ހަބޭސް ބޮޑުބެރު ގުރޫޕު

ހަބޭސް ބޮޑުބެރު ގުރޫޕުގެ އެކްސްކްލޫސިވް އޮންލައިން މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން

މުހައްމަދު އައުޒަމް

3

ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕު، ހަބޭސް ގެ އެކްސްކްލޫސިވް އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަން އޮންލައިންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓަންޓް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފް އެވެ. ހަބޭސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހަބޭސްގެ ވެރިޔާ އަލީ ޝިފާގް (ހަބޭސް އައްޔަ) އެެވެ.

އެންމެ ހަތް މެންބަރުންނާއެކު ފަށައިގެން ދިވެހީންގެ ހިތްތަކުން ޖާގަހޯދަމުންދިޔަ ހަބޭސް ބޮޑުބެރު ގުރޫޕުގައި މިހާރު ތަފާތު އެކި ހުނަރު ތަކުގެ 27 މެންބަރުން ތިބެއެވެ. ހަބޭސް ގެ ކުޑައިގެ ދަށުން ބޮޑުބެރު ގުރޫޕުގެ އިތުރުން މިޔުޒިކީ އިތުރު ދެ ގުރޫޕެއް ވެސް މިހާރު އަންނަނީ ހިންގަމުންވެ. އެއީ ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ފިއުޝަން އެވެ. ހަބޭސްގެ ސްޓޫޑިއޯއިން ވަނީ ހަތަރު ބޮޑުބެރު އަލްބަމާއި ތިން މަދަހަ އަލްބަމް ވެސް ނެރެފަ އެވެ.

މިބޮޑު އީދުގައި ހަބޭސްގެ ޝެޑިއުލް ވަރަށް ބިޒީއެވެ. މިފަހަރުގެ ބޮޑު އީދުގައި ހަބޭސް ބޮޑުބެރު ގުރޫޕުން ހއ. ހޯރަފުށްޓާއި ހއ. ދިއްދުއާއި ނ. ވެލިދޫގެ އިތުރުން އެ އަތޮޅު ހޮޅުދޫގެ އަދި ގދ. ގައްދުއަށް ދިޔުމަށް ހަމަޖައްސާފައިވާއިރު، އެ ރަށްތަކުގައި ބޮޑުބެރުގެ އަޑު ގުގުމާލުމުގެ އިތުރުން ދިވެހިންގެ ސަގާފީ އައިޓަމްތަކާއެކު ތަފާތު ހަރަކާތްތައް ފެނިގެންދާނެ ކަމަށް ވެސް ހަބޭސް ބޮޑުބެރު ގުރޫޕުން ބުނެ އެވެ.

ހަބޭސް ގެ އެކްސްކްލޫސިވް އޮންލައިން މީޑިއާ އަކަށް ވަން އޮންލައިން ހަމަޖެހުމުން، އެ ގުރޫޕު އިޝްތިހާރުކޮށް އިތުރަށް ޕްރޮމޯޓު ކުރުމުގެ ގިނަ ހަރަކާތްތަކެއް ވަން އޮންލައިން އިން ކުރިޔަށް ގެންދާނެ އެވެ. އެ ގޮތުން ހަބޭސްގެ މުހިންމު ހަރަކާތްތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށް ވަން އޮންލައިން އިން މަސައްކަތް ކުރާނެ އެވެ.