ފުރާނަދަންދެން

ފުރާނަދަންދެން - 28

"އިތުރު ލޭގެ ޓެސްޓަތަކާއި ޔޫރިން ޓެސްޓެއްވެސް ހަދަން އެބަޖެހޭ. މިކޮޅުން ނެހެދޭ ޓެސްޓްތައްވެސް އެބަހުރި. ސާމްޕަލް އަތޮޅު ހޮސްޕިޓަލަށް ފޮނުވައިގެން ހެދޭނީ. އެހެންވީމަ މިކޮޅުގަ އެޑްމިޓްވެފަ އޮތް ޕޭޝަންޓެއްވިއްޔާ ރިޒާލްޓް އައުން އަވަސްވާނެ.. އަޒް....!! އެޑްމިޓްވާން ބޭނުންތަ...؟ ޕޭޝަންޓްގެެ ހިތްހަމަޖެހުމަކީ ރިކަވަރ ވުމަށް އެންމެ މުހިންމު އެކަތި" ނިރާޝް ވާހަކަދެއްކިއެވެ. އަޒްކާ ބޯޖަހާލިއެވެ. އެމީހުން ބުނާގޮތް ހަދައިގެން ނޫނީ އެތަނުން ފަސޭހައިން ސަލާމަތްވެވެން ނެތީމައެވެ.

އޭނާ އިސްއުފުލާ ނިރާޝްގެ މޫނަށް ބަލައިލިއެވެ. އެވަގުތު އެއީ ނިރާޝް ވެސް އަޒްކާގެ މޫނަށް ބަލަން އިން ވަގުތެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ނިރާޝްގެ ހިތުގައި އަދަޔާޚިލާފް ވިންދެއް ޖަހައިލިއެވެ. އަޒްކާ ނަޒަރު ވަކިކޮށްލަންދެން އޭނާ އަޒްކާގެ މޫނަށް ބެލިއެވެ.

**********************

ޑިއުުޓީ ނިންމާފައި ކޮޓަރިއަށް ވަތް ނާހިދް ފެނުމުން އެނދުގައި އިނގިރޭސި ވާހަކަ ފޮތެއް ހިފައިގެން އޮތް ނައިޝީ ތެދުވެ ހެޑްބޯޑުގައި ލެގިލިއެވެ. ފެންވަރަން ވަނުމަށްޓަކައި ހަށިގަނޑުގައި ހުރި އަންނައުނުތައް ނާހިދް ބާލަން ފެށުމުން ނައިޝީ އެހެން ދިމާލެއް ބަލަން ފެށުނެެވެ. އެ މަންޒަރު ނާހިދަށް ފެނުމުން ހިނިއައެވެ.

"ކިހިނެއްތިވަނީ...؟" އަލަމާރި ކައިރީގައި ހުރި ނާހިދް ނައިޝީއަށް ބަލަން ހުރެ ބުނެލިއެވެ. އެ އަޑަށް ނައިޝީ ލަސްލަހުން ނާހިދަށް ބަލައިލިއެވެ. ނާހިދް ތުވާލި އޮޅާލައިގެން ހުރުމުން ނައިޝީ ހަމަޖެހުނެވެ.

"މިގަޑީގަ... ނިމުނީތަ ޑިއުުޓީ...." ނައިޝީ އަހައިލިއެވެ. ފާހާނާއަށް ވަނުމުގެ ބަދަލުގައި ނާހިދް މިސްރާބުޖެހީ އެނދުގައި އިން ނައިޝީއާއި ދިމާލަށެވެ. ނައިޝީ އިސްޖަހައިލިއެވެ. ނާހިދްގެ އެކަހަލަ ލާނެއް ސަމާސާތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މާހިލްގެ ސަބަބުން އޭނާގެ ހިތުގައި ލެވިފައިވި ބިރުވެރިކަންވެސް މަޑުމަޑުން ކެނޑެމުން ދިޔައެވެ. މާހިލްގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާތީ އޭނާ ހުރީ އިތުރަށް ހިތްހަމަޖެހިފައެވެ. ބޯމަތިވަމުން އަންނަ ކަޅު ވިލާގަނޑުގެ އެއްވެސް ހިލަމެއް އޭނާއަށް ނުވެއެވެ.

"ނާހިދް...." ނާހިދަށް ނައިޝީ ގޮވައިލީ ނާހިދު އެނދަށް އަރާ ނައިޝީ އަތުގައި އޮތް ވާހަކަފޮތް އަތުލާ ދުރުގައި ބޭއްވުމުންނެވެ.

"ޑޯންޓް ބީ ނޯޓީ...." ނައީޝީގެ މޫނާއި މޫނު ގާތްކުރަން ފެށުމުން ނައިޝީ ބުނެލިއެވެ. ނައިޝީ ދުރަށްދާން ފެށުމުން ނާހިދަށް މޮޅު ހިޔާލެއް އައެވެ. ނައިޝީއަށް ނުފެންނާނޭހެން އަނގައަށް ގޮތެއް ހަދާލުމަށްފަހު ދުރަށް ޖެހުނެވެ.

"އިޝީ ބޭނުންނުވަންޏާ އޯކޭ.. އަހަރެން މަސައްކަތް މިކުރަނީ މިދެމެދުގައި މިއޮތް ދުރުކަން ކަނޑުވާލަން... ބަޓް އިޓްސް އޯކޭ..." ނާހިދް އެއްފިޔަވަޅު ދުރަށް އަޅާލިތަނާ ހުއްޓެން ޖެހުނީ އޭނާގެ ހަށިގަނޑުގައި ފުރަގަހުން ނައިޝީ ބައްދައިލުމުންނެވެ.

"ނާހިދަށް އަންދާޒާވެސް ނުކޮށްލެވޭނެ ނާހިދުގެ އެންމެ ބީހުމަކަށްޓަކައި އަހަރެން ކުރި ދިގު އިންތިޒާރު. ތިލޯތްބަށް އަހަރެން އެދުނު މިންވަރު" ނާހިދް ނުވިސްނާ ހުއްޓާ ނައިޝީ ނާހިދްގެ ކުރިމަތީގައި ހުއްޓުނެވެ. އެއަށްފަހު ނާހިދްގެ ކޯތާފަތުގެ ދެފަރާތުން ބޮސްދިނެވެ. ތުންފަތުގައި ބޮސްދިނެވެ.

"އައިމް ސޮރީ... އަމް ވެރީ ސޮރީ ލަވް...." ނައިޝީ އިސްނަގަން ފެށުމުން ހުއްޓުވަން އެއްވެސް މަސައްކަތެއް ނާހިދް ނުކުރެއެވެ. އޭނާގެ މޫނުމަތިން ފޫހިކަމެއްވެސް ގަޔާނުވާކަމެއްވެސް ނުދައްކައެވެ. އޭނާ ނައިޝީއަށް ސަތޭކަ ޕަސެންޓް އެއްބާރުލުން ދިނެވެ.

އެއްގަޑިރަށް ދެމިގެންދިޔަ ވަގުތުކޮޅަށްފަހު ނާހިދްގެ އަތް ތެރޭގައި އެއް ކުއިލްޓްގެ ދަށުގައި ދެލޯ މެރިފައި އޮތް ނައިޝީގެ މޫނަށް ނާހިދް ބަލައިލިއެވެ. އޭނާ ހިނިތުންވާން މަސައްކަތްކުރިއެވެ. ހިތުގެ ކަނެއްގައި ކެކުޅުމެއް ވިއެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްފައި ނައިޝީގެ ނިތުގައި ތުންފަތް ޖައްސާލިއެވެ.

"ހީކުރީ ނިދުނީ ކަމަށް" ނައިޝީ ބަލައިލުމުން ނާހިދް ބުނެލިއެވެ.

"ނުނިދަން. ހިތްހަމަޖެހުނުވަރުން އޮތީ. ތެންކިޔު ސޯ މަޗް..." ނާހިދްގެ މޫނުގައި އެއް އަތުން ފިރުމާލަމުން ނައިޝީ ބުނެލިއެވެ.

"އަންބެއްގެ މުހިންމުކަން ކުރިން ނުވިސްނުނީތީ އަހަރެންވެސް މަޢާފަށްއެދެން. އަހަރެން އިޝީއާ ގާތްނުވެ ހުރީ އަހަރެންގެ ހިއްސުތަކުގެ މައްސަލަ އުޅޭތީއެއްނޫން. ހިތް އެހެން ކަމަކަށް ގޮވާތީ އެކަމަށް އިޖާބަދޭންވެގެން. އެކަމަކު މިހާރު އިނގިއްޖެ އެއީ ބޭކާރުކަމެއްކަން. އަހަރެން މިހާރު ބޭނުންވަނީ އިޝީއާއި އެކު ދިރިއުޅުމުގެ ބާކީ މިއޮތް ދުވަސްތައް ހޭދަކުރަން" ނާހިދްގެ ވާހަކަތަކަށްފަހު ނައިޝީގެ ލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓުނެވެ.

"އަހަރެން އިންތިޒާރުކުރާނަން. އަދި ތިދުލުން އަހަރެންދެކެ ލޯބިވެޔޭ ބުނާނެ ދުވަހަކަށް. އަހަރެންނަށް ކުށެއް ކުރެވުނިއްޔާ މަޢާފްކޮށްދޭތި" ފަހުން ބުނެލި ޖުމްލައާއެކު އޭނާގެ އަޑުގައި މޮޅިވެރިގޮތެއް ހުއްޓެވެ. ނާހިދަށް ބޭވަފާތެރި ވެވުނުކަން އަބަދުވެސް އޭނާގެ ހިތަށް އުނދަގު ކުރާނެއެވެ.

******************

ދަންވަރުގެ ހަމަހިމޭން ވަގުތު ރަށުތެރެއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ރަށު ސިއްހީ މަރުކަޒަށް ވަދެގެން ދިޔަ ނިރާޝް ހުއްޓުނީ އަޒްކާ އޮތް ވާޑުގެ ކުރިމަތީގައެވެ. މުޅި މަރުކަޒު ވަނީ ނިދާފައެވެ. ކައުންޓަރުގައި އިން ނަރުސް ކުއްޖާވެސް އިނީ ނިދި ޖެހިފައެވެ. ނިރާޝް ވަދެގެން ގޮސް ހުއްޓުނީ އަޒްކާ އޮތް އެނދުގެ ކުރިމަތީގައެވެ. މިހާރު އަޒްކާގެ އަތަށް ގުޅާފައި އެވަނީ އެންމެފަހު ފުޅިއެވެ. ވަކިން ހުރި އެނދުގައި ނިދިފައި އޮތް ޙަމީދަށް ބަލައިލަމުން ނިރާޝް އިށީނީ އެނދު ކައިރީގައި ހުރި ގޮނޑީގައެވެ. އޭނާ ވަރަށް ފުން ނަޒަރަކުން އަޒްކާގެ މޫނަށް ބަލައިލިއެވެ. ހުދުކުލައިގެ ބެޑްޝީޓް ގައިމަތީގައި އޮތުމުގެ ސަބަބުން ފެންނަން އޮތީ ހަމައެކަނި އަޒްކާގެ މޫނެވެ. އެމޫނަށް ބަލަން ނިރާޝަށް އިނދެވުނީ ގެއްލިފައެވެ. ކޮންފަދަ މައުސޫމް ކަމެއް ހެއްޔެވެ؟ ޅަ އުމުރުގައި ތަޙައްމަލް ކުރަމުން އެދަނީ ހާދަ ބޮޑު ވޭނެކެވެ. ހަށިގަނޑުގެ ބޭރު ފުށުން ޒަޙަމެއް ލަކުނެއް ފެންނަން ނެތް ކަމުގައި ވިޔަސް އެ މޭ ތެރޭގައިވާ ހިތުގައި ލެވިފައިވާ ޒަޙަމްތަކަށް ފަރުވާއެއް ދެވޭނެ އެއްވެސް ފަރާތެއް މިދުނިޔޭގައި ނެތެވެ.

އަޒްކާގެ މޫނަށް ބަލަހައްޓައިގެން އިން ނިރާޝް ސިހުނީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވާލިކަން އިނގުމުންނެވެ. އޭނާ ފަހަތް ބަލައިލިއިރު ކައިރީގައި ހުރި ޙަމީދެވެ.

"ޑޮކްޓަރ ދުރުވެފައި ކީއްވެތޯ އަޅުގަނޑަށް ގޮވާނުލީ.." ޙަމީދު ބުނެލިއެވެ.

"އެވަރުކަމެއްނޫން. މިހާރު މިފުޅި ހުސްވަނީ. ހުސްވީމަ ދެން ރަނގަޅުވާނެ ގެއަށް ގެންދިޔަސް" ގޮނޑިން ތެދުވަމުން ނިރާޝް ބުނެލިއެވެ.

"އަޅުގަނޑު އަތިރިއަކަށް އެރިލާފައި މިއަންނަނީ." ޙަމީދު ބުނެލިއެވެ. ނިރާޝް ބޯޖަހައިލިއެވެ. ފުޅި ހުސްވާން އެހާ ކައިރިވެފައި ވަނިކޮށް އެކަނި އަޒްކާ ދޫކޮށްލަން ބޭނުންނުވާތީ ނިރާޝް ވާޑުގައި މަޑުކޮށްލިއެވެ. އަދިވެސް އަޒްކާއަށް ނިދިފައި އޮތުމުން އޭނާ ކުޑަދޮރު ހުޅުވާލައިގެން މަޑުކޮށްލީ އަޒްކާއަށް ފުރަގަސްވާ ގޮތަށެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނީ އެވަގުތުއެވެ.

ނަރުހަކަށް ނުގޮވާ އައިވީ ހުއްޓުވާފައި ނިރާޝް ވަނީ އޭނާއަށް ޙާއްސަކޮށްފައިވާ ކޮޓަރިއަށެވެ. މޯބައިލް ފޯނު ނަގައިގެން ޑިއުުޓީގައި ހުރި ނަރުހަށް އޭނާ ގުޅައިލީ ގޮނޑީގައި ހަމަޖެހިފައެވެ. ނަރުސްކުއްޖާ ފޯނު ނެގުމާއެކު އަޒްކާގެ އައިވީ ނައްޓުވާ ގެއަށް ދޫކޮށްލުމުގެ ކަންތައްތައް ކުރަން ބުނެލިއެވެ. އަތިރިއަށް އެރުނު ޙަމީދު އަދިވެސް ނާންނަކަން އެނގުމުން ނިރާޝް އަނެއްކާވެސް އަޒްކާ އޮތް ކޮޓަރިއަށް ވަނެވެ. އައިވީ އަޒްކާގެ އަތާއި ވަކިކޮށްފައި ވާއިރު އަދިވެސް އޮތީ ގަދަ ނިދީގައެވެ. ނިރާޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އަޒްކާއަށް ނިދާ އިންޖެކްޝަނެއް ދިނީ އެއީ ކޮންކަހަލަ އިންޖެކްޝަނެއްކަން ހުދު އަޒްކާއަށް ވެސް އޮޅުވާލާފައެވެ. ބޭނުމަކަށްވީ ހިނދުކޮޅަކަށް ނަމަވެސް އެ ވިސްނުންތަކާއި ފިކުރުތަކުން އަޒްކާ ދުރުކޮށްލުމެވެ.

ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ނިރާޝް ހުރިއިރު ބިންމައްޗަށް ކޮންމެވެސް ވަރަކަށް އަލިވަމުން ދިޔައެވެ. އާ ދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔަމުން ކާޅާއި ކޮވެލީގެ ހިތްގައިމު އަޑުތަކުން ސަނާ ގޮވަމުން ދިޔައެވެ.

"ކާކު...؟" ނިރާޝް ފަހަތް ބަލައިލީ އަޒްކާގެ އަޑު އިވުމުންނެވެ. އޭރު އަޒްކާ ތެދުވެ އެނދުގައި އިށިންނަނީއެވެ. މާ ގަދައަށް ނިދުމުގެ ސަބަބުން އޭނާގެ އަޑަށްވެސް ވަނީ ފުދޭވަރެއްގެ ބަރުކަމެއް ވެރިވެފައެވެ. ކުރިމަތީގައި ނިރާޝް ހުރިކަން އިނގުމުން އަޒްކާއަށް އުދަގުވިއެވެ. އޭނާ އިސްޖަހައިލަމުން އެނދުން ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. އިރުކޮޅެއްފަހުން އަޒްކާ އައިރު ނިރާޝް ނެތެވެ. އެނދު ކައިރީގައި ހުއްޓުމަށްފަހު ގެނައި ބުރުހާއި ބޭސްފުޅި ކޮތަޅަށް ލުމަށްފަހު އެނދުގެ ފަޑީގައި އަޅުވާލާފައި އޮތް ތުވާލިން މޫނު ފޮހެލިއެވެ. އެއަށްފަހު ޙައްވަ ބަހައްޓާފައި ހުރި ކޮލޯންފުޅިން އެތިކޮޅެއް ދެ އަތުގައި ހާކާލިތަނާ ވަދެގެން އައީ ޙައްވައާއި ޙަމީދު އެކީގައެވެ. އެދެމީހުންނަށް އަޒްކާ ހިނިތުންވުމެއް ދިނެވެ. އަޒްކާގެ ހިނިތުންވުން ފަނޑުވީ އެދެމީހުންގެ ފަހަތުން ވަތް ނަރުސް ކުއްޖާ ކައިރީގައި ހުރި ނިރާޝް ފެނުމުންނެވެ. އެހާ ހެނދުނާއި އޭނާ އޮތް ކޮޓަރި ތެރެއިން ނިރާޝް ފެނުމުން އޭނާ ހުރީ ނިރާޝާއި ސުވާލުކުރަން ބޭނުންވެފައެވެ.

"ސްލެޕްޓް ވެލް...." އަޒްކާގެ ކުރިމަތީގައި ހުއްޓިލަމުން ނިރާޝް އަހައިލިއެވެ. އަޒްކާ ހަމައެކަނި ބޯޖަހާލީއެވެ.

"ފީލިންގް ބެޓަރ...؟" ދެވަނަ ސުވާލު ނިރާޝް ކޮށްލިއެވެ. މިފަހަރުވެސް އަޒްކާ ބޯޖަހާލިއެވެ.

"ޙައްވައްތާ...! އަޒް ގެއަށް ގެންދިޔަސް ރަނގަޅުވާނެ. އެކަމަކު ވަރަށް އަވަހަށް ވާނެ ނަފްސާނީ ބަލިތަކުގެ ޑޮކްޓަރަކަށް ދައްކަން. އަޒްއަށް ބޭނުންވަނީ ރަނގަޅު ފަރުވާއެއް. އެކަހަލަ ފަރުވާއެއް މިފަދަ އާދައިގެ ސިއްހީ މަރުކަޒަކުން ނުލިބޭނެ" ޙައްވައާއި ވީ ދިމާލަށް އެނބުރިލުމަށްފަހު ނިރާޝް ވާހަކަދެއްކިއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ ޑޮކްޓަރ. ޙަމީދު ގެއަށް ގޮއްސަ ބުނި ރޭގައި ޑޮކްޓަރ ވަރަށް ގިނައިރު މި މަންޖެ ކައިރީގައި އިނޭ... ތިކަހަލަ ޑޮކްޓަރެއް މިޒަމާނު ކިހިނެއް ހޯދާނީ" ޙައްވަ ބުނެލިއެވެ. ޙައްވަ ބުނި އެއްޗަކުން އަޒްކާ ސުވާލުގެ ނަޒަރަކުން ބަލައިލީ ނިރާޝްގެ މޫނަށެވެ. އެކަން އިނގި ނިރާޝް ހުރީ ފެންނަކަމަށް ނަހަދައެވެ.

****************

ގަޑިތަކުން ވަގުތު ބަދަލުވަމުންދާ ވަރަކަށް ދުނިޔެއިން ދުވަހެއްވެސް ދިޔައީ ފާއިތުވަމުންނެވެ. ނާހިދާއި ނައިޝީގެ އުފާވެރިކަމުގެ ކަލަންޑަރުން ހަލުވި ކަމާއެކު ފަހަތަށް ގަނޑު އުކެމުން ދިޔައެވެ. ދުވާލަކު އެތައް ފަހަރަކު ނައިޝީގެ ދުލުން ނާހިދް ދެކެ ވާ ލޯބި ހާމަކުރަމުން ދިޔައިރު އޭނާ އިންތިޒާރު ކުރަމުން ދިޔައީ ނާހިދް ގެ ދުލުން އެ ޖާދޫވީ ބަސްތައް ބުނެލާނެ ދުވަހަކަށެވެ. ނާހިދް ހަމައެކަނި އެހެން ނުބުނާކަމެވެ. އެއްބަސް ނުވި ކަމުގައި ވިޔަސް ނާހިދްގެ ހިތުން އަޒްކާގެ ހަނދާންތައް އެއްފަރާތް ކުރެވިއްޖެ ކަމުގައި ނައިޝީ ނިންމިއެވެ. ނާހިދްގެ ހިތުން އޭނާއަށް ޖާގައެއް މިލްކު ކުރެވިއްޖެ ކަމުގައި ނިންމިއެވެ.

ބަދިގޭގައި މީކާއާއި ބައިވެރިވެގެން ރޭގަނޑުގެ ކެއުން ތައްޔާރުކުރަމުން ދިޔަ ނައިޝީ ހުރީ އަނގައިން ރީތި ލޯބީގެ ލަވައެއްގެ ރާގު އަޅުވާލައިގެންނެވެ. އުނދުން ކައިރީގައި މީކާ ހުރިއިރު ނައިޝީ އިނީ މޭޒު ކައިރީގައި ތަރުކާރީ ކޮށާށެވެ. އޭނާއަށް ދާދި ގާތުގައި ބަލަހައްޓައިގެން ހުރި އިނާޝާވެސް ނުފެންނަ ކަހަލައެވެ. ދުރުގައި ހުރި މީކާވެސް ހުރީ ހިނިތުންވެލައިގެންނެވެ.

"މަންމަތަ....؟؟ ކަ...ކަމަކުތަ.....؟؟އެއްޗެއް ބުނިންތަ....؟" ނައިޝީ ސިހިފައި ކުރިމައްޗަށް ބަލައިލަމުން ބުނެލިއެވެ. އޭނާގެ ތުންފަތުގައިވި ހިނިތުންވެސް ފިލުވާލިއެވެ. އިނާޝާ ބަލަން ހުރި ގޮތުން ލަދުގަތެވެ. ވަކި އެއްޗެއް ނުބުނެ އިނާޝާ ދިޔައީ ނައިޝީގެ ބުރަކަށީގައި ފިރުމާލާފައެވެ.

"ގޯޑް ބްލެސް ޔޫ...." ދޮރާއި ހަމަވެފައި ފަހަތަށް އެނބުރި ބަލައިލަމުން އިނާޝާ ބުނެލިއެވެ. ނައިޝީގެ ތުންފަތަށް ވެރިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ.

ބަދިގޭ ދޮރު މައްޗަށް ނާހިދް އެރިއިރު ފުރިޖު ކައިރީގައި ހުރީ ނައިޝީ އެކަންޏެވެ. އޭނާ ސިއްރު ފިޔަވަޅުތަކެއް އަޅަމުން ގޮސް ހުއްޓުނީ ނައިޝީ ފަހަތުގައެވެ. މަޑުމަޑުން ނައިޝީގެ ފަހަތުން ދެއަތް ގެންގޮސް ވަށައިލިއެވެ. ސިހިފައި ނައިޝީ އަޑުގަދަކޮށްލަން އުޅުނު ވަގުތު ނާހިދް ކޮށްލި ހަރަކާތަކާއެކު ނައިޝީ އޭނާއާއި ވީ ކޮޅަށް އަނބުރާލިއެވެ. އަދި އަނގަމަތީގައި އަތް އެޅިއެވެ.

"ފުރޭތައެއް ނޫން. މިއީ އިޝީގެ ނިކަމެތި ފިރިމީހާ" ނާހިދް މަޖާ ރާގަކަށް ބުނެލިއެވެ. ނައިޝީ އަތް އަޅުވައިލީ ނާހިދްގެ ކަރުގައެވެ.

"ނޭނގޭނެއްނު. ޔޫ ސްކެއަރޑް މީ" ނާހިދްގެ ނޭފަތު ކުރީގައި ހިފާ ކުޑަކޮށް ތަލުވާލަމުން ނައިޝީ ބުނެލިއެވެ.

"މިއަދު ޑިއުުޓީއަށް ދިޔައީ މޯނިންގް ކިސީއެއްވެސް ނުދީ. ސޯ ޔޫ ހޭވް ޓު ޕޭ ނައު..." ނާހިދްގެ ތުންފަތުގައި ބޮސްދިން ވަގުތު ނާހިދް ދުރުވެލީ ކުއްލިއަކަށެވެ. އޭނާ އަވަސް އަވަހަށް ނައިޝީއަށް ފުރަގަސްދިނެވެ. އޮފް ވެގެން ދިޔަ މޫނުމަތިީގެ ކުލަވަރު ވަގުތުން ބަދަލުކޮށްލުމަށް ދެލޯމަރާ ތަގުޅިކޮށްލިއެވެ.

"ވަޓްސް ރޯންގް..." ނާހިދްގެ ކުރިމައްޗަށް ހުއްޓިލަމުން ނައިޝީ އަހައިލިއެވެ.

"ނަތިންގް... އިޝީއަށް ގެނައި ގިފްޓެއް މިއީ. ބޭނުމިއްޔާ ރޫމަށް އާދޭ ފަސް މިނިޓް ތެރޭ" އަތުގައި އޮތް ކަރުދާސް ކޮތަޅު ނައިޝީއަށް ދައްކާލަމުން ނާހިދް ބުނެލިއެވެ. ވަގުތުން ނައިޝީއަށް ހެވުނެވެ. ސިޑިއާއި ދިމާލަށް ބާރަށް ހިނގާފައި ދިޔަ ނާހިދްގެ ފަހަތުން ދުއްވައިގަތީ އެކޮތަޅުގައި އޮތް އެއްޗެއް ބަލައިލާހިތުން ކެތްނުވުމުންނެވެ.

މާކުރިން ކޮޓަރިއަށް ވަދެވުނު ނާހިދް ވަނީ ފާހާނާއަށެވެ. އޭނާ މޫނު ދޮންނަ ތަށި ކުރިމަތީގައި ހުއްޓުނެވެ. ބަދިގެ ތެރޭގައި ދެންމެ ހިނގައިދިޔަ ކަންތަކުން އޭނާ އެގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެއެވެ. ނައިޝީ ހީކުރާނީ ކީކޭ ހެއްޔެވެ؟ ނަމަވެސް އެއީ އޭނާ ގަސްތުގައި ކުރިކަމެއް ނޫނެވެ. އެތަނުގައި އަޒްކާއާއި އެކުގައި ލޯބީގެ ހަނދާނެއް ރައްކާކުރެވިފައި ވީތީ އުނދަގުވީއެވެ. ދެން ފަހަރަކުން އެގޮތަށް ކަންތައް ނުކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ. އޭނާ ކުރި ހިތްވަރެއްގެ ސަބަބުން އޭނާއާއި ނައިޝީއާއި ދެމެދު ލެވިފައިވި ފާރު ވަނީ މުގުރާލެވިފައެވެ. މޫނަށް ފެން އަތްގޮށްޓެއް ޖަހާލުމަށްފަހު އޭނާ ފާހާނާ އިން ނިކުތެވެ. އޭރު ނައިޝީ އެނދުގައި އޭނާގެ އިންތިޒާރުގައި އިނެވެ.

"ތިވެސް ހިފައިގެން ފާހާނާއަށް ވަނީ" ނާހިދް އަތުގައި އޮތް ކޮތަޅު ފެނުމުން ނައިޝީ އަހައިލިއެވެ.

"އިނގޭވިއްޔާ އަހަރެން ނިކުންނަން ވާއިރަށް މީގަ އޮތް އެއްޗެއް އިޝީ ބަލާނެކަން" ހީލުމަކާއެކު ނާހިދް ބުނެލިއެވެ.

"ދެން ދޭންވީނުން" ނައިޝީ ބުނެލިއެވެ. ނާހިދް އައިސް އިށީނީ ނައިޝީ ކައިރީގައެވެ. އޭނާ ވަރަށް ފުން ނަޒަރަކުން ނައިޝީގެ މޫނަށް ބަލައިލިއެވެ.

"އަހަރެން އިޝީއަށް ވަރަށް ޓްރަސްޓްކުރަން. އިނގޭ އިޝީ އަހަރެންނަށް ދުވަހަކުވެސް ދޮގެއް ނަހަދާނެކަން. އެއްވެސް ކަމެއް އޮޅުވައެއްވެސް ނުލާނެކަން" ނާހިދް ވާހަކަދައްކަމުން ދިޔައެވެ. ނައިޝީގެ ހިތުގައި ބިރުވެރިކަމުގެ އޮއިވަރެއް ހިނގާލިއެވެ. ނާހިދް ދައްކަން ފެށި ވާހަކައަކުން އެތަނުގައި އިންނަން އުނދަގުވަމުން ދިޔައެވެ. މާޒީގައި ކުރެވިފައިވާ ފާފަ ހަނދާނަށް އަންނަމުން ދިޔައެވެ.

"އަހަރެން އިޝީއާ ސުވާލެއް ކޮށްލަންތަ...؟ އެއީ މިކޮތަޅުގަ އޮތް އެއްޗެެއް އިޝީއަށް ހަވާލުކުރުމުގެ ކުރިން އަހަރެން ކޮންމެހެންވެސް ޖަވާބު ބޭނުންވާތީ" ނާހިދް އަހައިލިއެވެ.

"އަހަ...އަހާބަލަ...." ރޯމަހެއް ތެޅޭހެން ހިތް ތެޅެމުންދާއިރު ވެސް ނައިޝީ މަސައްކަތްކުރީ އެކަން މޫނުމަތިން ނުދައްކާ ވޭތޯއެވެ.

"މީގެ ދެ ރޭ ކުރިން އިޝީ ބުނީ ތިމަންނައަށް އާ ސިމެއް ނަގައިދޭށޭ. ކީއްވެތަ އިޝީ އެހެން ސިމެއް ބޭނުންވީ..؟ މީހަކު އުނދަގުކުރަނީތަ...؟" ނާހިދް އަހައިލިއެވެ. ނައިޝީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސިމެއް ނަގައިދޭށޭ ބުނިއިރު މި ސުވާލު ނާހިދް ކޮށްފާނެ ކަމަށް އޭނާ ހީކޮށްފައެއްނެތެވެ. ސިމް ބަދަލުކުރަން ބޭނުންވާނީ މާހިލްގެ އުނދަގު ބޮޑުވެގެނޭވެސް ބުނެވޭކަށް ނެތެވެ.

"އިޝީ.....!!! މީހަކު އުނދަގުކުރިޔަސް ނުބުނެ ނުހުންނައްޗެ" ނާހިދް ބުނެލިއެވެ. ގަދަކަމުން ހީލަމުން ނައިޝީ ބޯޖަހައިލިއެވެ.

"މިހާރު މިގެންގުޅޭ ނަންބަރ އެހާ ގިނަ މީހުންނަށް އިނގެން ބޭނުމެއްނޫން. ބޭނުމީ ދެފަރާތުގެ ފެމެލީއަށް އެކަނި އިނގެން. އެހެންވެ..." ނައިޝީ ބުނެލިއެވެ. ހީލުމަށްފަހު ކޮތަޅުން ނެގި ސިމް ބޮކްސް ނައިޝީ އަތަށް ދިނެވެ. ނައިޝީ ޝުކުރުއަދާ ކުރިއެވެ. ނަމަވެސް އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ.

ކުރިން ނައިޝީގެ ފޯނަށް ގުޅުނަސް މިހާރު ނުގުޅޭތީ މާހިލް ރުޅި ގަދަވަމުން ދިޔައެވެ. ހުރިހާ ދިމާލަކުން ނައިޝީ ވަނީ މާހިލްއަށް ގުޅޭނެ މަގު ބަންދުވެފައެވެ. ނަމަވެސް ނައިޝީ އެއްކަމެއް ހަނދާން ނައްތާލީ މާހިލް އަކީ ވެސް މާލޭގައި އުޅޭ މީހެއް ކަމެއް ނޭނގިއެވެ. އޭނާއަށް ނޭނގުނީ މާހިލްއަކީ އަށްޓަމަހެއް ކަމެވެ. ތަތްވުމަށް ފަހު ނައްޓާލުމަކީ ފެން ބޮއިފަ ވައިލުންހާ ފަސޭހަ ކަމެއް ނޫންކަމެވެ. މާހިލް ގޮތެއް ނިންމިއެވެ. އޭނާ ނައިޝީއާއި ދިމާކޮށް ދުވަހަކުވެސް އޭނާގެ އަތް ދަށުން ނައިޝީއަށް ސަލާމަތްނުވޭވެނެ ވަރު ކުރާނެއެވެ.

ނައިޝީ އެކަނި ބޭރަށް ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އެގޭ ދޮށުގައި ހަފްތާއެއް ވަންދެން އޭނާ މަޑުކޮށްފިއެވެ. ނައިޝީ ނިކުންނަނީ އަބަދުވެސް ނާހިދާއި އެކުގައެވެ. ނޫނީ އަންހެން އެކުވެރިޔަކާ އެކުގައެވެ. އޭނާ ގޮތް ހުސްވަމުން ދިޔައެވެ. ގޭ ދޮށުން ނައިޝީ އަތުގައި ނުޖެހޭނެކަން އިނގުމުން އެހެން ގޮތެއް އޭނާ ވިސްނަން ފެށިއެވެ.

ޑިއުޓީ އެއްގަޑިއެއްގައި ޖެހުމުން ނާހިދާއި ނައިޝީ ހޮސްޕިޓަލަށް ދިޔުމަށް ނިކުތީ އެއް ވަގުތެއްގައެވެ. ގަރާޖުން ސައިކަލް ހިފައިގެން ނާހިދް ނިކުންނަން ދެން ނައިޝީ މަޑުކޮށްލައިގެން ހުރީ ގޭޓު ކައިރީގައި މަގުމަތީގައެވެ. އޭނާ ކަޅި ހަރަކާތްކޮށްލި ގޮތަކުން އަނެއް ފަރާތުގައި ޕާކްކޮށްފައި އޮތް ޕިކަޕެއް ފުރަގަހުން ނިކުތް މާހިލް ފެނުނެވެ. ވަގުތުން އޭނާއަށް ލޮލުގައި އަޅާފައިވާ އަވި އައިނު ނަގާފައި ބަލައިލެވުނެވެ. އެއީ ހީވި ގޮތެއް ނޫނެވެ. އެއީ ހަމަ މާހިލްއެވެ. މާހިލްގެ ދެލޮލުން ފެނުނު ރުޅިވެރިކަން ނައިޝީ ވިރުވާލިއެވެ. އޭނާއަށް ހިންދިރުވާލެވުނީ އެއީ ނުބައި ސިގްނަލެއްކަން އިނގުނު ހިނދުއެވެ.

"ކިހިނެއްވެފަ އިޝީ.. މިގޭ ކައިރިން ފުރޭތައެއް ފެނުނީތަ...؟" ސައިކަލުގައި އައިސް އޭނާ ކައިރީގައި މަޑުކޮށްލި ނާހިދް އަހައިލިއެވެ.

"ފުރޭތައަކަށް ވުރެ ވެސް ނުބައި އެއްޗެއް ފެނުނީ..." ސައިކަލަށް އަރާ އިށީންނަމުން ނައިޝީ ބުނެލިއެވެ.

"ކޯޗެއް...؟" ފަހަތް ބަލައިލަމުން ނާހިދް ބުނެލިއެވެ.

"އަޅާނުލާ... މަގުމަތިން ފެންނާނެ ފާޑުފާޑުގެ މަންޒަރުތައް" ނައިޝީ ބުނެލިއެވެ. ހޮސްޕިޓަލާއި ހަމައަށް ދެވެންދެން ނައިޝީ އެއްވެސް ވާހަކައެއް ނުދައްކައެވެ. ހުރިހާ ވާހަކައެއް ދެއްކީ ނާހިދެވެ. ނައިޝީގެ ހިތް ވަނީ ބިރުގަނެފައެވެ. މާހިލް އެގޭދޮށުން ފެނުން އެއީ ރަނގަޅު ފާލެއް ނޫންކަން އޭނާއަށް އިނގިއްޖެއެވެ. މާހިލްގެ ދެލޮލުން އޭނާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

***********

އާދައިގެމަތިން މިއަދުވެސް ހަވީރު ގަޑީގައި އަޒްކާ ގޭގައި ނުބަހައްޓާ ދެ އަންހެން ކުއްޖަކު އައިސް އޭނާ ކުޅޭތަނަށް ގެންދިޔައެވެ. އޭނާ ކުޅުމަށް އެއްބަސްވީ އެކުދިން އާދޭސް ކުރި ވަރުންނެވެ. އެވަގުތުކޮޅު އޭނާ ހުރިހާ ވިސްނުންތަކާއި ފިކުރުތަކުން ދުރުކޮށްދިނެވެ. ނުހޭން ހުއްޓަސް އޭނާ ހެވުނީ ކުޅޭ މައިދާނުގައި ހިނގި މަޖާ ކަންތައްތަކުންނެވެ. ނަމަވެސް މަޣްރިބް ނަމާދަށް ބަންގި ދިނުމާއެކު ކުޅުން ނިންމާލިއެވެ. ވަގުތުން އުފާވެރި މޫޑް ނެތިގޮސް އޭނާގެ ހަފަރާތުން ހަމަހިމޭންކަން ވަށައިލިއެވެ. ދެފައި ކިލާވެފައި ހުރުމުގެ ސަބަބުން އޭނާ ދިޔައީ އެއްފަރާތުން ފެންނަން އޮތް މޫދާއި ދިމާލަށެވެ. ފައިވާން ދެއަތުން ހިފާލައިގެން އޭނާ މޫދުގެ ރަޅުޖަހާ ހިސާބުގައި ހުރީ ލައިގެން ހުރި ހަރުވާޅު ކޮށި ކޮށްލައިގެންނެވެ.

"އަޒް....!" އޭނާ ފަހަތަށް އެނބުރި ބަލައިލީ ނިރާޝްގެ އަޑު އިވުމުންނެވެ. އޭނާ މޫދުން އަރައިގެން އައީ ވަރަށް މަޑުންނެވެ. ފައިގައި ވެލިކޮޅެއް ނުޖެހޭގޮތަށް ހިކިލަންދެން މަޑުކޮށްލީ ކުޅޭތަނުގައި ހުރި ގަހުގައި އެލުވާފައި ހުރި އެކަކަކަށް އިނދެވޭ ގޮތަށް ހުރި ޖޯލީގައެވެ. ނިރާޝް ހުރީީ އޭނާ ކައިރީގައި ރުކެއްގައި ލެގިލައިގެންނެވެ.

"ކީއްވެ ނިރާޝް ތިހެން އުޅެނީ...؟ މީހުން ހީކުރާނީ ކީކޭ...؟ އަހަރެން ވަރަށް ލަދުގަނޭ..." މޫދަށް ބަލަހައްޓައިގެން އިނދެ އަޒްކާ ބުނެލިއެވެ.

"ވަރަށް ބޮޑަށް ސޮރީ... އެއްގޮތަކަށްވެސް އަޒް ލަދުގަންނަވާކަށް ނޫން އަންނަނީ... މަސް ދުވާނީ ފެން އޮތް ތާކަށޭ ބުނާ އުސޫލުން އަހަރެންވެސް ހިތުގެ ހަމަޖެހުން ހުރި ދިމާލަކަށް އާދެވެނީ..." ނިރާޝް ވާހަކަދެއްކިއެވެ.

އަޒްކާ ބަހެއް ކިޔާތޯ އިރުކޮޅަކު ނިރާޝް މަޑުކޮށްލިއެވެ. ނަމަވެސް އަޒްކާ ދުލުން ބަހެއް ނުބުނިތާ މޫނު އަނބުރާ އޭނާއާއި ދިމާލަށް ބަލައިވެސް ނުލިއެވެ.

"މިއުޅެނީ މާލެ ދާންވެގެން" އެންމެފަހުން ނިރާޝް ބުނެލިއެވެ.

"އެހެންތަ...؟ ދެން އަހަރެން ކީތްކޮށްދެންވީ...؟" އަޒްކާ ބުނެލިއެވެ.

"އަޒް އަހަންނަށް އެއްވެސް ކަމެއް ނުކޮށްދިނަސް ހެޔޮ. އެކަމަކު އަހަރެންނަށް އަޒްއަށް ކަމެއް ކޮށްދެވިދާނެ. އެކަމަކު އަޒް ބޭނުމިއްޔާ..." ނިރާޝް ބުނެލިއެވެ. ނިރާޝްގެ ޖުމްލަ ނިމުމާއެކު އަޒްކާ ނިރާޝްއަށް ނަޒަރެއް ދިނެވެ. އަދި ހަމަ އެހާ އަވަހަށް ދުރަށް ނަޒަރު ހުއްޓާލިއެވެ.

"އަހަރެން ނިރާޝްގެ ފަރާތުން ކޮންކަމެއް ބޭނުންވާނީ. އަހަރެން އެއްވެސް ކަމެއް ބޭނުމެއްނޫން" އަޒްކާ ބުނެލިއެވެ.

"ނާހިދްގެ ލޯބިވެސްތަ....؟ އަހަރެން މާލެގޮސް ނާހިދާއި އެއްފަހަރު ނަމަވެސް މީޓްކޮށްލާނަން" ނިރާޝް ބުނެލިއެވެ.

"ނާހިދާއި މީޓް ކުރިޔަސް އަހަރެންގެ އެއްވެސް ވާހަކައެއް ނުދައްކާތި. ނާހިދްގެ އުފާވެރި ހަޔާތް އަހަރެންގެ ސަބަބުން ރޫޅިގެންދާކަށް ނޭދެން. ހެއްދެވިފަރާތް ނޫން އެހެން އެއްވެސް މީހަކަށް ނޭނގޭނެ އެލޯތްބާ ދުރަށްދާން އަހަރެން ކުރި މަސައްކަތް" އަޒްކާ ވާހަކަދެއްކިއެވެ.

"އެންމެ ރަނގަޅު އަޒް ބުނި ގޮތެއް... އެކަމަކު މީޓް ކޮށްލާނަން. އޭނާގެ ދިރިއުޅުމުގެ ކަންތައްތައް ހުރިގޮތް ބަލައިލާން ބޭނުން" ނިރާޝް ވާހަކަދެއްކިއެވެ. އަޒްކާ ލުއިލުއިކޮށް ހީލިއެވެ.

***************

ޑިއުުޓީގެ މެދުތެރެއިން ލިބުނު ބްރޭކް ގަޑީގައި ނައިޝީ ދިޔައީ ކެންޓީނަށެވެ. ހެނދުނު ސައި ނުބޮއެ އާދެވުނީތީ އޭނާ ހުރީ ވަރަށް ބަނޑުހައި ވެފައެވެ. ނާހިދާއި ވަކި ގަޑިއެއްގައި ޑިއުޓީ ޖެހުމުން އޭނާއަށް ދަތިވިޔަސް ނާހިދު ކައިރީގައި ބޭރަށް ކާން ދާން ބުނަން ބޭނުންނުވިއެވެ. ވަގުތުކޮޅު ކުޑަވެފައި އޭނާގެ މޫޑްވެސް ރަނގަޅު ނޫންވީމައެވެ. މިހާރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާއަށް ގޭ ކައިރިން މާހިލް ފެނެއެވެ. އޭނާ އެކަނިވާނެ ވަގުތަކަށް މާހިލް ފާރަލާކަން އެނގުނު ފަހުން މިހާރު އަބަދުވެސް ހުންނަން ޖެހެނީ ވިސްނައިގެންނެވެ. އެކަނި ކެންޓީނަށް ވަންނަން އުޅެފައިވެސް އޭނާގެ ވިސްނުން ބަދަލުކުރިއެވެ. ނޭނގި ނަމަވެސް މާހިލަށް ފުރުސަތު ދޭން އޭނާ ބޭނުންނުވިއެވެ.

ނާހިދްް ޑިޔުޓީ ފެށޭ ގަޑިއާއި ނައިޝީ ޑިއުުޓީ ނިންމާ ގަޑި އެއްގަޑިއަކަށް ވުމުގެ ސަބަބުން ނައިޝީ ގެއަށް ގެންދިޔުމަށް ނާހިދަށް ނާދެވުނެވެ. މާހިލްގެ އުނދަގުލާއި ކުރިމަތިލާން ޖެހިދާނެކަމަށް ބިރުން އޭނާއަށް ފައި މަގުގައި ގެއަށް ދާން ނުކެރުނެވެ. އެހެންކަމުން އޭނާ ގެއަށް ދިޔައީ މޯހަންދާސްއަށް ގުޅައިގެން އެގޭ ކާރުގައެވެ. އޭނާ ގޭޓުން އެތެރެއަށް ވަނުމުގެ ކުރިން ގާޑު މީހާ ކައިރީގައި ނުދަންނަ މީހަކު ގޭ ކައިރީގައި އުޅޭކަން ފާހަގަވެއްޖެނަމަ އޭނާގެ ނަންބަރަށް ގުޅުމަށް އެދުނެވެ.

އިޝާ ނަމާދުކޮށްގެން ނައިޝީ ތިރިއަށް ފޭބީ ރޭގަނޑުގެ ކެއުން މޭޒު މައްޗަށް އަރުވާށެވެ. ނަމަވެސް އޭނާ ދިޔައިރު މީކާ ހުރީ އެކަން ނިންމާފައެވެ. އިނާޝާ ކޮޓަރީގައި ޓަކި ޖަހާލިތަނާ ދޮރު ހުޅުވިއެވެ. ކާން އަންނަން ބުނުމުން އިނާޝާ ބުނީ މޯހަންދާސް ގެއަށް ނާންނަ ވާހަކައެވެ.

"ދަރިފުޅު ބަނޑުހައިވިއްޔާ ދޭ ކާލަން. މަންމަ ކާނީ ބައްޕަ އައިމަ..." އިނާޝާ ބުނެލިއެވެ.

ނައިޝީ ބޯޖަހާލާފައި އަލުން ތިރިއަށް ފޭބިއެވެ. ކާމޭޒު ކައިރިއަށް ގޮސް ކާއެއްޗެހި ތަކުގައި މަތި ޖެހިއެވެ. ނާހިދް ނެތުމުން އޭނާވެސް ކާން ފޫހިވިއެވެ. އެއަށްފަހު އޭނާ އަރައިގެން ދިޔައީ މައްޗަށެވެ.

ގޭ ދޮރުގައި ބެލް އަޅާލީ ނުވައެއް ޖަހަން ގާތްވެފައި ހުއްޓައެވެ. ކޮޓަރީގައި އޮތް މީކާ ނިކުމެގެން ގޮސް ދޮރު ހުޅުވިއިރު ސިޓިންގްރޫމުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

"ނައިޝީއާއި ބައްދަލުކޮށްލަން..." ދޮރު މަތީގައި އަބާޔާ ބޮޑު ހެދުމެއްގައި ހުރި މީހާގެ ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެނެއެވެ. ހިފާލައިގެން ހުރި ބޮޑު އަތް ދަބަހާއި އަންހެން އަޑެއް އިވުމުން މީކާ އެމީހާއަށް ގެއަށް ވަންނަން ދައުވަތު ދިނެވެ.

"ކުޑަ މެޑަމް ވީ ކޮޓަރީގަ" މީކާ ބުނެލިއެވެ. އެމީހާ ހެދުން އަޅާފައި ހުރި ގޮތުން މާގިނައިން ވާހަކަދައްކަން މީކާއަށް ނުކެރުނެވެ.

"އެއީ ދޯ ކޮޓަރި... އަހަރެން އަރާނަން މައްޗަށް..." އަނެއްކާވެސް އެމީހާ ބުނެލިއެވެ. މީކާ އޭނާގެ ކޮޓަރިއަށް ވަނީ ޔަޤީނުންވެސް އެއީ ނައިޝީއާއި ގާތް ގުޅުމެއް އޮތް މީހެއް ކަމަށް ހީކޮށްފައެވެ.

ކޮޓަރީގެ ތަޅުގައި ހިފާ އަނބުރާލުމާއެކު އެތެރެއަށް ދޮރު ހުޅުވިގެން ދިޔައެވެ. ހުދު އައްޔަކުން ކޮޓަރިތެރެ އަލިވެފައި ވާއިރު ދިމާލަށް ހުރި ބޮޑު އެނދުގައި އަރާމުކޮށް ނައިޝީ ނިދާފައި އޮތެވެ. އަތް ކެނޑި ތުނި ޕެޓީކޮޅަކާއި ކުރު ސޯޓްކޮޅެއްގައި އޮތް ނައިޝީއަށް ކޮޓަރިއަށް ވަތް މީހާ ބަލައިލިއެވެ. އެމީހާ އެތެރެއަށް ވަދެ ދޮރު ލޮކް ކޮށްލުމަށްފަހު މޫނު މަތީގައި އަޅާފައިވާ ފޮތިކޮޅު ދަމައިލިއެވެ. މާހިލްގެ ތުންފަތް މައްޗަށް ވެރިވެފައިވާ ވިހަ ހިނިތުންވުން އޭނާއަށް ލިބުނު ކާމިޔާބީގެ ހެއްކަކަށް ފުދެއެވެ.

(ނުނިމޭ)