އެމީހަކު ކުޅެންފެށުމަށްފަހު ދެން ފަތިކޮޅުތައް އުއްޑުންޖެހޭގޮތަށް ވައްޓާލެވޭ ކޮންމެފަހަރަކަށް އެމީހަކަށް އުއްޑުންޖެހުނު ކޮންމެ އެތިކޮޅެއްގެ ޢަދަދަކަށް ޕޮއިންޓު ލިބޭނެއެވެ. ކޮންމެ ޕޮއިންޓެއް ލިބުމުން އެއްކަލަ ވެލިގަނޑަށް ހަރައިލައިފައިހުރި ކުޅި ކޮންމެ ޕޮއިންޓަކަށް ގޮޅިޔަކަށް (ގެވަޅަކަށް) މައްޗަށް ޖައްސަމުންގޮސް މެދުގައި އޮންނަ ގެވަޅަށް އެންމެފުރަތަމަ ކުޅި ގެންދެވޭ މީހަކީ މޮޅުވާ މީހާއެވެ.

4. މައްތަގޮނޑި: މިކުޅިވަރު ކުޅެނީ ރާއްޖޭގެ މީހުން އޮށްވަޅު ކުޅޭއިރު ބޭނުންކުރާ އޮށްވަޅުގޮނޑިއާ އެއްގޮތަށް އޮށްވަޅުގޮނޑީގެ ދެކޮޅުގައި ހުންނަ ބޮޑު ދެވަޅު ނުލައި ހަދައިފައި ހުންނަ ގޮނޑިއެއްގައެވެ. މިގޮނޑީގައި އޮށްވަޅު ގޮނޑީގައި ހުންނަގޮތަށް ވަޅު ހުރެއެވެ. ފަރާތެއްގައި ހުންނަނީ ހަތްވަޅެވެ. މުޅިއެކު ސާދަވަޅެވެ. މިކުޅިވަރު ކުޅެނީ ދެމީހުން ނުވަތަ ހަތަރުމީހުންނެވެ. ދެމީހުން ކުޅޭއިރު އެމީހަކާވީ ފަރާތެއްގެ ހަތްވަޅު އެމީހަކަށެވެ. ހަތަރުމީހުން ކުޅޭއިރު ތިބޭނީ ގޮނޑީގެ ދެފަރާތުގައި ދެމީހުން، ދެކޮޅުގައި ދެމީހުންނެވެ. ދެކޮޅުގައި ތިބޭ ދެމީހުންނަށް އެމީހަކާ އެންމެ ކައިރިއަށް (އެމީހަކާ ވީކޮޅަށް ހުންނަ) ހަތަރު ވަޅެވެ. ދެފަރާތުގައި ތިބޭ ދެމީހުންނަށް ކޮންމެ މީހަކަށް ތިންވަޅެވެ.

މިކުޅިވަރު ކުޅެނީ ބޮލިންނެވެ. ހުދުކުލައިގެ ރީތި ކުދިކުދިބޮލި ހޮވައިގެންނެވެ. ކޮންމެވަޅަކަށް ލަނީ ހަތަރު ބޮއްޔެވެ. ކުޅެންފަށަނީ މައްތަގޮނޑީގެ ކޮންމެވެސް އެއްކޮޅަކުންނެވެ. އޮށްވަޅު ކުޅޭއިރު ހަދާގޮތަށް ފަށާވަޅުގައި އޮންނަ ހަތަރުބޮލި ނަގައިފައި ދެންހުންނަ ވަޅުތަކަށް ވަޅަކަށް ބޮއްޔެއް ލަމުން ގެންދަނީއެވެ. މިގޮތަށް ގެންދާއިރު ކުޅޭމީހާ މަކަރެއް ނުހަދާނަމަ އެމީހަކު ހިނދޭނީ އެމީހަކު ކުޅެންފެށި ވަޅަކަށެވެ. މާލޭގައި މިކިޔާ ހިނދުމަށް އެމީހުން ކިޔަނީ ނިދިވުމެވެ. މިބަސް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އަދި އެހެންގޮތަކަށްވެސް ބޭނުންކުރެއެވެ. ޏ.ފުވައްމުލަކުގައި ކިޔަނީ އިނދުމެވެ. ފުރަތަމަ ފެށިމީހާ ހިނދުމުން ދެން ޖެހިގެން އިންމީހާ ކުޅެންފަށަންވީއެވެ.

(ނުނިމޭ)