ދުނިޔެ

ޓައިވާނުން ރާއްޖެއަށް ޓްރަވެލް އެލާޓް ނެރެފި

އާނިފާ ހުސެއިން ސިރާޖް

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޓައިވާނަށް ރިކޯޑު އަދަދަކަށް ޗިކަންގުންޔާ ފެތުރެމުން ދިޔުމުގެ ސަބަބުން ރާއްޖޭގެ އިތުރުން އޭޝިއާގެ ތިން ގައުމަކަށް ޓުރެވަލް އެލާޓް ނެރެފިއެވެ.

ޓައިވާނުގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް (ސީޑީސީ) އިން މިދިޔަ އާދިއްތަ ދުވަހު ބުނި ގޮތުގައި ޖުލައި މަހުން ފެށިގެން އެގައުމަށް ޗިކަންގުންޔާ އެތެރެވެފައިވަނީ މިޔަންމާ، ތައިލެންޑް، އިންޑިއާ އަދި ދިވެހިރާއްޖެއިންނެވެ.

އެހެންކަމުން މި ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށްވެސް ސީޑީސީ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ޓުރެވަލް ވެކްސިން ބޭނުންކުރުމަށާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ސީޑީސީން އިތުރަށް ބުނެފައިވަނީ މިއަހަރު ޗިކަންގުންޔާ ޖެހިގެން އެންމެފުރަތަމަ ރިޕޯޓު ކުރި ކޭސްގެ ސާމްޕަލް ތަހުގީގު ކުރުމުން އެނގިފައިވަނީ އެ ވައިރަސް އެތެރެވެފައިވަނީ މިޔަންމާ އިން ކަމުގައެވެ.

މިއަހަރުގެ ތެރޭގައި މިދިޔަ އާދިއްތަ ދުވަހާ ހިސާބަށް ޗިކަންގުންޔާ ގެ 24 މައްސަލައެއް ވަނީ ޓައިވާނުގައި ރިޕޯޓުކޮށްފައެވެ. މިއީ 2007 ވަނަ އަހަރާ އަޅައި ބަލާ އިރު ރެކޯޑު އަދަދެކެވެ.

ރިޕޯޓުކުރެވުނު 24 މައްސަލައަށް ބަލާއިރު ސީޑީސީން ބުނީ އޭގެ ތެރެއިން 12 މައްސަލަ މިޔަންމާ އިން، 4 މައަސަލަ ރާއްޖެއިން، 3 މައްސަލަ ތައިލެންޑުން، 2 މައްސަލަ އިންޑޮނޭޝީއާ އިން، 1 މައްސަލަ މެލޭޝިއާ އިން، 1 މައްސަލަ ފިލިޕީންސް އަދި 1 މައްސަލަ ފާހަގަވެފައި ވަނީ އިންޑިއާއިން އައި މީހުންގެ ގައިން ކަމަށެވެ.

ސީޑީސީން ބުނީ، ޗިކަންގުންޔާ އަދި ޑެންގޫ މި ދެ ބަލިވެސް ޖެހެނީ މަދިރީގެ ސަބަބުން ކަމަށާއި މި ދެ ބަލީގެ އަލާމާތްތައްވެސް އެއްގޮތް ކަމަށެވެ. އެގޮތުން ކުއްލިއަކަށް ހުން އައުމާއި، ހުޅުތަކުގައި ރިއްސުމާއި ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް ހިމެނެއެވެ.

މަދިރިން ސަލާމަތްވުމަށް މަދިރު ދުންދަނޑި ނުވަތަ ސްޕްރޭ ފަދަ ތަކެތި ބޭނުން ކުރުމާއި ބޮޑަށް ނިވާވާގޮތައް ހެދުން އެޅުމަށާއި ގޭގެ ކުޑަދޮރު ފަދަ ހުޅުވިފައި ހުންނަ ތަންތަނުގައި ނެޓް ފަދަ ތަކެތި ބޭނުންކުރުމަށް ވެސް ފަތުރުވެރިނަނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.