އިމްތިޔާޒް ފަހުމީ

ބޮޑެތި ހިޔާނާތުގެ ތުހުމަތު ކުރެވޭ އެންމެން ތިބީ ދޫވެފައި، އެކަމާ ކަންބޮޑުވޭ: އިންތި

ފަތޯނާ ފާއިޒު

1

ނިމިދިޔަ ސަރުކާރުގައި ހިނގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ބައިވަރު މީހުން ތިބިއިރު، އޭގެ ތެރެއިން އެކަކުވެސް މިވަގުތު ހައްޔަރުގައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލަވައި އިންޑިއާ އަށް ވަޑައިގަންނަވަން އުޅުއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު އިތުރު ނުކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ރޭ އަމުރު ނެރުމުން ރައްޔިތުންގެ މަޖިލިހަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ، ބޮޑެތި މައްސަލަތަކުގައި ހިމެނޭ ފަރާތްތައް މިނިވަނުންގެ ގޮތުގައި އުޅެމުންދާތީ ދައުލަތުގެ ތެރޭގައި ކޮންމެވެސް މައްސަލައެއް އުޅޭކަން ސާފުވާ ކަމަށެވެ.

"މިކަމަށް އަޅުގަނޑުމެން އެބަޖެހޭ ފާރަލާން. މިކަންކަން ބަލަންޖެހޭ" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އަދީބު ފިއްލެވި މައްސަލައިގެ މައުލޫމާތު ރައްޔިތުންނަށް އެނގުނީ އިންޑިއާގެ އެކި ނޫސްތަކުން ރިޕޯޓް ކުރުމުން ކަމަށާއި ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން އެމައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާ ހިއްސާ ކޮށްފައިނުވާ ކަމަށެވެ.

އިންތި ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ނުބައި ނިޔަތުގައި ކަންކަން ކުރަން އުޅޭކަމަށް ވާނަމަ، ފަސޭހަ ކަމާއެކު ކުށްވެރިން ފިލުވުން ފަދަ އަމަލުތައް ހިންގިދާނެ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން އިސްލާހު ކުރުމަކީ މަޖިލީހުން ކުރަންޖެހޭނެ ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.

"އަދީބަށްވެސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ އަޅުގަނޑުމެން ވަކާލާތު ކުރާނެ ކަމެއް. އޭނާގެ ބޭސް ފަރުވާއަށްވެސް ލިބެންޖެހޭ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން. ނަމަވެސް އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ރާއްޖޭގައި ހިނގި މި ބޮޑު ވައްކަމުގެ މައްސަލަތަކާ އަދި އެނޫންވެސް މައްސަލަތަކުގައި ތުހުމަތު ކުރެވިފައިވާ ފަރާތްތައް މިނިވަންވެ ތިބުން" އިންތި ވިދާޅުވިއެވެ.

އިންތި ވަނީ ރައްޔިތުން އިންސާފު ބޭނުންވާކަން ފާހަގަކުރައްވައި ރައްޔިތުން އެދޭ ކަންތައް ކޮށްދިނުމަށް ރާއްޖޭގެ ކޯޓުތަކަށާއި ފުލުހުންނަށް ގޮވާލައްވާފައެވެ.

ޓަގު ބޯޓެއްގައި އަދީބު ފިއްލަވަން މަސައްކަތް ކުރެއްވުމުން ފުލުހުންގެ ބެލުމުގެ ދަށުން ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ރާއްޖެ ގެނެސްފައެވެ. އިންޑިއާ އަށް ދަތުރުކުރަމުން ދިޔަ ޓަގުގައި ހުންނެވި އަދީބު އަތުލައިގަތީ އެ ގައުމުގެ ސިފައިންނެވެ.

އަދީބު އިންޑިއާ އަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމުން އޭނާ ވަނީ ރާއްޖޭގައި ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އިންޑިއާ އިން އަދީބަށް ހިމާޔަތް ނުދީ ދިވެހި ސިފައިންނާ ކަނޑުމަތިން ހަވާލުކުރީ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟