ވެމްކޯ

އިތުބާރާއި ރައްކާތެރިކަމާއެކު ކުނި އުކާލަން ވެމްކޯގެ "ކެޕްސް"

ކުރީގައި ނަމަ ގެއެއްގައި އެއްލާލަން ބޭނުންވާ އެއްޗެއް ނުވަތަ ގިނަ އަދަދެއްގެ ކުނި އެއްފަހަރާ އުކާލަން ބޭނުންނަމަ ޕިކަޕަކަށް ކުނި އަރުވައި، ޑްރައިވަރަށް ފައިސާ ދިނީމަ އެ އުކުނީއެވެ. ބޮލުން އެކަން ދިޔައީއެވެ. ނަމަވެސް ކުނި ގެންދަނީ ކޮންތާކަށްތޯ އާއި ގެންދަނީ ރައްކާތެރި ކަމާއެކުގައިތޯ ބަލާ ބަޔަކު ނޫޅެއެވެ.

އަމިއްލަ މީހާގެ ފަސޭހައަށް ކުރަމުންދިޔަ އެކަމުން އާންމުންނަށް ބޮޑެތި ނުރައްކަލާ ގިނަ އުދަނގުލާ ކުރިމަތިވަމުންދިޔަ އެވެ. ރައްޔިތުން ކުރަމުންދިޔަ ޝަކުވާ ގިނަވިއެވެ. ނަތީޖާއަކަށްވީ އެކަމުގެ ފަސޭހަ ހައްލެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފޯރުކޮށްދޭން ފެށުމެވެ. އެއީ ވެމްކޯގެ ކޯލް އެންޑް ޕިކްއަޕް ސާވިސް (ކެޕްސް) އަދި ކެޕްސް ލައިޓްގެ ހިދުމަތެވެ.

ގިނަ އަދަދެއްގެ ކުނި އެއްފަހަރާ އުކާލަން ކެޕްސް

ސީއެންޑީ ވޭސްޓް ނުވަތަ ގިނަ އަދަދެއްގެ ކުނި އެއްފަހަރާ އުކާލަން ބޭނުންނަމަ ގުޅަންވީ ހިދުމަތަކީ ވެމްކޯގެ ކެޕްސްގެ ހިދުމަތެވެ. ހިދުމަތް ހޯދުމަށް 1666 އަށް ގުޅުއްވާ ނަން ނޯޓް ކުރުމުން ހަފްތާގެ ކޮންމެ ދުވަހަކު ވެސް އެ ހިދުމަތް ހޯއްދެވޭނެއެވެ.

ކެޕްސް އަދި ކެޕްސް ލައިޓްގެ ހިދުމަތް ދިނުމުގައި ވެމްކޯގެ ހަތަރު ސައިޒެއްގެ ޕިކަޕެއް ހަރަކާތްތެރިވެއެވެ. އެއީ 350 ކިލޯގެ ޕިކަޕާއި 1.5 ޓަނުގެ ޕިކަޕާއި 2 ޓަނު އަދި 4 ޓަނުގެ ޕިކަޕެވެ.

އެގޮތުން 350 ކިލޯގެ ޕިކަޕަކަށް 250 ރުފިޔާ ނަގާއިރު، 1.5 ތަނުގެ ޕިކަޕަކަށް ނަގަނީ 550 ރުފިޔާއެވެ. ދެ ޓަނުގެ ޕިކަޕަކަށް 750 އަދި ހަތަރު ޓަނުގެ ޕިކަޕަކަށް 950 ރުފިޔާ ޗާޖު ކުރެއެވެ. މި އަގުތަކަކީ ޖީއެސްޓީގެ ގޮތުގައި ނަގާ ހަ ޕަސެންޓް އަދި ޓްރާންސްފާ ކުރުމުގެ ފީ އާއެކުއެވެ.

ބަރު އަދި ބޮޑެތި ކުނިތަކަށް ކެޕްސް ލައިޓް

ކެޕްސް ލައިޓްގެ ހިދުމަތަކީ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތުގެ ތެރެއިން ނެގުމަށް ހަމަޖެހިފައިނުވާ ބޮޑެތި އަދި ބަރު ކުނި ވަކިން އެއްލާލަން ބޭނުންނަމަ ބޭނުން ކުރަންވީ ހިދުމަތެވެ. ކޮންމެ ހަފްތާއެއްގެ އަންގާރަ، ހުކުރު އަދި ހޮނިހިރު ފޯރުކޮށްދޭ އެ ހިދުމަތަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ހުޅުވާލާފައިވާއިރު، ދެ ފަރާތް އެއްބަސްވާ ތާރީހަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ބުކިން ހެއްދޭނެއެވެ.

އަދި އޮތް ފަސޭހައަކީ އެއްބަސްވެފައިވާ ތާރީހުގައި ހިދުމަތް ފޯރުކޮށްދިނުމަށް ވެމްކޯގެ މުވައްޒަފުން ޒިޔާރަތް ކުރުމުގެ 30 މިނެޓް ކުރިން ކަސްޓަމަރަށް ވެމްކޯއިން ގުޅާނެއެވެ. ކެޕްސް ލައިޓުގެ ހިދުމަތުގެ އަގު ކަނޑައެޅިފައިވަނީ އުކާލާ އައިޓާމުގެ ބޮޑު/ ބަރު މިނަށް ބަލައިގެން 25 ރުފިޔާ އާއި 50 ރުފިޔާ އަދި 75 ރުފިޔާގެ ރޭޓުންނެވެ.