އެފްއޭ ކޮމިއުނިޓީ ޝީލްޑް

ޔޫރަޕުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް، އިނގިރޭސި ޗެމްޕިއަން ސިޓީން ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި

އަލީ ރިފްޝާން

ޕެނަލްޓީ ޝޫޓްއައުޓްގައި ޔޫރަޕުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް، އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީން އެފްއޭ ކޮމިއުނިޓީ ޝީލްޑް އުފުލާލައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު ވަނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ޕެނަލްޓީގައި ލިވަޕޫލްގެ މައްޗަށް ސިޓީން ކުރި ހޯދީ 5-4ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރު ވެސް ކޮމިއުނިޓީ ޝީލްޑް އުފުލާލާފައިވަނީ ސިޓީންނެވެ.

އެ މެޗުގެ ކުރީކޮޅުގައި ލިވަޕޫލަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ލިވަޕޫލްގެ ރޮބާޓޯ ފަމީނޯ ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު އެލިސަން ބެކާ ދިފާއުކުރި އިރު، މުހައްމަދު ސަލާހު ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ސިޓީން ވަނީ މެޗުގެ 12 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޑޭވިޑް ސިލްވާ ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ކުރީގެ ފޯވަޑް ރަހީމް ސްޓާލިންއެވެ.

ލިވަޕޫލް އިން ލީޑު ހޯދުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ސިޓީގެ ސްޓާލިން އާއި ލިވަޕޫލްގެ ސަލާހު އަދި އެޓީމުގެ ވާޖިލް ވެން ޑައިކްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ސްޓާލިން އާއި ސަލާހު ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، ވެން ޑައިކް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލިވަޕޫލް އިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 77 ވަނަ މިނެޓުގައެވެ. ވެން ޑައިކް ނަގައިދިން ހުރަހަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޑިފެންޑަރު ޖޯއެލް މަޓިޕްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ލިވަޕޫލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސިޓީގެ ކީޕަރު ބްރާވޯގެ ބޯ މަތިން ފޮނުވާލި ބޯޅަ، ގޯލު ލައިން މަތިން ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ވަނީ ދިފާއުކޮށްފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޒާޑަން ޝަގީރީ އާއި އެޑަމް ލަލާނާ އާއި އެލެކްސް އޮކްސްލޭޑް ޗެމްބަލޭން އަދި މުހައްމަދު ސަލާހެވެ. ލިވަޕޫލްގެ ޖޯޖީނިއޯ ވައިނަލްޑަމް ފޮނުވާލި ޕެނަލްޓީގެ ހުރަހަކަށްވީ ސިޓީގެ ކީޕަރު ބްރާވޯއެވެ.

ސިޓީން ވަނީ އެޓީމުން ފޮނުވާލި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ. އެޓީމުގެ ޕެނަލްޓީތައް ފޮނުވާލީ އިލްކާއީ ގުންޑޮގަން އާއި ބެނާޑޯ ސިލްވާ އާއި ފިލް ފޮޑެން އާއި އޮލެކްސެންޑާ ޒިންޗެންކޯ އަދި ގެބްރިއަލް ޖެސުސްއެވެ.